ރިޔާސީ އިންތިހާބު 2023

ރައީސްގެ ސިޔާސަތު: ގަދަރުވެރިކަމާއެކު މީހުންނަށް ދިރިއުޅެވޭނެ ގޮތް ހަދައިދިނުން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސިޔާސަތުގެ އެއް ބަޔަކީ ގަދަރުވެރިކަމާއެކު މީހުންނަށް ދިރިއުޅެވޭނެ ގޮތް ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގއ. ކޮނޑޭގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް ހުޅުވިފައިވާ ފުރުސަތު އިތުރުކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތް ހޯދައިދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ ހުރަހެއް ނެތް މައުނަވީ ބައިވެރިވުން ހަމަހަމަކޮށް ހުރިހާ ފަރާތްތަކަށް ލިބިގެން ދިޔުން. ތަކުލީފެއް ނެތް ފުރިހަމަ ހިދުމަތް ރައްޔިތުންނަށް ލިބޭނެ ގޮތް ރައްޔިތުންނަށް ހޯދައިދިނުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރުވެސް ރައްޔިތުންނަށް އެމަގު ފަހިކޮށްދިނުމަށް ކަންތައްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތު މިހާރުވެސް ބޮޑުކޮށްފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އެ ފަރާތްތަކަށް ހިދުމަތްދޭ ޑިސެބިލިޓީ މެނޭޖުމެންޓު އެންޑް ރިހަބިލިޓޭޝަން ސެންޓަރު ހުޅުމާލޭގައި ހުޅުވާ މިހާތަނަށް 6،506 ތެރަޕިއުޓިކް ސެޝަންތައް ބޭއްވިއްޖެ ކަމަށް ވިދާޅުވި އެވެ. އަދި ޕެރަލިމްޕިކް އަދި ސްޕެޝަލް އޮލިމްޕިކްގައި ބައިވެރިވާން ފަށާ އޭގެން ރަންވަނަތައް ދިވެހިން ހޯދަން ފަށައިފި ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގެ ސިޔާސަތަކަށްވީ ވަކި ރަށެއް ތަފާތު ނުކޮށް ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ކޮނޑޭގައިވެސް ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ހިދުމަތްތައް މިހާރު ފޯރުކޮށްދެމުންދާ ކަމުގައި ވިދާޅުވި އެވެ.

"ކޮނޑޭއަކީ ބޮޑު ރަށެއް. ރީތި ރަށެއް. ތަރައްގީކުރެވޭނެ ރަށެއް،" ރައީސް ވިދާޅުވި އެވެ.

ކޮނޑޭއިން ގޯތި ދިން އިރުގައި މުޅި ރާއްޖޭގެ އެންމެންނަށް ގޯއްޗައް އެޕްލައި ކުރެވޭ ގޮތައް ހުޅުވާލާފަ އޮތުމުން ރައީސް ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވާ އެ ރަށު ކައުންސިލަށް ޝުކުރު އަދާކުރައްވާފަ އެވެ.

"އެއީ މިރަށުގެ މުސްތަގުބަލާއި ދޭތެރޭގައި ވިސްނައި ކައުންސިލުން ނިންމި ނިންމުމެއް ކަމަށް ގަބޫލުކުރަން،" ރާއްޖޭގައި އެންމެ މީހުން މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ކޮނޑޭގައި ހުންނަވައިގެން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ކޮނޑޭގެ ބަނދަރު ބޮޑުކޮށްދީ ލަފާ ފުރޭނެ ގޮތަށް އެ ބަނދަރު ހަދައިދޭނެ ކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރަށުގައި ހައުސިން ޔުނިޓު އަޅައިދޭނެ ކަމަށާއި ކޮނޑޭގެ ޒުވާނުން އެންމެ ބޮޑަށް ބޭނުންވެފައި އޮތް ފުޓުބޯޅަ ދަނޑު އަޅައިދިނުމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.