ހަބަރު

ރަސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރަން އިންޑިއާގެ އެހީ

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭން އެއްބަސްވެފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން އއ. ރަސްދޫގެ ގޮނޑުދޮށުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖައްސައިދީފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނޫސްބަޔާނެއް މެދުވެރިކޮށް ބުނީ ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް އިންޑިއާ ސަރުކާރުން އަށް މިލިއަން ދިވެހި ރުފިޔާ ދީފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ރަސްދޫގައި ގިރަމުންދާ 179 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރާނެ އެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން އެއްބަސްވީ މިދިޔަ މާޗު މަހުއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މީގެ ކުރިން ވަނީ ފަސް މަޝްރޫއަކަށް 23.5 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދީފަ އެވެ. އަދި 11 އެމްބިކުލާންސް ގަތުމަށާއި 61 ރަށެއްގައި ހަދާ ޖިމްތަކަށް ބޭނުންވާ ފިޓްނަސް އެކިޕްމަންޓްތައް ގަންނަން 15.7 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. ރަސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ދިން އަށް މިލިއަން ރުފިޔާއާއެކު، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ތެރެއިން މިހާތަނަށް މި ވަނީ 47.2 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދީފަ އެވެ.