ފެނަކަ ކޯޕްރޭޝަން

ވިލިނގިލީ ކަރަންޓް ތިން ދުވަހު ހައްލުވާނެ، ނައިފަރަށް މިރޭ ކަރަންޓް ލިބޭނެ: ފެނަކަ

Dec 24, 2015
1

ގއ. ވިލިނގިލީ ކަރަންޓްގެ މައްސަލަ އާއި ޅ. ނައިފަރުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިޔަށް އެބަދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ދެ ރަށުގެ ކަރަންޓްގެ މައްސަލައާ ގުޅިގެން ފެނަކައިން މިރޭ ދަންވަރު ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ވިލިނގިލީގައި ބޭނުންކުރާ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން މިދިއަ ދެހަފުތާގެ ތެރޭ އެ ރަށުގެ އެކި ސަރަހައްދުތަކުން ޕީކް ގަޑީގައި ކަރަންޓް ކަނޑަމުންދާ ކަމަށާއި ޖަނަރޭޓަރަށް މައްސަލަ ދިމާވި ނަމަވެސް ކަރަންޓްގެ ހިދުމަތުގައި ބޭނުން ކުރާ 360 ކިލޯ ވޮޓްގެ ޖަނަރޭޓަރާއި 400 ކިލީ ވޯޓްގެ ޖަނަރޭޓަރު ބޭނުންކޮށްގެން ވިލިނގިލީގައި ކަރަންޓްގެ ހިދުމަތް ދެމުންދާއިރު ޕީކް ގަޑީގައި ލޯޑް ނުހިފެހެއްޓޭތީ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ޖެހޭ ކަމަށެވެ.

ފެނަކައިން ބުނީ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު މަރާމާތު ކުރަން އިންޖިނިއަރުންގެ ޓީމަކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ސްޕެއާ އާއި އެހެން ތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށާއި ދެ ތިން ދުވަހުގެ ތެރޭގައި އެރަށުގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލު ލިބޭނެ ކަމަށެވެ.

ނައިފަރު ކަރަންޓާބެހޭ ގޮތުން ބުނީ މިއަދު މެންދުރު 12:00 އިން ފެށިގެން ނައިފަރުން އެއްކޮށް ކަރަންޓް ކެނޑީފައިވާ ކަމަށާއި އެހެން ދިމާވީ އެލްޖީއޭއިން އެރަށުގެ މަގުމަތީގައި ބައްތި ޖެހުމަށް ކޮންޓްރެކްޓް ކުރި ފަރާތުން އާތު ރޮޑް ނައިފަރުގައި ކަރަންޓް ދިނުމަށް އަޅާފައިވާ އެޗްވީ ކޭބަލްގެ މައްޗަށް ޖެހުމުން ކަމަށެވެ. އާތު ރޮޑް ބޭބަލް މައްޗަށް ޖެހުމުގެ ސަބަބުން ކޭބަލްގެ ދެ ފަރާތް ބުރިވެފައިވާ ކަމަށް ވެސް ބުންޏެވެ.

އެލްޖީއޭގެ މަސައްކަތް ކުރަން ހަވާލުވި ކޮންޓްރެކްޓަރު މަސައްކަތް ކުރާ ވަގުތު ނައިފަރު އިންޖީނުގެއާ މަޝްވަރާ ކުރާ ކަމަށާއި ނަމަވެސް އާތު ރޮޑް ޖެހުމުގެ މަސައްކަތް ކުރި އިރު މަޝްވަރާ ނުކުރާ ކަމަށް ވެސް ފެނައިކައިން ބުންޏެވެ. އަދި ބުނީ ބުރިވި ކޭބަލް ޖޮއިންޓް ކުރަން މިރޭ ނައިފަރަށް ޓީމެއް ދާނެ ކަމަށާއި މިރޭ ދަންވަރު އެ މަސައްކަތް ކޮށް ލަސްނުވެ ނައިފަރަށް ކަރަންޓް ދޭނެ ކަމަށެވެ.

"