އެޗްޑީސީ

ހިޔާ ސަރަހައްދުގެ މަގުތައް ނިންމާ ހުޅުވާލައިފި

Mar 4, 2022
1

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތައް ނިންމާ ހުޅުވާލައިފި އެވެ.

އެ މަގުތަކުގެ މަސައްކަތް އެޗްޑީސީން އިއްޔެގެ ވަގުތެއްގައި ނިންމާލުމަށްފަހު މަގުތައް ހުޅުވާލީ މިއަދުގެ ވަގުތެއްގަ އެވެ.

ހިޔާ ސަރަހައްދުގެ މަގުތައް ހަދާ، ހުޅުވާލާފައި މިވަނީ އެ މަގުތައް ހެދުން ލަސްވެ އާންމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ކަންބޮޑުވުންތަކާ ގުޅިގެން މިދިޔަ މަހުގެ 21 ވަނަ ދުވަހު އެޗްޑީސީން ވަނީ އެ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ހިޔާ ސަރަހައްދުގެ މަގުތައް ހަދާ ނިންމާނެ ކަމަށް ބުނެފައެއް ނުވެ އެވެ.

އެޗްޑީސީން މިހާރު މަސައްކަތް ކުރަމުންދަނީ މިމަހުގެ ނިޔަލަށް ހިޔާ ފްލެޓް ސަރަހައްދުތަކުގައި މައިގަނޑު އަސާސީ ހިދުމަތްތައް ގާއިމުކުރުމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުންޏަކަށެވެ.

އިންޑިއާ ކުންފުންޏާ ހަވާލާދީ އެޗްޑީސީން މީގެކުރިން ބުނީ މަގުތައް ނިންމުން ލަސްވީ ކޮވިޑް 19އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އެޗްޑީސީން ކުރިން ނިންމައިގެން ތިބީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މައިގަނޑު މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާތީ އެ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމު ވެސް އެޗްޑީސީން މިހާރު ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން އެ ސަރަހައްދުގައި މިހާރު ވަނީ މިސްކިތެއް އަޅައި ފިހާރަ އަކާއި ސެލޫނެއް ހުޅުވާފަ އެވެ. އަދި ދެވަނަ ފިޔަވައްސަށް ވަނީ ބަހުގެ ހިދުމަތާއި ފުލުހުންގެ ހިދުމަތް ދޭން ފަށާފަ އެވެ.

ދެވަނަ ފިޔަވަހީގައި މިހާރު ދަނީ ސްކޫލުތަކާއި ޕްރީ ސްކޫލުތަކާއި އިތުރު މިސްކިތްތަކާއި ޕާކެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.