މާލޭ ސިޓީ ކައުންސިލް

މާލެ ރައްޔިތުންގެ ބައްދަލުވުން މާޗް 24 ގައި

ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން ފުރަތަމަ ބައްދަލުވުން މާޗް 24 ގައި ބާއްވަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ގާނޫނު ބުނާ ގޮތުން ކައުންސިލްތަކުން އަހަރު ދެ ފަހަރު ރައްޔިތުންގެ ބައްދަލްވުން ބާއްވަން ޖެހެއެވެ. މާލެ ސިޓީ ރައްޔިތުންގެ ފުރަތަމަ ބައްދަލުވުން ބާއްވާނެ ތާރީހު ކަނޑައެޅުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލް އިއްތިފާގާން ފާސްވެފައިވަނީ މިއަހަރުގެ ފުރަތަމަ ބައްދަލުވުން 24 މާޗް ވާ ބުރާސްފަތި ދުވަހުގެ ރޭ ކޮންމެ ދާއިރާއަކުން މަދުވެގެން 20 ރައްޔިތުން ހިމެނޭ ގޮތަށް މާހެފުމާއެކު ބޭއްވުމަށެވެ.

މިބައްދަލު ވުމާއި ގުޅޭގޮތުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގާނޫނުގައި ބަޔާންކުރަނީ ފެބްރުއަރީ މަހުގެ ނިޔަލަށް ނޫނީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ފުރަތަމަ ބައްދަލްވުން ބޭއްވުމަށް ނަމަވެސް ކޮވިޑާއިއެކު އަމަލުކުރަންފެށި ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމަށް ވަކި ތާރީހެއް އެލްޖީއޭއިން ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ހާލަތު ރަނގަޅުވުމުން ވީހާވެސް އަވަހަށް އެ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް އެލްޖީއޭ އިން ލަފާ ދެއްވާފައިވާ ކަމަށެވެ.

މާލޭގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް މީގެ ކުރިން އަވަށްތަކުގެ މެދުގައި ބައްދަލުވުންތައް ބޭއްވިނަމަވެސް މި ފަހަރު މުޅި މާލެ ސިޓީ ތަމްސީލު ވާނެހެން ބޮޑު އެއް ބައްދަލުވުން ބޭއްވުމަށް ވަނީ ނިންމާފައެވެ.