ގައުމުތަކުން ރަޝިއާ އާއި ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ބެންކް އޮފް މޯލްޑިވްސް -- ބީއެމްއެލްގެ ކާޑުތައް އެ ގައުމުގައި ބޭނުން ނުކުރެވޭނެ ކަމަށް ބުނެފި އެވެ.
ރަޝިއާ އާއި ދެކޮޅަށް ގައުމުތަކުން ފިޔަވަޅުތައް އަޅަން ފެށީ އެ ގައުމުން ޔުކްރޭނަށް އަރައި ދެމުންގެންދިޔަ ހަމަލާތަކާ ގުޅިގެންނެވެ.
ބީއެމްއެލް އިން ދޫކުރާ ވިސާ އާއި މާސްޓަ ކާޑުގެ އިތުރުން އެމެރިކަން އެކްސްޕްރެސް ކާޑަކީ އެމެރިކާގެ އުފެއްދުމަކަށް ވާތީ އެ ކާޑުތައް ބޭނުންކޮށްގެން ހިދުމަތް ހޯދޭނެ ސަރަހައްދުތައް ކަނޑައެޅުމުގެ ފުރިހަމަ ބާރު އެމެރިކާ އަށް ލިބިފައިވެ އެވެ.
އެ ބާރުގެ ދަށުން އެމެރިކާ އިން ވަނީ އެ ގައުމުގެ ކާޑު ނެޓްވޯކް ރަޝިއާގައި ބޭނުން ނުކުރެވޭ ގޮތް ހަދާފަ އެވެ. އެހެންވެ ބީއެމްއެލްގެ ކާޑުތަކަށް ވެސް ރަޝިއާގައި ހިދުމަތް ލިބެމުން ނުދާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
އެމެރިކާ އިން އެޅި ފިޔަވަޅުތަކާ ގުޅިގެން ރާއްޖޭގައި ތިބި ރަޝިއާގެ ޓޫރިސްޓުންނަށް ވެސް އެ ކާޑުތައް ބޭނުން ނުކުރެވެ އެެވެ.
ދުނިޔޭގެ މާލީ މުއާލަމާތްތަކާ ގުޅުން ހުރި މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް މާލީ އިދާރާތަކުގެ މެދުގައި ބޭނުންކުރާ ނިޒާމު -- ސްވިފްޓުންނާއި މާލީ މުއާމަލާތްތަކުގައި ބޭނުންކުރާ ޕޭޕަލް އިން ވެސް ވަނީ ރަޝިއާ އަށް ހިދުމަތް ދިނުން ހުއްޓާލާފަ އެވެ. އެމެރިކާއާއި ހުޅަނގުގެ ވަރަށް ގިނަ ގައުމުތަކުގެ ބޭންކުތަކުން ވެސް ވަނީ ރަޝިއާ އެކު މާލީ މުއާމަލާތްތައް ކުރުން ހުއްޓާލާފަ އެވެ.
ބީއެމްއެލް އިން ބުނީ ރަޝިއާ އާއި ޔުކްރޭނާ ދެމެދު ހިނގަމުން ހަމަނުޖެހުންތަކާ ގުޅިގެން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި ޓީޓީ ފޮނުވުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.