ބޮލީވުޑް

ސަލްމާން ދެކޭގޮތުގައި އަހަރެން ވަރަށް ބަދަލުވެއްޖެ: ބާންސާލީ

ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ ފިލްމުތަކުގައި ބައިވެރިވުމަކީ ބޮލީވުޑް ކޮންމެ އެކްޓަރެއްގެ ވެސް ހުވަފެނެކެވެ. ބާންސާލީގެ ފިލްމުތަކުގައި ބައިވެރިކުރަން އޭނާ އެންމެ ބޭނުން އެއް އެކްޓަރަކީ ސަލްމާން ޚާނެވެ. އޭނާ އުފެއްދި ގިނަ ފިލްމުތަކެއް ސަލްމާނަށް ހުށަހަޅާފައި ވުމުން ވެސް ސަލްމާނާއެކު އޭނާ ފިލްމު އުފައްދަން ބޭނުންވާ މިންވަރު ސާފުވެ އެވެ.

ބާންސާލީ އާއި ސަލްމާން ގުޅިގެން "އިންޝާﷲ" ކިޔާ ފިލްމެއް އިއުލާންކުރުމަށްފަހު ކުއްލިއަކަށް އެ ފިލްމުގެ މަސައްކަތް ވަނީ ހުއްޓާލާފަ އެވެ. އާލިއާ ބަޓް ބަތަލާގެ ރޯލު ކުޅެން ހަމަޖެހިފައިވާ މި ފިލްމުގެ މަސައްކަތް ހުއްޓާލީ ސަލްމާނާއި ބާންސާލީގެ މެދުގައި ޖެހުނު މައްސަލަ ތަކަކާ ގުޅިގެންނެވެ. އަދި އާލިއާ އާއެކު "ގަންގުބާއީ" އުފެއްދުމުގެ މަސައްކަތް ބާންސާލީ ފެށީ "އިންޝާﷲ" ކުޅެން ސަލްމާން ދެކޮޅު ހެދުމުން އެ ފިލްމުގެ މަސައްކަތް ނުކުރަން ނިންމުމަށް ފަހުގަ އެވެ.

"ގަންގުބައީ ކަތިއާވަޅީ" ޕްރޮމޯޓްކުރުމުގެ ގޮތުން ބާންސާލީ ދިން ގިނަ އިންޓަވިއު ތަކެއްގައި އޭނާއަށް އެއް ސުވާލުތަކެއް ކުރިމަތިވި އެވެ. "އިންޝާﷲ" ހުއްޓާލި ސަބަބާއި ސަލްމާނާ ޖެހުނު މައްސަލައަކީ ކޮބައިތޯ އެވެ. އަދި މުސްތަގްބަލުގައި ސަލްމާނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮތީ ކިހާ ވަރަކަށް ތޯއެވެ.

ބާންސާލީ އަދިވެސް ބުނަނީ ސަލްމާނަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. އަދި "ޕަދްމާވަތު"ގެ ފަހުން ވެސް ސަލްމާނާއެކު ފިލްމެއްގެ މަސައްކަތެއް ކުރެވޭތޯ ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"އަހަރެމެން އެންމެންނަކީ ވެސް އިންސާނުންނަށް ވީތީ ބަދަލުތައް އަންނާނެ. އޭނާ ވަރަށް ބޮޑަށް ބަދަލުވެއްޖެ. އަދި އޭނާ ބުނާ ގޮތުން ނަމަ އަހަރެންނަށް ވެސް ބަދަލުތަކެއް އަތުވެއްޖެ،" ބާންސާލީ ބުންޏެވެ.

ބާންސާލީ ބުނި ގޮތުގައި ދެ މީހުންގެ މެދުގައި ޚިޔާލުތަފާތުވާ ކަންކަން ހުއްޓަސް މިހާރު އެ ވާހަކަ ދައްކާ ނޫޅޭ ކަމަށެވެ.

"އަހަރެންގެ ފުރަތަމަ ފިލްމު 'ޚާމޯޝީ' އުފެއްދުމުގައި އެހީތެރިވީ ސަލްމާން. 'ހަމް ދިލް ދޭ ޗުކޭ ސަނަމް' އުފެއްދުމަށް އެހީތެރިވީ އޭނާ. އަދި 'ސާވަރިޔާ'އަށް ވެސް ފުރިހަމަ އެއްބާރުލުން ދިން. އެފަދަ މީހަކަށް އަހަރެންގެ ހިތުގައި ވަރަށް ބޮޑު ގަދަރަކާއި އިހުތިރާމެއް އެބައޮތް. އަހަރެންގެ ކެރިއަރުގެ ފެށުމުގައި އެންމެ މުހިއްމު ރޯލެއް ކުޅުނީ ސަލްމާން. އޭނާގެ ސަބަބުން އަހަންނަށް މިހާތަނަށް އާދެވުނީ. މިހާރު ބޯޅަ އޮތީ އޭނާގެ ކޯޓުގައި. އަހަންނާއެކު މަސައްކަތް ކުރާނެތޯ ނޫންތޯ ނިންމާނީ އޭނާ،" ބާންސާލީ ބުންޏެވެ.

ބާންސާލީ ބުނި ގޮތުގައި "އިންޝާﷲ" އިއުލާންކުރުމަށްފަހު ސަލްމާން އެ ފިލްމުން ވަކިވުމުން އާލިއާ އާއި އޭނާގެ ހިތް ހަލާކުވި އެވެ. އަދި އޭގެ ކުރިން "ޕަދްމާވަތު" ވެސް ކުޅެން އެއްބަސްވެފައި އެންމެ ފަހު ވަގުތު ސަލްމާން އެ ފިލްމު ނުކުޅެން ނިންމާފައި ވެއެވެ. އަދި އެކަމާ ހެދި އެ ފިލްމު ވަރަށް ބޮޑަށް ލަސް ވާން ވެސް މެދުވެރިވި އެވެ.