އެމްއެމްޕީއާރްސީ

ރާއްޖެ އިޝްތިހާރުކުރަން މެދުއިރުމަތީގެ މީޑިއާ ޓީމެއް

Mar 5, 2022

އެމްއެމްޕީއާރްސީގެ ދައުވަތަކަށް މެދުއިރުމަތީގެ މަޝްހޫރު ނޫސް މަޖައްލާތަކުގެ ލިޔުންތެރިންނާއި އެޑިޓަރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

އިއްޔެ އިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ދަތުރުގައި ރާއްޖެ އައިސްފައިވަނީ މެދުއިރުމަތީގެ، ހާއްސަކޮށް ސައުދީގެ މަތީފަންތީގެ ފަރާތްތަކުގެ މެދުގައި މަގުބޫލު ލައިފްސްޓައިލް ޕަބްލިކޭޝަންތަކުގެ އެޑިޓަރުން އަދި ލިޔުންތެރިން ހިމެނޭ ޓީމެކެވެ.

ޓީމުގެ ބައިވެރިން ތިބޭނީ ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިޒޯޓް އެންޑް ސްޕާ, ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިޒޯޓް އަދި ކުރަމަތި މޯލްޑިވްސްގަ އެވެ. މި މީހުން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި ރިސޯޓުތަކުގައި ލިބެން ހުންނަ ހިދުމަތްތަކާއި، ރާއްޖޭގެ ތަފާތު ކަންކަން ތަޖުރިބާކުރާނެ އެވެ.

މި ދަތުރަށްފަހު ޓީމުގެ މެންބަރުން އެ މީހުންގެ ގައުމަށް އަނބުރާ ދިއުމަށްފަހު ރާއްޖެއާ ބެހޭގޮތުން ލިޔުންތައް ޝާއިއުކުރާނެ އެވެ. އެ ލިޔުންތައް މެދުއިރުމަތީގެ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވެސް ފެނި ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ލިބެން ހުންނަ ހިދުމަތްތަކާ ތަޖުރިބާތައް އިޝްތިހާރުކުރެވޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގެ މާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓް ކުރެވޭނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެ އެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް މެދުއިރުމަތިން ރާއްޖެ އައިސްފައިވަނީ 5،103 ފަތުރުވެރިންނެވެ. މި މުއްދަތުގައި ސައުދީން ރާއްޖެއަށް 3,189 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. ސައުދިއަރަބިއްޔާ އަކީ މިދިޔަ އަހަރު ރާއްޖެއަށް ހަވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ގައުމެވެ.

އެމްއެމްޕީއާރްސީން މިދިޔަ އަހަރު ވަނީ ފަތުރުވެރިންގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު 22 މާކެޓެއްގައި 260 ހަރަކާތް ހިންގާފަ އެވެ.