ކުޅުދުއްފުށި

ކުޅުދުއްފުށީގައި އެކްސިޑެންޓެއް، ސައިކަލުގައި ވެސް ރޯވި

Mar 7, 2022

ހދ. ކުޅުދުއްފުށީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓް ވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު 9:15 ހާއިރު އެވެ. ކުޅުދުއްފުށީ ބޮޑު މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެ ސައިކަލު ކޮންޓްރޯލް ނުވެގެން ހޮޅިދަނޑިއެއްގައި ޖެހި ދުއްވަން އިން މީހާ ވެސް ވިއްސައިގެން ދިޔަ އެވެ.

ސައިކަލް ދުއްވަން އިން މީހާއަށް އެކި ވަރުގެ އަނިޔާ ލިބުނެވެ. އެކަމަކު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.

އެކްސިޑެންޓް ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ބުނި ގޮތުގައި، ސައިކަލު ގޮސް ހޮޅިދަނޑީގައި ޖެހުމުން ރޯވީ އެވެ. އެ ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަލިފާން ނިންވައިލީ އެމްއެންޑީއެފްގެ ފަޔާމަނުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެ ހާދިސާ ސަމާލުކަމަށް އައިސްފައިވީ ނަމަވެސް، އިތުރު ތަފްސީލް އަދި ނުލިބޭ ކަމަށެވެ.