ހަބަރު

ވިލިނގިލީގައި ކަރަންޓްޖެހުނު މީހަކު ހާލު ސީރިއަސް

ގއ. ވިލިނގިލި ފެނަކައިގެ މުވައްޒަފަކު ކަރަންޓުގައި ޖެހި ހާލު ސީރިއަސްވެއްޖެ އެވެ.

ގއ. އަތޮޅު ކައުންސިލް ރައީސް އަހުމަދު ފުއާދު އަވަސްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިއަދު ހަވީރު 5:00 ހާއިރު، ފެނާ ނަރުދަމާގެ މަސައްކަތް ކުރަން އުޅުުނު ސަރަހައްދުގައި ކަރަންޓް ޕަންޕެއް ޖައްސަން އުޅުމުގެ ތެރޭގައި އެރަށު ފެނަކައިގެ މުވައްޒަފަކު ކަރަންޓް ޖެހިފައިވާ ކަމަށެވެ.

ފުއާދު ވިދާޅުވީ ކަރަންޓް ޖެހުނީ ވިލިނގިލީ، އަހްމަދު މުފީދު ނަމަކަށް ކިޔާ ފެނަކައިގެ މުވައްޒަފެއް ކަމަށާއި އޭނާގެ ހާލު ވަރަށް ސީރިއަސްވެ އިތުރުފަރުވާ އަށް މާލެ ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް ކޮނެފައިވާ ކޯރެއްގައި ފެން އުފެދިފައިވާތީ އެފެން ހިއްކުމަށް ކަރަންޓް ޕަންޕެއް ޖައްސަން އަހްމަދު މުފީދު އެ ކޯރަށް ފައިބާ އޮތްކަން އެވަގުތު ހުރި ސުޕަވައިޒަރަށް ނޭގި ބްރޭކަރު ނެގުމުންނެވެ.

ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ބުނީ އެފަދަ ހާދިސާއެއް ހިނގައިގެން ހޮސްޕިޓަލުގައި މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި އިތުރު މައުލޫމާތެއް މިވަގުތު ހިއްސާކުރެވެން ނެތް ކަމަށެވެ.

ވިލިނގިލީގައި މިއަދު ކަރަންޓް ޖެހި މީހެއްގެ ހާލު ސީރިއަސްވެފައިވާއިރު 2016 ވަނަ އަހަރުވެސް ހިނގި މިފަދަ ހާދިސާއެއްގައި އެރަށު ފެނަކައިގެ މުވައްޒަފަކު ވަނީ މަރުވެފަ އެވެ.