ހއ. ކެލާ

2،000 ރުއް ބޭރުކުރާ ވާހަކަ ދޮގުކޮށްފި

Mar 5, 2022
1

ހއ. ކެލާ އިން 2،000 ރުށް ބޭރުކުރަން އުޅޭ ކަމަށް ބުނާ ވާހަކަތައް އެ ރަށު ކައުންސިލުން ދޮގުކޮށްފި އެވެ.

ކެލާ އިން ގިނަ އަދަދެއްގެ ރުށް ބޭރުކުރަން އުޅޭ ކަމަށް ބުނެ އެ މައްސަލަ ފެންމަތިކުރީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބުލޫ ޕީސްގެ ފަރާތުން ކަމަށް ކެލާ ކައުންސިލުން ބުނެ އެވެ.

ކެލާގެ ހުރިހާ ކައުންސިލަރުން ސޮއި ކުރައްވާ ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެރަށުގައި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބިން ސާފުކުރުމާއި ރަށުގެ ފުޓްބޯޅަ ދަނޑު ހެދުމަށް ބޭނުންވާ ބިމެއް ސަރަހައްދު ސާފުކުރުމުގެ އިތރުން އެރަށުގައި ހަދާފައިވާ ގެސްޓް ހައުސްތަކަށް ދާން އޮންނަ މަގު ވެސް ސާފު ކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

ކައުންސިލުން ބުނީ އެ މަސައްކަތްތައް ކުރަނީ އާންމުކޮށް އިއުލާންކޮށްގެން ހޯދާފައިވާ "ދި އޮޕްޓިމިސްޓް" ނަމަކަށް ކިޔާ ކުންފުންޏަކަށް މިދިޔަ ފެބްރުއަރީ ހަވަނަ ދުވަހު މަސައްކަތް ހަވާލުކޮށްގެން ކަމަށެވެ.

އެ މަސައްކަތުގެ ދަށުން 138 ކުޑަ ރުކާއި 45 ބޮޑު ރުއް ހިމެނޭ ގޮތުން ޖުމްލަ 183 ރުއް އެ ސަރަހައްދުތަކުން ނަގާނެ ކަމަށް ބަޔާންގައިވެ އެވެ.

ކައުންސިލުން ބުނި ގޮތުގައި ރުއްތައް ނަގަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން (އީޕީއޭ) އާއި، އެގްރިކަލްޗާ މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ.

"އެހެންކަމުން ބްލޫ ޕީސް އިން ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގައި މިފަދަ ދޮގު ހަބަރު ފެތުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަދި މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ފިނޑިއަމަލެއް ކަމުގައި ދަންނަވަމެވެ." ބަޔާންގައިވެ އެވެ.

ކެލާއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރައިގެން ތިމާވެއްޓާއި މުޖުތަމައަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށްވެސް ކެލާ ކައުންސލްގެ ބަޔާނުގައި ބުނެފައިވެ އެވެ.