ބޮލީވުޑް

ސަލްމާން ބުނަނީ ކައިވެނި ކުރެވިއްޖޭ!

ސަލްމާން ޚާނާއި ސޮނާކްޝީ ސިންހާ ކައިވެނި ކޮށްފިކަމަށް ބުނެ ފޮޓޯތަކެއް ވައިރަލް ވުމުން ސޮނާކްޝީ ވަނީ މިއީ ހަދާފައިވާ ފޮޓޯތަކެއް ކަމަށާއި މި ފޮޓޯ ބަލާފައި މިއީ ހަގީގަތެއް ކަމަށް ގަބޫލު ކުރާނީ ގަމާރުން ކަމަށް ބުނެ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. ނަމަވެސް ސަލްމާން އިއްޔެ ބުނި އެއްޗަކުން އޭނާގެ ފޭނުންނަށް ވަނީ ވާނުވާ އޮޅި ހައިރާންކަން ލިބިފަ އެވެ.

އިންސްޓަގްރާމްގައި އިއްޔެ ސަލްމާން ޝެއާ ކުރި ވީޑިއޯ ކްލިޕެއްގައި ފެންނަނީ އޭނާގެ އެންމެ ޒުވާން ދުވަސްވަރު ކުޅުނު "ހަމް އާޕް ކޭ ހޭ ކޯން"ގެ ޕްރޭމްގެ ކެރެކްޓާ ކައިވެންޏާ ބެހޭ ގޮތުން އޭނާ އާ ސުވާލު ކުރާ ތަނެވެ. ދެން ސަލްމާން ފެންނަނީ އޭނާ މިހާރު ހުރި ސިފައިގަ އެވެ.

ޕްރޭމްގެ ކެރެކްޓާ އަހަނީ "އައުރު ޝާދީ" (އަދި ކައިވެނި؟) ބުނުމުން ސަލްމާންގެ މިހާރުގެ ކެރެކްޓާ ބުނަނީ "ހޯގައީ" (ވެއްޖޭ) އެވެ. އެހެން ބުނުމުން ޝޮކެއް ލިބިފައިވް ޕްރޭމް އަނެއްކާވެސް ތަކުރާރުކޮށް "ހޯގައީ" ހޭ ސުވާލު ކުރެ އެވެ.

ފޭނުން މި ވީޑިއޯ ބަލާފައި ހައިރާން ވެގެން އުޅެނިކޮށް މިކަން ވެގެން އުޅޭގޮތް އިނގުނީ ވީޑިއޯގެ ކެޕްޝަންގައި ލިޔެފައިވާ ލިޔުން ކިޔާ ލުމުންނެވެ. އޭގައި ލިޔެފައިވަނީ ވީތޯ ނުވަތަ ނޫންތޯ ބަލަން މާދަމާ އަށް އިންތިޒާރު ކުރުމަށެވެ.

ސަލްމާންގެ ފިލްމީ މަސައްކަތަށް ބަލާއިރު "ޓައިގާ 3" ރިލީޒްކުރާ ތާރީޚް ދާދިފަހުން ވަނީ އިއުލާން ކޮށްފަ އެވެ. ކެޓުރީނާ ކައިފް ބަތަލާގެ ރޯލު ކުޅޭ މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުޑަ އީދުގަ އެވެ.

އޭނާ މިހާރު މަސައްކަތް ކުރަން ހަމަޖެހިފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "ކަބީ އީދު ކަބީ ދިވާލީ" އަދި "ބަޖްރަންގީ ބައިޖާން"ގެ ސީކުއަލް އެއް ހިމެނެ އެވެ.