މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ލީޑާޝިޕުން އިންޑިއާ ސަފީރާއެކު ބައްދަލުވުމެއް ބާއްވައިފި

މޯލްޑިވްސް ނެޝެނަލް ޕާޓީ(އެމްއެންޕީ)ގެ ލީޑާޝިޕްގެ ބޭފުޅުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާަފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއާ ބައްދަލުކުރައްވައިފި އެވެ.

އިންޑިއަން ހައިކޮމިޝަންގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން ޕާޓީގެ ނާއިބު ރައީސް ޢަބްދުﷲ ރިޔާޒްއާއި ނާއިބު ރައީސް އަހުމަދު ޝަރީފް އާއި ނާއިބު ރައީސް ޝިދާތާ ޝަރީފް އަދި ޒުވާނުންގެ ވިންގްގެ ލީޑަރު އުމައިރު އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސިޔާސަތަކީ ވަކި ގައުމަކަށް ބަރޯސާނުވާ ޚާރިޖީ ސިޔާސަތެއް ގެންގުޅުން ކަމަށާއި އަދި ކުރިޔަށް އޮތް ތަނުގައި އެ ޕާޓީގެ ނިންމުންތައް ނިންމާނީ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ އެކުވެރި ގުޅުމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް ކަމުގައެވެ. އަދި މިގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް އެމްއެންޕީގެ ފަރާތުން ސަރުކާރަށް ބާރުއަޅާނެ ކަމުގައެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެއްވެސް ގައުމެއްގެ މިލިޓަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭތިއްބުމަކީ އެމްއެންޕީން ތާޢީދުކުރާނެ ކަމެއް ނޫން ކަމުގައެވެ. ނަމަވެސް ރާއްޖެއާއި އެކި ގައުމުތަކުގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދުމާއި، މިލިޓަރީ ގޮތުން ކުރިއަރާފައިވާ ގައުމުތަކާއި ގުޅިގެން ޖޮއިންޓް ތަމްރީނުތައް ހެދުމުން ދޭދޭ ގައުމުތަކަށް މަންފާތަކެއް ލިބޭނެ ކަަމަށެވެ.

އިންޑިޔާއިން ދިވެހިރާއްޖެއަށް ދެމުންގެންދާ އެހީތައް ފާހަގަކުރައްވައި ނާޒިމް ޝުކުރު އަދާކުރެއްވިއެވެ. އަދި ވިދާޅުވީ އިންޑިޔާގެ އެކިއެކި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ، ރާއްޖޭގެ އިގްތިސާދަށާއި އާންމު ރައްޔިތުންނަށް އެކަމުން ވަރަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށެވެ. އަދި އިންޑިޔާއިން ދޭ ލޯނާއި ގްރާންޓްތަކުގެ މަސައްކަތްތައް ހަވާލުކުރުމުގައި ރާއްޖޭގެ ކުންފުނިތަކަށް ބައިވެރިވެ މަސައްކަތްކުރެވޭނެ ފަދަ ގޮތަކަށް ބައްޓަން ކުރެވިފައި އޮތުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އެފަދަ ގޮތަކަށް ބައްޓަންވެފައި އޮތުމުން ރާއްޖެފަދަ ޖަޒީރާ ގައުމެއްގެ އިގުތިސާދަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަންވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން ނާޒިމް ވިދާޅުވީ އިންޑިޔާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށާއި އެމްއެންޕީން އިންޑިޔާއާ ރާއްޖެއާ ދެމެދު މިއޮންނަ އެކުވެރި ގުޅުން އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމަށް މަސައްކަތްކޮށްދޭނެ ކަމުގައެވެ.