ނަޝީދަށް އަމާޒު ކުރި ހަމަލަ

އަލިމަނިކާއި ތަސްލީމާ ދެކޮޅު ހެކިތަކެއް ސިއްރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ދައުވާ ކޮށްފައިވާ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް އާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކެއް ސިއްރުކުރަން ޝަރީއަތުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ދައުލަތާއި ދައުވާ ލިބޭ އަލިމަނިކާއި ތަސްލީމްގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ގޮތް ނިންމުމުގެ މަޖިލީހެކެވެ. ދައުލަތުން މި ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާތަކަށް ދެ މީހުން އިންކާރުކޮށްފައިވާތީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ސިއްރުކޮށްގެން ނެގުމަށް ދައުލަތުން ވަނީ ހުށަހަޅާފަ އެވެ. އަދި ބައެއް ކިތާބީ ހެކި ސިއްރުކޮށްދިނުމަށް ވެސް އެދުނެވެ.

އެކަމަށް ގޮތް ނިންމަވަމުން ގާޒީ އަލީ އާދަމް ވިދާޅުވެފައި ވަނީ އެމީހުން ހައްޔަރުކޮށް ތަހުގީގު ހިންގާފައި ވަނީ އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެންކަން އެނގޭއިރު، ޓެރިޒަމަށް ބާރުލިބޭ ކަންކަމީ ބޮޑެތި ގެއްލުންތައް ލިބޭ ކަންކަން ކަމަށެވެ. އަދި އެހަމަލާގެ ސަބަބުން މީހެއްގެ ފުރާނަ ނުރައްކަލަކަށް ދިޔަ ކަމަށާއި، އެހެންކަމުން ދައުވާގެ ބާވަތުން ހެކިންގެ މައުލޫމާތު ހާމަކޮށްފިނަމަ ހެކިންނަށް ޖިސްމާނީ ގޮތުންނާއި މާލީ ގޮތުން ވެސް ގެއްލުން ލިބިދާނެ ކަމަށެވެ.

އެހެންކަމުން ހެކި ސިއްރުކުރުމަށް ގާޒީ ވަނީ ނިންމަވައިފަ އެވެ.

މި މައްސަލައިގައި އަލިމަނިކާއި ތަސްލީމްގެ ފަރާތުން ވަނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހާދިސާއާ ދައުވާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ ހުށަހެޅުން ހުށަހަޅާފަ އެވެ. އެގޮތުން ހަރުކަށި ފިކުރުގެ ޖަމާއަތަކަށް ތާއީދުކުރުމުގެ ތުހުމަތު އެމީހުންގެ މައްޗަށް އުފުލާފައިވާއިރު ހައްޔަރުކުރީ ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައިކަން ދެ މީހުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެކަމަކު ގާޒީ ވިދާޅުވެފައި ވަނީ އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން ވެސް އެމީހުންގެ މައްޗަށް ކުރާ ތުހުމަތު ހުރިހާ ލިޔެކިޔުމަކުން ވެސް އެނގެން އޮތް ކަަމަށެވެ. އެމީހުން ހައްޔަރުކުރަން ނެރުނު ކޯޓު އަމުރުތަކުގައި ވެސް އެމީހުންނަށް ތުހުމަތުކުރާ ކުށް ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ތަހުގީގު މަރުހަލާގައި އަލިމަނިކަށް ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދީފައި ނުވާކަމަށް ބުނެ ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ. ގާޒީ ވިދާޅުވީ ގާނޫނީ ވަކީލެއްގެ އެހީ ލިބިދީފައިވާ ފޯމު އޭނާއަށް ދީފައިވާކަން މައްސަލައިގެ ލިޔެކިޔުންތަކުން ފެންނަން ހުރި ކަމަށެވެ.

އެހެންކަމުން މި މައްސަލައަކީ މައުލޫއީ ގޮތުން ބެލޭނެ މައްސަލައެއް ކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފަ އެވެ.

މިޔާއެކު މި މައްސަލައިގެ އިބްތިދާއީ މަރުހަލާ މިއަދު ވަނީ ނިމިފަ އެވެ. ދެން އޮންނާނީ މައްސަލައިގެ ޝަރީއަތް ފެށުމެވެ. ޝަރީއަތް ފެށުމަށް މިމަހު އަޑުއެހުމެއް ބާއްވަވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

ހައެއް ފަހެއް ހަމަލާއާއި ގުޅިގެން އިތުރު ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފަ އެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު އާއި، މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ. މީގެ ތެރެއިން އަދުހަމް ކުށަށް އިއުތިރާފްވުމާއި ގުޅިގެން އޭނާ ވަނީ 23 އަހަރަށް ޖަލަށް ލާފަ އެވެ.

މި ހަތް މީހުންގެ މައްސަލަ އެއްކޮށް ކުރިއަށް ގެންދާއިރު، އެ މައްސަލައިގައި ވެސް ކުރިއަށް ދަނީ އިބްތިދާއީ މަރުހަލާ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ކޯޓުން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހު އެވެ.