ރަޝިޔާ

ރަޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް މެދުކަނޑާލައިފި

Mar 5, 2022
1

ރަޝިއާގެ ގައުމީ އެއާލައިން -- އެއަރޯފްލޮޓުގެ ބައިނަލްއަގްވާމީ ދަތުރުތައް މެދުކަނޑާލުމަށް ނިންމައިފި އެވެ.

އެއަރޯފްލޮޓުން މިއަދު ބުނީ މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން ރަޝިއާއާއި އިންވެގެން އޮންނަ ބެލަރޫސް ފިޔަވާ އެހެން ގައުމުތަކަށް އެ އެއާލައިނުން ކުރާ ދަތުރުތައް ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

ބައިނަލްއަގްވާމީ ދަތުރުތައް ހުއްޓާލަނީ އެ ދަތުރުތައް ކުރިއަށް ގެންދިއުމަށް ދަތިވާ ކަންތަތއްތަކެއް ހުރުމުން އެކަންކަމާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ކަމަށް އެއާލައިނުން ބުނެ އެވެ.

އެއަރޯފްލޮޓްގެ ބައިނަލްއަގްވާމީ ދަތުރުތައް މެދުކަނޑާލުމަށް ނިންމާފައި މިވަނީ ރަޝިއާ އިން ޔުކްރޭނަށް އަރައި ދެމުންދާ ހަމަލާތަކާއި ގުޅިގެން ވަރަށް ގިނަ ގައުމުތަކަކުން ހާއްސަކޮށް ޔޫރަޕްގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ރަޝިއާގެ އެއާލައިންތަކަށް ބަންދުކޮށްފައި ވަނިކޮށެވެ. އަދި މަތިންދާ ބޯޓު އުފައްދައި، ބޯޓުތަކަށް ހިދުމަތްދޭ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ ބޮއިންނާއި އެއާބަސް އިން ރަޝިއާގެ ބޯޓުތަކަށް ހިދުމަތް ދިނުން ހުއްޓާލާފައި ވަނިކޮށެވެ.

ބައިނަލްއަގްވާމީ ދަތުރުތައް މެދުކަނޑާލަން ނިންމި ރަޝިއާގެ އެތެރޭގެ އުދުހުންތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށްވެސް އެއަރޯފްލޮޓުން ބުނެފައިވެ އެެވެ.

ރަޝިއާގެ ގައުމީ އެއާލައިން -- އެއަރޯފްލޮޓުގެ ބައިނަލްއަގްވާމީ ދަތުރުތައް ހުއްޓާލުމަކީ ރާއްޖެ އަށް އެކަމުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ މައްސަލަ އެކެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާ އިންނެވެ. މިއަހަރު ރާއްޖެއަށް ޒިޔާރާތް ކުރި ޖުމްލަ 289،964 ފަތުރުވެރިންގެ ތެރެއިން 44،055 ފަތުރުވެރިންނަކީ ރަޝިއާ މީހުންނެވެ.