ފައިސަލް ނަސީމް

ކުރިއަށް ދިއުމަށް ރަނގަޅު ޖީލެއް އުފައްދަންޖެހޭ: ނައިބްރައީސް

Mar 4, 2022
1

ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް ކުރިއެރުން ލިބެން އޮތީ ރަނގަޅު ޖީލެއް އުފައްދައިގެން ކަމަށާއި އެކަމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ތައުލީމީ ދާއިރާއިން ކަމުގައި ނައިބްރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ނައިބްރައީސް މިހެން ވިދާޅުވީ ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތަމްރީނު ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރިންސިޕަލުންގެ ސްކޮލާޝިޕް ޕްރޮގްރާމް އިފްތިތާހުކުރުމުގެ ގޮތުން ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބްރައީސް ފައިސަލް ވިދާޅުވީ މިއަދުގެ ސަރުކާރުން އަދި ހާއްސަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުލީމީ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެ އިސްކަމުގެ ތެރެއިން ސްކޫލުތަކުގައި ވަސީލަތްތައް ގާއިމުކުރުމާ އެކުއެކީގައި އެ ތަންތަނަށް ބޭނުންވާ ފެންވަރު ރަނގަޅު މުދައްރިސުންނާއި ޕްރިންސިޕަލުންގެ އިތުރުން އެ ދާއިރާއަށް ބޭނުންވާ އެހެނިހެން ފަރާތްތައް ތަމްރީނު ކުރުމަށް ހާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުގެ ފުރުސަތުތައް ނުލިބި އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާ ކަމަށްވެސް ނައިބް ރައީސް ފާހަގަކުރައްވާފައިވެ އެވެ. ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފެށިގެންދާ ތަމްރީނުތަކަކީ މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭ ޕްރޮގްރާމަކަށް ހެދުން މުހިއްމު ކަމުގައިވެސް ފައިސަލް ވިދާޅުވި އެވެ.

ނައިބްރައީސް ވިދާޅުވީ ޕްރިންސިޕަލުންނަކީ ތައުލީމީ މުއައްސަސާތަކުގައި ގިނަ އަދަދެއްގެ މީހުންނާއެކު ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތަކަށްވާއިރު ޕްރިންސިޕަލުންނަކީ އެންމެންގެ އަޑުއަހައި، ހުރިހާ އެންމެންނާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތަކީ ވެސް މުޅި ރާއްޖޭގެ އެންމެހާ ސަރަހައްދުތަކަށް ދަތުރުކޮށް އެތަންތަނުގައި ހުރި މައްސަލަތައް ގާތުން ބަލައި ފާހަގަކޮށް، އެކަންކަމަށް ހައްލު ހޯދައިދިނުން ކަމުގައިވެސް ވިދާޅުވި އެވެ.

ނައިބްރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ މިހާރުގެ ދުވެލީގެ ތެރެއިން ސްކޫލްތަކަށް ދިމާވެފައިވާ ގިނަގުނަ ދަތިތައް ހައްލުކޮށްދެވިގެންދާނެ ކަމަށެވެ. ސްކޫލުތަކުގައި އަދި ހާއްސަކޮށް މުޅި ތައުލީމީ ނިޒާމުގައި ހުރި ދަތިތަކާއެކުވެސް އެ ދާއިރާގެ މުވައްޒަފުން ކުރާ މަސައްކަތް ފާހަގަކުރައްވާ ނައިބް ރައީސް ވަނީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.

މިރަސްމިއްޔާތުގައި ނައިބްރައީސް ވަނީ ސްކޮލާޝިޕް ފުރުސަތުތަކަށް ހޮވުނު ބޭފުޅުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދީފަ އެވެ.