ބޮލީވުޑް

"ސާރޭގާމާޕާ"ގެ މިފަހަރުގެ ޓްރޮފީ ނީލަންޖަނާ އަށް

ޒީ ޓީވީގެ މަޝްހޫރު ސިންގިން ރިއަލިޓީ ޝޯ "ސާރޭގާމާޕާ"ގެ މިފަހަރުގެ ސީޒަން ނީލަންޖަނާ ރޭ ކާމިޔާބު ކޮށްފި އެވެ.

އުމުރުން 19 އަހަރުގެ ނީލަންޖަނާ އަށް ޓްރޮފީއާ އެކު އިނާމެއްގެ ގޮތުގައި 10 ލައްކަ ރުޕީސް ވެސް ލިބުނެވެ.

އާދިއްތަ ދުވަހުގެ ރޭ ދެއްކި ގްރޭންޑް ފިނާލޭގައި ރަނަރަޕް އަކަށް ހޮވުނީ ރާޖްޝްރީ ބޭގް އެވެ. އަދި ތިންވަނަ ލިބުނީ ޝަރަދް ޝަރުމާ އަށެވެ.

ޝޯ ކާމިޔާބު ކުރުމަށްފަހު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ނީލަންޖަނާ ބުނީ މިއީ އޭނާ ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. 'ސާރޭގާމާޕާ" ކަހަލަ ޝޯއެއް ކާމިޔާބުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ އެއްބަސްވި އެވެ.

ނީލަންޖަނާ އަކީ ގްރޭޑް 12ގައި ކިޔަވާ ދަރިވަރެކެވެ. އަދި ކުރިއަށް އޮތީ އެންމެ ފަހު އިމްތިހާނު ކަމަށް ވާތީ ދެން އޭނާ ފޯކަސް ކުރާނީ ކިޔެވުމަށް ކަމަށް ނީލަންޖަނާ ބުންޏެވެ.

ނީލަންޖަނާ ލަވަކިޔާލެއް ރީތިކަމުން އޭނާ ބައިވެރިވާ ޝޯތަކުގެ ޖަޖުންނާއި އެ ޝޯތަކަށް މެހެމާނުންގެ ގޮތުގައި އަންނަ ގިނަ މިއުޒީޝަނުން ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވެއެވެ.

ނީލަންޖަނާ އަކީ "އިންޑިއަން އައިޑަލް"ގެ 10 ވަނަ ސީޒަންގެ ވެސް ބައިވެރިއެކެވެ. އެ ޝޯއިން އޭނާ އަށް ލިބުނީ ދެވަނަ ރަނަރަޕް ކަމެވެ.

މީގެ އިތުރަށް ވެސް ގިނަ ސިންގިން ރިއަލިޓީ ޝޯތަކެއްގައި ކުޑަ ކުއްޖެއްގެ ގޮތުގައި ވެސް ނީލަންޖަނާ ބައިވެރިވެ ބައެއް ޝޯތަކުގެ އެއްވަނަ ވެސް ހޯދާފައިވެ އެވެ.