ވިޔަފާރި

އައްޑުއަށް މިއަދު 14 މަންޒިލަކުން ޓޫރިސްޓުން

ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް މިއަދު އައްޑު އަށް 14 ގައުމަކުން ޓޫރިސްޓުން އެތެރެވާނެ ކަމަށް ބުނެފި އެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އެއް ދުވަހެއްގެ މައްޗަށް 14 މަންޒިލަކުން ޓޫރިސްޓުން ގެނައުމަކީ އައްޑޫ އަށް މިއަދު ހާއްސަ ކަމެއް ކަމަށެވެ.

"ސްރީލަންކަން އިން މި ކަނެކްޝަން މި ހަދަނީ ކޮލަމްބޯ އިން ގޭން އަށް. މި ފްލައިޓަކީ ފްރެކްފަޓާއި އިޓަލީގެ ރޯމް އަދި މެޑްރިޑާއި ލަންޑަން އަދި ދުބާއީ އާއި ދޯހާ ފަދަ ނުވަ މަންޒިލެއްގެ ކަކެންޝަން ފްލައިޓެއް. މި ފްލައިޓުގައި 14 މަންޒިލެއްގެ މީހުން ހިމެނޭ. އެހެންވެ މިއީ ކުރިއެރުމެއް،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 14 މަންޒިލުން މިއަދު އައްޑު އަށް 70 އަށް ވުރެ ގިނަ ޓޫރިސްޓުން އަންނައިރު މި މީހުން ގިނައިން ތިބެނީ ސަފާރީތަކުގައި ކަމަށެވެ.

"ބޯޓިން އެސޯސިއޭޝަނާ ވެސް ވާހަކަ ދައްކައިގެން ސަފާރީތައް އެ އަސަހައްދު [އައްޑު] އަށް ފޮނުވަން ވާހަކަ ދައްކައފިން. އެ މީހުން ބޯޓުތައް އައްޑުއަށް ބަދަލުކުރާނެ. މި އަންނަ މީހުން ބޯޓު ފަހަރުގައި ތިބޭނެ،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ކުރިއެރުން އައިސްފައިވަނީ ސްރީލަންކަން އާއި މަންޓާ އެއާ ގުޅިގެން ހުވަދޫ ކަނެކްޝަން ފެށުމާ ގުޅިގެން ކަމަށެވެ.

"މަންޓާގެ ހުވަދޫ ކަނެކްޝަން އަކީ ލިބުނު ބޮޑު ކުރިއެރުމެއް. އެހެންވެ ކުރިއަށް އޮތް ދުވަސްތަކުގައި މީހުން އިތުރު ވާނެ. އެކަމަކު ވަރަށް ބުރަކަމެއް މިއީ. ވަރަށް ބަލައިގެން މި ކުރިއަށް ދަނީ،" ފިރާގު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ސްރީލަންކަން އެއާލައިންސް އިން އިންޑިއާގައި އައްޑޫ ދަތުރުތައް އިޝްތިހާރު ކުރަން ކެމްޕޭނެއް ފަށަން ތައްޔާރު ވަމުންދާ ކަމަށެވެ. މި ކެމްޕޭނާއެކު އިންޑިއާގެ ހުރިހާ މަންޒިލަކުން ވެސް ޓޫރިސްޓުން ގެންނަން އިޝްތިހާރު ކުރާނެ ފިރާގު ވިދާޅުވި އެވެ.