އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތްތައް އއ. ރަސްދޫގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އިސްކޮށް އިސްކޮށް ހުންނަވައިގެން އިދިކޮޅުގެ ޓީމެއް މިއަދު ވަނީ ރަސްދޫ އަށް ޒިޔާރަތްކޮށްފަ އެވެ. މިޓީމުގެ ބޭފުޅުން އއ. އަތޮޅުގެ އެހެން ބައެއް ރަށްތަކަށް ޒިޔާރަތް ކުރާނެ އެވެ.
އިދިކޮޅު ޓީމުން މިއަދު ވަނީ ރަސްދޫގައި ހަރަކާތްތެރިވާ އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ސަޕޯޓަރުންނާ ބައްދަލުކޮށްފަ އެވެ. އަދި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ މައުލޫމާތާއި ރަސްދޫގައި އެ ހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ތައްޔާރުވުމަށް ކުރަންޖެހޭ ކަންކަމުގައި ވެސް މަޝްވަރާކޮށްފައިވެ އެވެ.
މެންބަރު ޝިޔާމް މިއަދު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުން މާބޮޑަށް ލަސްވެއްޖެ ކަމަށް ރަސްދޫ ރައްޔިތުން ބުނާ ކަމަށެވެ. ޝިޔާމް އިތުރަށް ވިދާޅުވީ ރަސްދޫގައި ބާއްވާ އަރިއަތޮޅުގެ އިންޑިއާ އައުޓް ހަރަކާތް ތަފާތުވާނެ ކަމަށާއި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ޔާމީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖަލުން މިނިވަންވި ފަހުން އިންޑިއާ އައުޓް ހަރަކާތްތައް އަތޮޅު ތެރެއަށް ފުޅާ ކުރައްވައި، އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސީދާ އެމަނިކުފާނު ގެންދަވަނީ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.
މާލެ އަތޮޅުގެ ރަށްތަކުން ރައީސް ޔާމީން ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި، ރ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ގއ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިގެން އެންމެ ފަހުން އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދިޔައީ ގއ. ވިލިނގިލީގަ އެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރާއި މަޖިލީހުން ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުން ދިޔަ ނަމަވެސް އިދިކޮޅުން ބުނެފައިވަނީ އެ ހަރަކާތް ހުއްޓާނުލާނެ ކަމަށެވެ.