މާލޭގެ ފަޅުމަތީ މަގުގައި ނީލަން މުދާ ވިއްކަމުންދާ ސަރަހައްދުގައި މަގު މައްޗަށްވާ ގޮތަށް ހުރި މުދަލާއި ކުނިތައް ނަގާ ސާފުކުރުމަށް މާލެ ސިޓީ ކައުންސިލުން އަނެއްކާވެސް އަންގައިފި އެވެ.
މީގެކުރިން ވެސް ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދުގެ މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ނުކުރަން ތަކުރާރުކޮށް އަންގާފަ އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭ ދެކުނު ފަރާތުގައި ކުރީގެ އެއް ނަމްބަރު ކުނިކޮށި ހިމެނޭ ފަޅުމަތީ މަގުގެ ސަރަހައްދުގައި އެކި ފަރާތްތަކުން މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި، މަގުމައްޗަށް ގިނަ އަދަދަކަށް ކުނި އަޅަމުން ގެންދާ ކަމަށެވެ. އެކަމުގެ ޝަކުވާ އާންމު ރަތްޔިތުންގެ ފަރާތުންނާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކައުންސިލަށް ތަކުރާރުކޮށް ހުށަހަޅަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެކުރިންވެސް އެތައް ފަހަރަކު އެގޮތަށް އަމަލުނުކުރަން ކައުންސިލުން އަންގާފައިވާތީ އެ ސަރަހައްދުގެ މަގުމައްޗާއި، ނީލަންމުދާ ވިއްކާ ގޮޅިތަކުން ބޭރުގައި ހުރި އެކިބާވަތްތަކުގެ މުދަލާއި މަގުމައްޗަށް އަޅާފައިހުރި ކުނި ނެގުމަށް ކައުންސިލުން ވަނީ މުއްދަތެއް ދީފަ އެވެ.
އެގޮތުން މަގުމަތީގައި އެކި ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި މިމަހުގެ 10 ވަނަ ދުވަހުގެ އިރުއޮއްސި 6:00ގެ ކުރިން ނަގައި ފަޅުމަތީ މަގު ސާފުކުރުމަށް ކައުންސިލުން ވަނީ އަންގާފަ އެވެ.
"މިމުއްދަތުގެ ނިޔަލަށް ނުނަގާހުރި ތަކެތި މިކައުންސިލުން ނަގާ ކުނީގެ ގޮތުގައި ނައްތާލާނެކަން އަންގަމެވެ. އަދި އެތަކެތި ނެގުމުގައާއި ނެގުމަށްފަހު ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް މިކައުންސިލުން ޒިންމާ ނުވާނެކަން އަންގަމެވެ." ކައުންސިލުން ކޮށްފައިވާ އިއުލާންގައިވެ އެވެ.
މާލޭގެ ދެކުނު ފަރާތުގައި ބާމުދާ ވިއްކާ ގޮޅިތަކުގައި ދޭތެރެދޭތެރެއިން އަލިފާނުގެ ހާދިސާތައް ވެސް ހިނގާފައިވެ އެވެ. އަދި އެ ސަރަހައްދުގައި ވިޔަފާރިކުރުމަށް ގިނަ އަދަދަކަށް ބިދޭސީން ހަރަކާތްތެރިވާ ކަން ވެސް ފާހަގަކުރެވެ އެވެ.