ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ރައީސް ޔާމިން ބަލި ކުރެވޭނީ ރައްޔިތުން މަޖުލީހުގެ ނައިބު ރައީސް، އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކަށް އެކަނި ކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
ރޭ ސަން ޓީވީގެ "50 މިނެޓު" ޕްރޮގްރާމުގައި ވާހަކަދައްކަމުން މޫސަ ވިދާޅުވީ ސިޔާސީ ކެމްޕެއިނެއް ކާމިޔާބުކުރުމަށް ބޭނުންވާނީ އެ މީހެއްގެ ހައިބަތާއި ކަރާމާތް ދައްކައިދިނުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ކެމްޕޭނެއް މޮޅުވާނީ އެންމެ މޮޅު ސްޓްރެޓަޖީއަކާ އެކު މަސައްކަތް ކުރާ ކެންޑިޑޭޓަކާ އެކުގައި ކަމަށެވެ. އަދި އެކަމުގެ މިސާލަކަށް މިދިޔަ ރިޔާސީ އިންތިހާބުގައި އެހެން ޕާޓީތަކުން ކުރި ހަރަދާއި އަޅާބަލާފައި ރައީސް ޔާމިންގެ ޓީމް އިން ކެމްޕެއިން ކާމިޔާބު ކުރެއްވީ އެފަދަ ސްޓްރެޓަޖިކް ޕްލޭން އެއް ބޭނުން ކުރީމަ ކަމަށް މޫސަ ގަބޫލު ކުރައްވަ އެވެ.
މޫސަ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށް އެމްޑީޕީގެ ޕްރައިމެރީ އިން ވާދަ ކުރަން ނިންމާފައިވާ ކަމަށެވެ. ރައީސް ނަޝީދު ފިޔަވާ އެމްޑީޕީ އިން އޭނައާ ވާދަކޮށްގެން މޮޅުވާނެ މީހެއް ނުހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ކަމުން 2000 މީހުންގެ ސޮއިއާ އެކު އެމްޑީޕީ މެމްބަރުންގެ ހިޔާލު ތަފާތުވުން ހުއްޓަސް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވެރިކަމާއި ކުރިމަތި ލާނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ 2018 ވަނަ ރިޔާސީ އިންތިހާބުން ރައީސް ޔާމިން ބަލިކުރަން ބޭނުން ނަމަ އެމްޑީޕީ އިން މިއަދު ނެރެންވެސް ޖެހޭނީ ޔައީސް ޔާމިން ބަލި ކުރެވޭ ފެންވަރުގެ މީހެއް. ހަމައެކަނި އެކަން ކުރެވެން ހުރީ އަޅުގަނޑަށް އެކަނި،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ގޮތުގައި މިއަދު ރައީސް ނަޝީދުގެ ބުނެގެން ކަމަށް ބުނެ ބޭރު ދުނިޔޭގައި ރާއްޖޭގެ އަގު ވައްޓަމުންދާ ކަމަށާއި އަދި އެކަމުން ދޭހަވަނީ އެމްޑީޕީގެ ލީޑާ ޝިޕް އޮތީ ފެއިލްވެފައި ކަން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.