( 3 މާރިޗް 2022 އާ ގުޅޭ )
"ދަރިފުޅު ކޮއްކޮއެއް ބޭނުންތަ؟" ހޫރައިން އަހާލިއެވެ.
ޢާއިލާގެ ވިޔަފާރީގެ ތެރެއަށް ޒެހެން ވަނުމަށް މުނައްވަރު އެދުނެވެ. ނަހުޔާނު އެކަނި ކުންފުނީގެ ކަންކަމުގައި އުޅުމަށްވުރެ ޢާއިލާގައި ތިބި ދެ ފިރިހެން ދަރީން ހަމަހަމައަށް ބައިވެރިވާން އެދޭކަން މުނައްވަރު ހާމަކުރިއެވެ. އެ ވާހަކަތަކަކީ ކުރީން ވެސް މުނައްވަރު ތަކުރާރުކޮށް ދައްކަމުން އަންނަ ވާހަކަތަކެކެވެ. ޒެހެންގެ ޝައުގުވެރިކަން ވިޔަފާރީގެ ތެރެއަށް ނެތުމުގެ ސަބަބުންނާއި އޭނާ ކުރާން ބޭނުންނުވާ ކަމެއްގައި ޝާމިލުކުރުމުގެ ވިސްނުން މިއުނާގެ ނެތެވެ. މުނައްވަރުގެ ޚިޔާލަށް މިއުނާ ތާއީދު ކުރިޔަސް އެކަން އެގޮތަށްވާން ޒެހެންއަށް ބާރެއް އޭނާ ނާޅަނީ އެހެންވެއެވެ. ކިޔެވުން ނިންމާލި ހިސާބުން ވަޒީފާގެ މައިދާނަށް ޒެހެން ނުކުތީ އަމިއްލައަށް ފެނިގެންނެވެ. ތަޢުލީމީ ދާއިރާ ޚިޔާރުކުރީ ވެސް އަމިއްލައަށެވެ. މަންމަގެ އެހީތެރިކަމެއް ނޫނީ ޢާއިލާގެ އެހެން މީހެއްގެ އެހީތެރިކަމެއް ވެސް އޭނާ ނުހޯދައެވެ. މިއުނާގެ ޚިޔާލަކަށް އެހުމަށްވުރެ ޒެހެން ގަސްދުކޮށްފައި އޮތް ގޮތް މަންމައާ ޚިއްޞާކޮށްލީ ފަދައެވެ. ޒެހެންގެ ހުންނަނީ އަމިއްލަ ދިރިއުޅުން މީހެއްގެ ނުފޫޒެއްނެތި ބައްޓަންކުރުމުގެ ވިސްނުމެވެ.
"ހަންނާނުމެންގެ ވިޔަފާރިއާ ގުޅުވާލާއިރު ނަހުޔާނުއާއެކު ދަރިފުޅު ވެސް ހުންނަން ބޮޑުދޮންބެ އެދެނީ. މިއުނާ... ނިކަން އެއްޗެކޭ ބުނެބަލަ. ކުންފުނީގެ އިސްމީހަކީ ތީ. ވިޔަފާރި ފުޅާވާނެ، މަސައްކަތްތައް ގިނަވާނެ. ބަލަހައްޓާނޭ ބަޔަކުވެސް ތިބެންވާނެއެއްނު." ދެމައިން ބަހެއް ނުކިޔާ ތިބޭތީ މުނައްވަރު ބާރު އެޅީ މިއުނާއަށެވެ.
"ކައިދިން މާލެ ގެންނަން ހަންނާންބެ ނިންމީތަ؟." ޒެހެން އަހާލިއެވެ.
"އޭނާގެ ވިސްނުން ހުރީ އެހެން. އެކޮޅުގަ އެހުންނަނީ އެއްވެސް ކަމެއްނެތި. އަބަދަކު އެހެން ނުބެހެއްޓޭނެއެއްނު. ދެ ކުންފުނި ގުޅުވާލަން ހުރިހާކަމެއް ފައިނަލްވީމަ ކައިދިން މިކޮޅަށް އަންނާނެ. ކުރިޔަށް މިއޮތް ދެ މަސް ތެރޭ ހުރިހާކަމެއް ނިންމާލެވޭނެކަމަށް މިބަލަނީ. ހަންނާނު ބޭނުމެއްނުވޭ ވިޔަފާރީގެ ކަންކަން އެއްކޮށް ކައިދިންގެ އަތްމައްޗަށް ދޫކޮށްލާކަށް. އަދިވެސް ހަރުދަނާ ގޮތެއް ކައިދިންގެ ނުހުންނާތީ އެކަމާ އޭނާ ވަރަށް ކަންބޮޑުވެފަ ހުންނަނީ. ނަހުޔާނާއި ދަރިފުޅާއެކު މަސައްކަތް ކުރާން ފެށީމަ ކައިދިންނަށް ހެޔޮ ބަދަލެއް އަންނާނޭ ހަންނާން ބުނަނީ. އަހަރެންނަށް އެ ހިޔާލު ރަނގަޅުކަމަށް ފެނޭ. މިހާރު އެންމެ ބޮޑަށް ހަންނާނު ބޭނުންވަނީ އޭނާއަށް ފެންނަ ހިސާބުގައި ކައިދިން ބަހައްޓަން. އޭނާގެ ކައިވެނީގެ ޚިޔާލު ވެސް ހަންނާނު ކުރަމުން އަންނަނީ."
ހަންނާނަކީ މުނައްވަރުގެ ހަށިގަނޑުގެ ބައެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މީހުންނާ އިނދެ ދަރީން ލިބުމުގެ ކުރީން ވެސް އެ ދެމެދުގައި އެކުވެރިކަން އޮވެއެވެ. ހަޔާތުގެ ގިނަ ނިންމުންތަކުގައި ދެ އެކުވެރީންގެ ޚިޔާލު ހަމަހަމައަށް ޝާމިލުވެއެވެ. ނަމަވެސް ދެ މީހުންނަކީ މިޒާޖާއި ވިސްނުމުގެ ގޮތުން ތަފާތު ދެ މީހުންނެވެ. ރަޙުމަތްތެރިކަން މިހާ ދުވަހަށް ދެމިއޮތީ އެކަކުއަނެކަކަށް ދެމީހުން ކުރާ އިހްތިރާމެއްގެ ސަބަބުންނެވެ.
"ވިސްނާލާނަން." ނޫނެކޭ ނުބުނަން ވެގެން ޒެހެން ބުނެލިއެވެ.
"އެއްދުވަހު ޔާނު ކައިރިއަށް އޮފީހަށް ޖައްސާލަންވީނު. މަސައްކަތްތައް ހުންނަ ގޮތް ބަލާލަން. މިހާރު ލިބޭވަރަށްވުރެ ބޮޑެ އެއްޗެއް ޖެހޭނެ އަމިއްލަ މަސައްކަތުން. ކުރަންޖެހޭ މަސައްކަތް ބުރަވެދާނެ އެހެންވިޔަސް މިނިވަންކަން އޮންނާނެ." މުނައްވަރު ހިޔާލު ދިނެވެ. މަސައްކަތުގެ މާޙައުލު ފެނި ޒެހެންގެ ޝައުގުވެރިކަން އަތުލެވިދާނޭކަމަށް މުނައްވަރު ލަފާކުރީއެވެ.
ޔޫކްގެ ކޮޓަރީގައި ހޫރައިން އިނީ ފިރިމީހާއަށް ޚާއްޞަ ޢީދު ހަދިޔާއެއް ތައްޔާރުކުރުމުގައެވެ. ފިރިމީހާއަށް ދިނުމަށް ޓަކައި އޭނާގެ އަތުގައިވަނީ އަނތްބަކަށް ދެވޭނެ އެންމެ ފުރިހަމަ ހަދިޔާއެވެ. ﷲ އެ ދެމަފިރިންގެ ދުޢާ އިޖާބަށްކުރައްވައިފިއެވެ. ޝުކުރުން ހޫރައިންގެ ހިތްވަނީ ފުރިފައެވެ. ފަނޑުވުމެއްނުވާ ހިނިތުންވުމެއް އެ ތުންފަތުގައިވަނީ އެހެންވެއެވެ. އުފާވެރިކަމުގެ ޚަބަރައިގެން ފިރިމީހާއާ ބައްދަލުކުރާން ހޫރައިން ގަސްދުކުރަނީ ތަފާތުކޮށެވެ. ދަރިފުޅާއެކު އޭނާ ތައްޔާރީތައް އެވަނީ އެކަމަށެވެ. ހޫރައިންގެ ފޯނަށް ޒެހެން ގުޅީ މަސައްކަތުގައި އިންދައެވެ. އޭނާ ގުޅީ ގެއަށް އަންނަ މަގުމަތީ އެއްވެސް އެއްޗެއް ގަންނަން ބޭނުންވޭތޯ އަހާށެވެ. ޒެހެން ގުޅިކަން ނަސީބެކޭ ހޫރައިން ހިތަށް އެރިއެވެ.
"ބައްޕަ އަންނަނީއޯ." ފޯނުކޯލު ނިންމާލުމާއެކު ރަގުމަތީ ކަރުދާހުގައި ކުލަޖައްސަން އޮތް ދަރިފުޅަށް ހޫރައިން ބުނެލިއެވެ.
"ކުލަޖައްސާ ނިމުނީ." ޔޫކް ތެދުވެ އިށީންނަމުން ތައްޔާރުކުރި ކާޑު ދައްކާލިއެވެ.
"ޢީދުކާޑު ހަދަނީތަ؟" ހުޅުވާފައި ހުރި ޔޫކްގެ ކޮޓަރިގެ ވަންނަމުން ސުމައްޔާ އަހާލިއެވެ.
"މަންމާ އާދެބަލަ." ޔޫކްގެ އެނދުގައި އިން ހޫރައިން ބުނެލިއެވެ.
"ހަސީންތަމެން މެންދުރު އަންނާނެ." ހޫރައިން ކައިރީ އިށީންނަމުން ސުމައްޔާ ވާހަކަދެއްކިއެވެ.
"އެހެންތަ. މަންމާ... އަހަރެން ބަނޑުބޮޑު." ހޫރައިން ގަސްދުކޮށްގެން ހުރީ ބަލިވެއިންކަން އެނގުނު ހިސާބުން އެ ޚަބަރު ފުރަތަމަ ފިރިމީހާއާ ޚިއްޞާކުރާށެވެ. ނަމަވެސް މަންމަ ފެނުމުން އޭނާއަށް ނުބުނެ ނީނދެވުނީއެވެ. ސުމައްޔާ ހިނިތުންވެލިއެވެ.
"އަލްޙަމްދުއްލިއްﷲ... ކޮންއިރަކު އެނގުނީ. ޒެންއަށް އެނގޭތަ." ސުމައްޔާއަށް ލިބުނު އުފާވެރިކަން އެ މޫނުން ފާޅުވޭވޭ ހުއްޓެވެ. މަންމައަށް ވާތީ ހޫރައިންއާ މެދު ސުމައްޔާ ވިސްނުމަކީ ތޮބީއީ ކަމެކެވެ. ނަމަވެސް މިފަހަރު އެއްވެސް ސުވާލެއް ސުމައްޔާ ނުކުރެއެވެ. ހޫރައިން މިހާރު އެކަންޏެއްނޫނެވެ. އޭނާއާއެކު ހަޔާތުގެ ކޮންމެ ހަރުފަތެއް ގިރާކުރުމުގައި އެކީވާނެ ބައިވެރިއަކު އެބަހުއްޓެވެ. އެ ދެމަފިރިން ދިރިއުޅުން ބައްޓަން ކުރާނޭ ގޮތެއް އެނގޭނީ ހަމަ އޭގެ ދެމަފިރިންނަށެވެ. ކުއްޖަކު ހޯދީ ހޫރައިން އެކަމަށް ތައްޔާރުވެގެންތޯ އެހުމުގެ މާނައެއް އޮތްކަމަށް ސުމައްޔާ ނުދެކެއެވެ. ދަރިފުޅުގެ މޫނުން ޔަގީނުން ވެސް ހިތްހަމަޖެހުމާއި އުފާވެރިކަން އެބަފެނެއެވެ. ކައިވެނީގެ ފިނިކަން އެ ނަފްސު ހަމައަކަށް އަޅުވައިފިކަން ގައިމެވެ.
"ޢީދު ނަމާދުން އައިސް ބެލީ. އިއްޔެ ބޭސްފިހާރައަށް ވަނީ އެހެންވެ. ޒެން އެބާދޭ... އައީމަ ބުނަންވެގެން."
"ބަލައިގެން އުޅޭތި. އުނދަގުލެއްވަންޏާ ނުހުންނާތި. އަވަހަށް ބުނާތި." ސުމައްޔާ ބުންޏެވެ. ހޫރައިން އެއްބަސްވުމުގެ ގޮތުން ބޯޖަހާލީއެވެ.
ޒެހެންއާއެކު މިއުނާ ވެސް އެޕާޓްމެންޓަށް ވަނެވެ. ހުޅުވާފައި ހުރި ޓީވީއިން ދިވެހި ޗެނެލެއްގެ އަޑު ސިޓިންރޫމުގައި ހުއްޓެވެ. ބަދިގެ ތެރޭ އުޅުނު ސުމައްޔާއަށް އެ ދެމައިން އެކުގައިހެން ގޮވާލިއެވެ. ސުމައްޔާގެ ކައިރިއަށް މިއުނާ ހިނގައިގަންއިރު ޒެހެން އައީ ކޮޓަރިއަށް ވަންނާށެވެ.
"ކީއްވެފަ ތިތިބީ؟." އެނދުގައި ހޫރައިންއާއެކު ޔޫކް ޖައްސާލައިގެން ތިބިގޮތް ފެނި ޒެހެން އަހާލިއެވެ. ދަތްތައް ދިލުވައިގެން ޔޫކް އެނދުމައްޗަށް ކޮޅަށް ތެދުވިއެވެ. ޢީދު މުބާރިކް ކިޔުމާއެކު އޭނާގެ އަތުގައި އޮތް ކަރުދާސް ދިއްކޮށްލައިފިއެވެ. ދޮރު ލައްޕާލުމާއެކު ކޮޓަރިއަށް ވަދެގެން އައި ޒެހެން އެނދު ކައިރީ މަޑުކޮށްލިއެވެ. ޔޫކް ދިއްކޮށްގެން ހުރި ކަރުދާހުގައި ހިފިއެވެ. ޢީދު ކާޑެއް ކަމަށް ޒެހެން ހީކުރިއެވެ.
"ވީ ހޭވް ސަމްތިންގ ޓު ޓެލް ޔޫ." ކަރުދާހުގައި ލިޔެފައި އޮތް އެއްޗެއް ކިޔާލުމާއެކު ހޫރައިންއަށް ޒެހެން ބަލާލިއެވެ. ހައިރާންކަމާއެކު ސުވާލުގެ ނަޒަރަކުންނެވެ. ހޫރައިން ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ.
"ކޮންވާހަކައެއް؟." ހޫރައިން އަނގައިން ނުބުނުމުން ޒެހެން ސުވާލުކުރިއެވެ.
"ފާޚާނާ ބަލާބަލަ." ހޫރައިން ބުނެލިއެވެ.
ޒެހެން އަވަސް ފިޔަޅުގައި އައިސް ފާޚަނާ ހުޅުވާލިއެވެ. މޫނުދޮންނަ ތަށިކައިރީ ފާރުގައި ލައްކޮށްލާފައިވާ ކަރުދާސް ޒެހެންއަށް ފެނުނެވެ. އޭނާ އެތެރެއަށް ވަދެގެން އައިސް ބަލާލިއެވެ. ކަރުދާހުގައި ލިޔެފައިވާ އެއްޗެއް ކިޔުމުގެ ކުރީން އެހެންކަމެއް ޒެހެންއަށް ފާހަގަވިއެވެ. ކައިރީގަ ބާއްވާފައި އޮތް ޓެސްޓް ކިޓެވެ. އެއީ ކޮންއެއްޗެއްކަން ޒެހެންއަށް އެނގުނީ އޭގެ ކަވަރު އޮތީމައެވެ. "ޕްރެގްނެންސީ ޓެސްޓް ކިޓް" ޖަހާފައި އޮތްތަން ފެނިފައެވެ. ޓެސްޓުގެ ނަތީޖާ ބަލާނޭ ގޮތުގެ އިރުޝާދު ކަވަރުގައި އޮތުމުން އެބައި ޒެހެން ބެލިއެވެ. ދެން އޭނާ ބަލާލީ އޭގައި އެބުނާފަދައިން ދެ ރޮނގުބުރި ފެންނަން ހުރިތޯއެވެ. ޒެހެންގެ ތުންފަތް ދެމިލައިފިއެވެ. އަތުގައި އޮތް ކަރުދާހުގައި ލިޔެފައި އޮތް އެއްޗެއް ބަލާލީ ދެނެވެ.
"އައި އޭމް ލޭޓް، ޔޫ ހޭވް ގުޑް އެއިމް."
ފާޚާނާ ތެރެއިން ޒެހެން ހޭ އަޑު ހޫރައިންއަށް އިވުނެވެ. އޭނާ ފާޚާނާއިން ބޭރަށް ބޯދިއްކޮށްލިއެވެ. ދެ ފަރާތަށް ބޯހޫރާލީ ނުހަނު ބޮޑަށް ހެވިފައި ހުރެއެވެ.
"އަތްދޮވުނިންތަ؟. އަދި ނުނިމޭ... އަތްދޮވެގެން އާދޭ." ހޫރައިން ބުންޏެވެ.
ޒެހެން ނިކަން އަވަހަށް ދެއަތް ދޮވެލި ގޮތަށް ކާޑު ހިފައިގެން ނުކުމެއްޖެއެވެ. އޭނާ އައިސް ހޫރައިންގެ މަގަތުން އެނދުގައި އިށީނެވެ. އެއާއެކު ޔޫކް އިތުރު ކާޑެއް ދިއްކޮށްލައިފިއެވެ. ހަމައެވަގުތު ހޫރައިން ވެސް ކާޑެއް ދީފިއެވެ. ޔޫކްގެ ކާޑުގައި އޭނާ ބޮޑު ދޮންބެއަކަށް ޕްރޮމޯޓްވެއްޖެކަމުގައި ޖަހާފައި އޮތެވެ. ހޫރައިންގެ ކާޑުގައި ﷲ އަށް ޙަމްދުކޮށް އެމީހުންގެ އުންމީދު ﷲ ފުރިހަމަކޮށްދެއްވައިފިކަމުގައި އޮތެވެ. އިތުރު ކުއްޖެއްގެ ބައްޕައަކަށްވާން ޒެހެން ތައްޔާރުވާން ލިޔެފައި އޮތެވެ. ހޫރައިންގެ ގައިގާ ޒެހެން އޮޅުލައިގަތެވެ. އުފަލުން ހެމުންނެވެ. އެ މީހުންގެ ގައިގާ ޔޫކް ބައްދާލިއެވެ. އެހިނދު ދެމަފިރިންގެ މެދަށް ދަރިފުޅު ލައިފިއެވެ. އެފަދަ ރޭވުންތެރިކަމާއެކު ސަމާސާ އެކުލެވޭ ފަދައިން ބަލިވެއިންކަމުގެ ޚަބަރު ހޫރައިން ދީފާނޭކަން ޒެހެން ހިތަށް ވެސް ނާރައެވެ.
"ޢީދު ހަދިޔާ ކަމުދޭތަ." މަޑުމަޑުން ހޫރައިން އަހާލިއެވެ.
"އަލްޙްމަދުއްލިއްﷲ... އައި ލަވް އިޓް. ތެންކިޔު... އައި ލަވް ޔޫ..." ހޫރައިންގެ ކޯތާފަތުގައި ޒެހެން ބޮސްދިނެވެ.
ސުމައްޔާގެ ގާތަށް ޔޫކް ފޮނުވާލުމާއެކު ހޫރައިން ތައްޔާރުވީ ހޮސްޕިޓަލަށް ދާށެވެ. ދެމަފިރިން ކޮޓަރިން ނުކުމެގެން އައިއިރު މިއުނާގެ ދެ ތުންފަތް ކައިރިނުވެއެވެ. ހޫރައިން ފެންނައިރަށް ކާމޭޒުދޮށުން ތެދުވެއްޖެއެވެ. ދުވަމުން ކަހަލަ ގޮތަކަށް އައިސް ހޫރައިންގެ ގައިގާ ބައްދާލައިފިއެވެ. މިއުނާއަށް ވެސް އެނގުނީއެވެ. ޔޫކްގެ ފަރާތުންނެވެ.
"ކާރުގަ ދާންވީނު." ހޫރައިން ގޮވައިގެން ހޮސްޕިޓަލަށް ދާން އުޅޭކަން އެނގުމުން މިއުނާ ބުންޏެވެ.
"ޒެންއަށް އެނގޭތަ ކާރު ދުއްވަން." ހޫރައިންއަށް އަހާލެވުނީ ހައިރާންކަމާއެކުއެވެ. އަބަދުވެސް ކާރުގައި އުޅޭތަން ފެންނަނީ މިއުނާވީމައެވެ. ޒެހެންއަށް އޭނާ ދުއްވަން ގެންގުޅޭ ސައިކަލު ފުދެއެވެ.
"އެނގޭ، ނުދުއްވަނީ." މިއުނާ އިތުރުކޮށްލިއެވެ.
މަންމަ ބުންޏަސް ކާރަށް އަރާން ބޭނުންނުވާ ޒެހެންގެ ޚިޔާލު މިފަހަރު ބަދަލުވިއެވެ. ސައިކަލަށްވުރެ ކާރު ރައްކާތެރިވާނޭކަން ޒެހެންއަށް ގަބޫލުކުރެވުނެވެ. ދެކޮޅުހެދުމަކާނުލާ މަންމަގެ އަތުން ކާރުގެ ތަޅުދަނޑި ޒެހެން ހޯދިއެވެ. ހޫރައިންއާއި ޒެހެން ނުކުމެގެން ދަންދެން ދޮރުކައިރީ މިއުނާ ހުއްޓެވެ. ލިފްޓަށް އެރުމުން މިއުނާ ގޭތެރެއަށް ވަނީއެވެ. ޔޫކް ސޯފާގައި ޓީވީ ބަލަން އިށީނުމުން މިއުނާ ކާމޭޒުދޮށުގައި އައިސް އިށީނެވެ. ކުރާން އިން މަސައްކަތް ކުރިޔަށް ގެންދިޔައެވެ.
އަނެއްކާވެސް ދިރިއުޅުމަށް އާ ބަދަލުތަކެއް އަންނާނޭކަން ހޫރައިންއެކޭ އެއްފަދައިން ޒެހެން ވެސް ގަބޫލުކުރެއެވެ. ކުރިޔަށްވުރެ ބޮޑަށް އަނބިމީހާއަށް ޒެހެންގެ އެހީތެރިކަން ބޭނުންވާނޭކަން އޭނާއަށް އެނގެއެވެ. ދަރިއެއްގެ ގޮތުގައި ޒެހެންވަނީ ޔޫކް ބަލައިގެންފައެވެ. ބައްޕައަކަށް އޭނާވީ އެހިސާބުންނެވެ. ނަމަވެސް ހޫރައިން ބަލިވެއިންކަން އެނގުމުން ކުރެވުނު އިހްސާސް ތަފާތުވެއްޖެއެވެ. އެތައް ޖަޒުބާތަކުން ހިތް ފުރިބަންޑުންވަނީއެވެ. ބައްޕައަކަށްވުމުގެ ހަޤީޤީ އިހްސާސް ކުރެވެން ފެށީ އަދިކިރިޔާ ކަމުގައި ޒެހެންއަށް ގަބޫލުކުރެވުނެވެ. އޭނާ އެންމެ އުފާވަނީ ހޫރައިންގެ މޫނުން ފާޅުވާ އުފާވެރިކަމުގެ އަސަރުތައް ފެނިފައެވެ. މިހާރުއްސުރެ ހޫރައިންނަށް އަންނާނޭ ބަދަލުތައް ޒެހެންގެ ހިތާ ސިކުނޑީގައި ކުރަހަމުންދިޔައެވެ. އަނބިމީހާގެ ރީތިކަން އިތުރުވެ މޫނުގައި މަސްޖަހާލައިފަ ހުންނާނޭ ގޮތް ތަސައްވުރު ކުރިއެވެ. އެ ހިޔާލުތަކުން އޭނާއަށް އިނދެވުނީ ހިނިއައިސްފައެވެ.
"ސުމައްޔާ..." ހިޔާލަކަށް ގެއްލިފައި އިނދެފައި ކުއްލިއަކަށް މިއުނާ ގޮވާލިއެވެ.
އުނދުން ކައިރީ ހުރެފައި ހޫން ލައްވާލުމާއެކު ސުމައްޔާ ބަލާލިއެވެ. އޭނާއާ މިއުނާ ނަޒަރު ސީދާކޮށްލީ ދެނެވެ. އެ ހަރަކާތްތަކުން ކޮންމެވެސް ފިކުރެއްގައި އިނދެފައިކަން މިއުނާ ގޮވާލީ އެނގުނެވެ.
"ހޫރް... ހޫރަށް އެހެން ދިމާވީ ކީއްވެކަން އެނގޭތަ؟." މިއުނާ އަހާލިއެވެ. ސުމައްޔާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެލިއެވެ. އޭނާ އުނދުނާ ދިމާއަށް އެނބުރުނެވެ. އުނދުންމަތީ ހުރި ހަލާލުމަށްފަހު މަތިޖެހިއެވެ. ދެން އައިސް އިށީނީ މިއުނާއާ ޖެހިގެން ވައަތްފަރާތަށް ހުރި ގޮނޑީގައެވެ.
"ކޮންމަގްސަދެއްގައި ކޮންބަޔަކު ކުރިކަމެއްކަން އަދި އަދަދަށް ވެސް ނޭނގޭ. އެ ސުވާލުގެ ޖަވާބު ނުހޯދާ އަހަރެން ހުންނާނެހެން ހީވޭތަ. އަހަރެންގެ އަންހެން ދަރި ބަޔަކު ރޮލާ ނޮޅާ ކައިފަ އޮތްއިރު ހިތަށް ކެތްވާނެތަ އެކަން ކުރި ބަޔަކު ނުހޯދާ... އެކަމަކު މައްސަލަ އެއޮތީ އޮތްގޮތައް. ކުރިޔަށް ނުގޮސްފަ. ކޮންބައެއްގެކަން ހޯދޭވަރަށް ހެކިނެތީ. މިއުނާ، މީ ކުރިމަތިވި ވަރުގަދަ އިމްތިހާނެއް. އަހަރެންގެ ހުރި ހަމައެކަނި ދަރި. އަންހެންދަރިފުޅު ރައްކާތެރިކުރާން ވެސް ހުރީ ހަމަ އަހަރެން. ހޫރްގެ ބައްޕަ ނިޔާވެއްޖެ އޭނާ ކިޔަވާ ނުނިމެނީސް. އަހަރެންގެ މި ކަކުލަކާ ހެދި ބަލިމީހަކަށް އަހަރެންވެއްޖެ. ހޫރުގެ ފަހަތުން އެކުއްޖާ ދާހާ ތަނަކަށް އޭނާއާއެކު ދިއުން އަހަންނަށް ދަތިކަމަކަށްވި. އެކަނި ދާން ދޫކޮށްލެވުނީ... އަށާރަ ފުރިފައި ހުރި ދަރިފުޅު ބޮޑުވެއްޖެކަން ޤަބޫލުކުރަމުން. ވަޒީފާއަށް ދަމުން ކިޔަވަމުން އޭނާ ޚަރަދުތައް ބެލެހެއްޓި. ސުކޫލު ދުވަސްވަރުން ފެށިގެން ގުޅިގެން އުޅުނު ކުއްޖާއާ އިންނަން ހުރިހާކަމެއް ނިމިފަ އޮތީ. އޭލެވެލް ހެދިގޮތަށް އެ ޢާއިލާއިން އެކުއްޖާ ބޭރަށް ފޮނުވީ އިތުރަށް ކިޔަވަން. ކިޔަވާ ނިމެން ކައިރިވެފައިވަނިކޮށް ޗުއްޓީއަށް ރާއްޖެ އައިސް ކައިވެނިކޮށްގެން ހޫރު ވެސް ގޮވައިގެން އެނބުރި ދާން ނިންމާފަ އޮތީ. އެ ޢާއިލާ ހޫރުދެކެ ވަރަށް ލޯބިވޭ. ހޫރުގެ ވަޒީފާ ބަދަލުވުން މައްސަލައަކީ. މާލޭއިން ހުޅުމާލެއަށް ބަދަލުވީ... ލިބޭއެއްޗެއް އިތުރުވީމަ ހޫރައިން އިނީ ހިތްހަމަޖެހިފަ. އެރޭ... އާންމުކޮށް ހޫރައިން އަންނައިރަށްވުރެ މާބޮޑަށް ލަސްވީ. އެކުއްޖާ ގެއަށް ނާންނަނީސް އަހަރެން ނިދާކަށް ނޯށޮންނަން. އެރޭ އެކެއް ޖެހިއިރު ވެސް ހޫރު ގެއަށް ނާދޭ. ފޯނަށް ގުޅީމަ ޖަވާބެއް ވެސް ނުދޭ. ކަންބޮޑުވީވަރުން ހަދާނޭ ގޮތެއް ނޭނގިގެން ހަސީނާއަށް ގުޅީ. އޭގެ ދެމަފިރިން ވަގުތުން އައި. ހޫރު ހޯދުމަށް ހުޅުމާލެއަށް ހާމިދު ދިޔަ... ފުލުހުންނަށް ގުޅީ ހަސީނާ. ހޫރައިން ގެއަށް އަންނަން ނުކުތްކަން އޭނާ މަސައްކަތްކުރާތަނުން އެނގޭ. ހިނގިކަމެއް ހިނގީ މަގުމަތިން. ހޫރައިން އެ ދުވަހު ލައިގެން ހުރި ހެދުމާއި އޭނާގެ މަޢުލޫމާތު ފުލުހުންނަށް ދިނުމުން އެމީހުން ހޫރު ހޯދަން ފެށީ. ފަތިހު ފުލުހުން އަހަންނަށް ގުޅީ. ހޫރައިން ފެނިއްޖެކަމުގައި ބުނީ. ހޮސްޕިޓަލަށް އޭރު ގެންގޮސްފި. ހަސީނާގެ ދެމަފިރިންނާއެކު އަހަރެން ހޮސްޕިޓަލަށް އައީ... ދުވަހަކުވެސް މީހެއްގެ އަންހެންދަރިއަކަށް އެ ހާލު ނުޖެއްސެވުން އަހަރެންގެ ދުޢާއަކީ. ހޭނެތިފަ ހަރަކާތެއް ވެސް ކޮށްނުލާ ހަތަރު ދުވަސް ވަންދެން އޮތް. ފާޚާނާއަށް ނުދެވި... ކުޑަކަމުދާން ބިރުން... ތަދުވާތީ ދިލަނަގާތީ ރޯއިރު މީހަކު ނުބުނާނެ އެއީ ބޮޑުވެފައި ހުރި އަންހެންކުއްޖެކޭ. އިރައިގެން ގޮސްފައޭ ހުރީ ޑަކްޓަރުން ބުނީ. ދެން ވިސްނާލާ އެކުއްޖާއަށް ވާނޭވަރު. އެ ހަށިގަނޑުގަ ހުރި އަނިޔާތަކުން އަހަރެންގެ މޭ ފުނޑުފުނޑުވި... އެކަމަކު ކެތްނުކޮށް ކީއްކުރާނީ. އެނދެއްގެ މަތީ އޮންނަނީއެއް ނޫން. ބިރުން. ހަމަނިދި ނުނިދާ... ކޮޅަށް އިންނަނީ. އިރުއިރުކޮޅާ ގޮވާނެ. އަހަރެން ކައިރީ އިނަސް އޭނާއަށް ޔަގީންނުވާ ކަހަލަ. އެ ކުޑަކުޑަ ފުރާނަ ހޫރުގެ އެކަނިވެރިކަން ފިލުވައިދިން. އަލުން ދިރިއުޅުމައިގެން އުޅޭންފެށީ އެ ދަރިފުޅަށް ޓަކައި... ހިތްތައް އެފުށްމިފުށަށް ޖެއްސެވުމުގެ ކުޅަދާނަކަން ލިބިފައިވަނީ އެ ހިތަށް ދިރުން ދެއްވި ރަސްކަލާނގެއަށް. އަހަރެން ފުރަތަމަ ކަންބޮޑުވި. އެފަދަ އަނިޔާތަކުން އުފަންވާ ދަރީންދެކެ ލޯބިވުމަކީ ވާނޭކަމެއްނޫނޭ ހީވާތީ. އެކަމަކު ހޫރުގެ ވިސްނުން އެހެނެއްނޫން. ދަރިވައްޓާލުމުގެ ހިޔާލުން އޭނާއަށް އުނދަގޫވި. އޭނާ ބުނި... ﷲ ގެ ރުހިވޮޑިގަތުންވަނީ އޭނާ އެ ފުރާނަ އުފަންކުރުމުގައިކަން. އަދި އެ ދަރިފުޅު އުފަންވަނީ ﷲ ރަޙުމަތުގެ ސާފުކަންމަތީކަން. އެހާ ޔަގީންކަމެއް ހޫރަށް ލިބުމުން އަހަރެން ހައިރާންވެސްވި... އަހަރެން ހަމަޖެހުމުގެ ނޭވާއެއް ލާނޭ ފުރުސަތު ލިބުނީ އަދިކިރިޔާ."
"ހޫރްގެ ހަގީގަތް އެނގި ޒެން ވަރަށް ރުއި. އޭނާ އެ ދަރަޖައަށް ހޫރް ބަލައިގަންނާނޭ ހިތަށް ވެސް ނާރާ. ތަޤްދީރުގެ ގަލަމުން ލިޔެވިފައިވާ ގޮތް ބަދަލެއްވެސް ނުވާނެ. އަނިޔާއާއި ހިތްދަތިކަން ހަނދާންނެތޭ ވަރަށް ﷲ އެ ދަރިފުޅަށް ހިތްހަމަޖެހުމާއި އުފާވެރިކަން ދެއްވުން ހިތުގެ ދުޢާއަކީ."
"އާމީން... ޒެހެންއާއެކު ހޫރައިން ބަދަލުވެއްޖެ. ވަރަށް ބޮޑަށް ބަދަލުވެއްޖެ." ސުމައްޔާ ބުނެލިއެވެ.
* * * * *
އެއް މަސް ފަސް.
ހޮސްޕިޓަލުގައި ހޫރައިން ބޭއްވީ ވަރުދެރަވެގެންނެވެ. ހޮޑުލެވޭވަރުން އެއްޗެއް ނުކެވެނީއެވެ. މީރު އެކައްޗެއް ވެސް ނެތެވެ. ޔޫކަށް ބަނޑުބޮޑުއިރު އޭނާއަށް މިފަދަ ގޮތްތަކެއް ނުވެއެވެ. އޭރު މޭނުބައި ކުރިޔަސް ހޮޑުލެވެނީ މަދު ފަހަރަކުއެވެ. ބޮލުގައެއް ނުރިއްސައެވެ. ކުރީން ނުވާ އާގޮތްތަކެއް ވާތީ ކައިރީގަ އުޅޭ އެންމެން ކިޔަމުން އައީ ހޫރައިންއަށް އަންހެން ކުއްޖަކު ލިބޭން އުޅެނީ ކަމުގައެވެ. އެކަމަކު އެހެން ނިންމަން އަދި ވަރަށް އަވަހެވެ. އެހެންވިޔަސް ހޫރައިންގެ ހިތުގައި ވެސް ވަނީ އެހެންނެވެ. ހާމަނުކުރި ނަމަވެސް އުންމީދު ކުރެވެނީ އަންހެން ކުއްޖަކަށެވެ.
އަނބިމީހާ ބަލިވެ އުޅޭއިރު ކައިރީގަ ޚިދުމަތް ކުރާން ހުރެވެން ނެތުމުން ޒެހެންއަށް ނުތަނަވަސްކަން ލިބުނެވެ. ގޭގައި އާއިލާއާއެކު ގިނަވަގުތު ހޭދަކުރެވޭނޭ ވަޒީފާއަކާމެދު ޒެހެން ވިސްނިއެވެ. ޢާއިލާގެ ވިޔަފާރީގެ ތެރެއަށް ވަދެއްޖެނަމަ އޭނާގެ މައްޗަށް އެކަންކަން މަނާ ކުރާނޭ މީހަކު ނުހުންނާނޭކަން އެނގެއެވެ. މުނައްވަރު މިހާ ދުވަހު އެދެމުން އައި ހުށަހެޅުން ގަބޫލުކުރުމާމެދު ޒެހެން ވިސްނިއެވެ.
"ކޮންފިކުރެއްގަ." ސަރައްކާލީގެ ފާރުބުރީގަ އަތްއަޅުވާލައިގެން ހުރި ޒެހެންގެ ކައިރީ ތަހާނީ އައިސް މަޑުކޮށްލިއެވެ.
"ހަމަ ހުރީ." ޒެހެން ބުންޏެވެ.
"ހޫރް ކިހިނެއް؟. ކޮންއިރަކުން އަހަރެން ތިގެއަށް ގެންދާނީ... ހޫރްއާ މީޓުކޮށްލާ ހިތުން. ޒެހެން ގެންދިޔައިމަ ދޯ ދާން ކެރޭނީ." ތަހާނީ ވާހަކަދެއްކިއެވެ.
"މިދުވަސްކޮޅު ހޫރް ނިކަން ބަލިކޮށް އުޅެނީ. ތާނީ... އަހަރެމެންނަށް ކުއްޖެއް ލިބެން އުޅެނީ." ޒެހެން ބުނެލިއެވެ.
"ވާވް!... ކޮންގްރާ. ތިވީގޮތުން ކޮންމެހެން ވެސް އަހަރެން ތިގެންއަށް ގެންދަންވާނެ. މެރީ ކުރިފަހުން ލޮލަށް ދައްކާވެސް ނުލާ. އަނބިމީހާ ބޮޑުފޮށްޓަށް ލައިގެން ޒެހެން އުޅެނީ."
"އެހެނެއްނޫން." ޒެހެން ހިނިތުންވެލިއެވެ.
"ދެން ކޮންހެނެއް؟. އެކުވެރީންނަށް ދައުވަތު ދޭތަނުން ރަހުމާ ފަހަތު އަޅުވާލާނޭތީ ދޯ. އޭނާ މިހާރު ވަރަށް މައިތިރިވެއްޖެ." ތަހާނީ ބުންޏެވެ.
"އިންޝާﷲ ހޫރް ރަނގަޅުވެލީމަ ތާނީއަށް ދަޢުވަތު ދޭނަން." ޒެހެން ބުންޏެވެ. އޭނާ ގަސްދުގައި ރަހުމާގެ ވާހަކަ ދައްކަން ބޭނުންނުވީއެވެ. ޝާފީއާއި ރަހީމްގެ ގޮތް އެނގެއެވެ. އެކުވެރީންނެއް ކަމަކު އެމީހުންނަށް ގެއަށް ދަޢުވަތުދިނުމުގެ ވިސްނުމެއް ޒެހެންގެ ނެތެވެ. އެކަމަކު ތަހާނީއާ މެދު އެ ވިސްނުން ޒެހެންގެ ތަފާތެވެ.
ޔުނިވަރސިޓީއިން ނުކުތް ޒެހެން ސައިކަލުގައި އައިސް މަޑުކޮށްލީ ބޮޑުތަކުރުފާނު މަގަށްވާހެން ހެންވޭރުގައި ހުރި އުސް އިމާރާގެއް ކައިރިއަށެވެ. ސައިކަލުން ޕާކުކޮށްލުމާއެކު އޭނާ ވަނެވެ. ލިފްޓު ކައިރީ ހަރުކޮށްފައިވާ ބޯޑުގައި އިމާރާތުގެ އެކި ފަންގިފިލާތަކުގައި ހިންގާ އޮފީސްތަކުގެ މަޢުލޫމާތު ފެންނަން ހުއްޓެވެ. ލިފްޓުގެ ފިތަށް ޒެހެން އޮބާލިއެވެ. ޖީބުގައި އޮތް ފޯނު ނަގައި ނަހުޔާނަށް ގުޅިއެވެ. އެކޮޅުން ފޯނުކޯލު ނެގުމާއެކު ލިފްޓަށް އަރަނީކަމުގައި ޒެހެން ބުންޏެވެ.
ހުޅުވުނު ލިފްޓަށް ޒެހެން އެރިއެވެ. ނުވަވަނަ ފަންގިފިލާއާއި ދިހަވަން ފަންގިފިލާގައި ހިންގަނީ އެއް އޮފީހެވެ. ދިހަވަނަ ފަންގިފިލާއަށް ލިފްޓު ހުޅުވުނެވެ. ނުކުތްއިރު ފެންނަން ހުރީ އެންމެ ދޮރެކެވެ. ކީކާޑު ޖަހައި ހުޅުވާން ޖެހޭ ދޮރެކެވެ. ނަހުޔާނަށް ގުޅާން އުޅެނިކޮށް އެތެރެއިން މީހަކު ދޮރު ހުޅުވައިފިއެވެ. ޒެހެންއާއި އޮފީސް ތެރެއިން ނުކުތް ޒުވާނާއާ ދެމީހުންނަށް ހުއްޓުން އެރިއެވެ. ދެ މީހުންނަށް ވެސް އެކަކުއަނެކަކު ވަކިކުރާން އެނގުނީއެވެ.
"ނުކުންނަނީތަ؟" ޒެހެން އަހާލިއެވެ.
"ޒެހެންތަ؟." ކުރިމަތީ ހުރި ޒުވާނާ ވެސް އަހާލީއެވެ. ޒެހެން ބޯޖަހާލުމުން އެތެރެއަށް އައުމަށް އޭނާ ބުންޏެވެ. އެއާއެކު ފަހަތުން ޒެހެން ހިނގައިގަތެވެ.
"އަޒްހަދު..." ކުރިމަތިން ފެންނަ ޒުވާނާގެ ނަން ޒެހެން ކިޔާލިއެވެ. (ނުނިމޭ)