ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ހިދުމަތްތައް ގާއިމުކުރުމަށް ހަތަރު ފަރާތަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެޗްޑީސީން ސޮއި ކޮށްފައިވަނީ ކެފޭއެއް ހިންގަން ދެ ފަރާތަކާ އެކު އެވެ. މީގެއިތުރުން ސެލޫން އަދި ސްޕާގެ ހިދުމަތް ދިނުމަށާއި ފާމަސީގެ ހިދުމަތް ދިނުމުގެ އިތުރުން ހެދުން ފިހާރައެއް ހިންގުމަށްވެސް ބަޔަކާ އެކު އެޗްޑީސީން ވަނީ ސޮއިކޮށްފަ އެވެ.
އެޗްޑީސީން ސޮއި ކުރި ކުންފުނިތައް
- ވައިޓް ވުޑް އިންވެސްމެންޓް - ކެފޭ
- އޭޑީ ފާމަސޫޓިކަލްސް - ފާމަސީ
- ގްރީންފްލައި - ކެފޭ
- އޮސްޓްރާވާ ޕްރައިވެޓް ލިމިޓެޑް - ގާމެންޓް ފިހާރަ
- އާރްއެމްއާރް އިންކް - ސެލޫން އަދި ސްޕާގެ ހިދުމަތް
އެޗްޑީސީން މިިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވެސް ހިދުމަތްތައް ގާއިމުކުރުމަށް ފަސް ފަރާތަކާ އެކު ސޮއި ކޮށްފައިވެ އެވެ.
ހިޔާ ފްލެޓްތަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު މީހުން ވަންނަން ފަށާފައިވާއިރު އޭރު އެ ސަރަހައްދުގައި އަސާސީ ގިނަ ހިދުމަތްތަކެއް ނެތެވެ. ނަމަވެސް މިހާރު އިންޓަނެޓާއި، ކޭބަލް ޓީވީގެ ހިދުމަތް ލިބޭއިރު ފިހާރަ އަދި މިސްކިތެއް ވަނީ ހުޅުވާފަ އެވެ. ހިޔާ ފްލެޓް ސަރަހައްދުގައި ޕާކްތަކާއި ސްކޫލުތައް އެޅުމުގެ މަސައްކަތް ވެސް އެކި ފަރާތްތަކާ ގުޅިގެން އެޗްޑީސީން މިހާރު ދަނީ ކުރަމުންނެވެ.