މޯލްޑިވްސް ޕޮލިސް ސާވިސް

ޓެކްސީ ދަތުރުގެ އަގު ބޮޑުކުރާނަމަ ފިލަވަޅު އަޅާނަން: ޕޮލިސް

ޓެކްސީކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑު އަގު ނަގާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

ފުލުހުންގެ ރޯޑް ޕޮލިސް ފޭސްބުކް ޕޭޖުގައި ފުލުހުން ވަނީ ޓެކްސީ ޑްރައިވަރުންނަށް ނެގޭނެ އަގުތައް ހާމަކުރުމަށްފަހު ޕޯސްޓެއް ކޮށްފަ އެވެ. އެ ޕޯސްޓްގައި، ޓެކްސީތަކުން ނަގަންޖެހޭ އަގުތައް ހަނދާންކޮށްދީފައިވެ އެވެ.

ފުލުހުންގެ ޕޯސްޓުގައި ބުނެފައިވަނީ ކަނޑައަޅާފައިވާ އަގުތަކުގެ އިތުރަށް ޓެކްސީތަކުގެ ޑިކީއަށް ނުވަތަ އެތެރެއަށް އަރުވާ ލަގެޖަށް އިތުރު އަގު ނެގުމަކީ މަނާ ކަމެއް ކަމަށެވެ.

ފުލުހުން އިންޒާރުދީފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ބޮޑު އަގު ނަގާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ޓެކްސީ ކުރުމުގެ ގަވައިދުގައިވާ ގޮތުން އެ ގަވައިދާ ހިލާފުވާނަމަ ނަސޭހަތާއި އިންޒާރު ދެވިދާނެ އެވެ. އަދި ކުށުގެ އަދަބެއްގެ ގޮތުގައި ފުރަތަމަ ފަހަރަށްނަމަ 500 ރުފިޔާ އަދި ދެވަނަ ފަހަރުނަމަ 1،000 ރުފިޔާ އިން ޖޫރިމަނާކުރެވިދާނެ އެވެ. ކުށް ތަކުރާރުކޮށްފިނަމަ އެ ފަރާތެއްގެ ލައިސަންސް ބާތިލްކުރުމުގެ ބާރުވެސް މިނިސްޓްރީ އަށް ދީފައިވެ އެވެ.

ސަރުކާރަށް ވަކި މުއްދަތެއް ދިނުމަށްފަހު މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން ވަނީ ނިންމާފަ އެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތަށް ނިންމީ ތަކެތީގެ އަގުތަކަށާއި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ޓެކްސީ ޑްރައިވަރުންނަށާއި ސެންޓަރުތަކަށް ގެއްލުން ވަމުންދާތީ އެވެ.

އެ މުއްދަތުގެ ފަހުން ބޮޑުކުރަން ނިންމާފައިވީ ނަމަވެސް، މިހާރު ވެސް ބައެއް ޓެކްސީ ޑްރައިވަރުން ނަގަމުން އަންނަނީ އަލަށް އެމީހުން ކަނޑައަޅާފައިވާ އަގުތަކެވެ. ބޮޑު އަގު ނަގާތީ އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ.