ޖޯ ބައިޑަން

ބައިޑަން ސައޫދީއަށް ވަޑައިގަތުމަށް ލަފާއަރުވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދަނޑިވަޅުގައި ރަނގަޅު މަގުސަދެއްގައި ސައޫދީއަށް ވަޑައިގަތުން ބުއްދިވެރި ކަމަކަށް ވާނެ ކަމަށް ބައިޑަންގެ އެޑްވައިޒަރުން ވިދާޅުވެއްޖެ އެވެ.

ދަތުރުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ފިލައިގެން ހިނގައިދާނެ ކަަމަށް ވެސް އެޑްވައިޒަރުން ވިދާޅުވެ އެވެ.

ބައިޑަން އެމެރިކާގެ ރައީސްކަމަށް ވަޑައި ގެންނެވި ފަހުން ސައޫދީއަށް ދަތުރެއް ނުކުރައްވަ އެވެ. އެހެންކަމުން ސައޫދީއަށް ބައިޑަން ވަޑައިގެންފި ނަމަ ރަނގަޅު ފެށުމަކުން ދެގައުމުގެ ގުޅުން ފެށި މާހައުލު ތަނަވަސް ވެދާނެ ކަމަށް ވެސް ބައިޑަންއަށް ލަފާއަރުވާ ބޭފުޅުން ވިދާޅުވެ އެވެ.

ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުން ތެލުގެ އަގުތައް މިހާރު ވެސް އުފުލިފައި އޮތްއިރު، އެވްރެޖް މީހުން އަތްނުފޯރާ ފަށަށް އަގުތައް އުފުލިދާނެ ކަމަށް އޮތީ ބިރުހީވެފަ އެވެ.

އެމެރިކާ އާއި ޔޫރަޕުން ރަޝިއާގެ ތެލަށް ބަރޯސާކުރުން ހުއްޓާލައި، ރަޝިއާއިން އެއްގޮތަކަށް ވެސް ތެޔޮ ނުގަންނަން މަޝްވަރާ ކުރަމުން ދާއިރު ކޮންމެވެސް އެހެން ދިމާއަކުން ތެޔޮ ލިބޭނެ ގޮތް އޮތީ ހަދަން ޖެހިފަ އެވެ.

ތެލުގެ އަގުބޮޑުވުމަކީ ކާބޯތަކެތީގެ އަގު އުފުލެން މެދުވެރިވާ ސަބަބެކެވެ. އެހެންކަމުން ތެޔޮ އުފައްދާ ގައުމުތަކުން ދުނިޔެއަށް ތަކުލީފަކަށް ނުވާ ގޮތަށް ތެޔޮ ސަޕްލައިކޮށްދޭ ނަމަ އިންސާނީ ކާރިސާއަކުން ދުނިޔެ ސަލާމަތް ކުރެވިދާނެ ކަމަށް ވިސްނުންތެރިން ބުނެ އެވެ.

އެޑްވައިޒަރުން ވިދާޅުވާ ގޮތުން ބައިޑަން ސައޫދީއަށް ވަޑައިގަންނަވަން އޮތް ސަބަބީ ސައޫދީން ތެޔޮ ލިބޭނެ ލުއި އަދި ދެމެހެއްޓެނިވި ގޮތެއް ހޯއްދެވުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބައިޑަންގެ އޮފިޝަލުން ވެނެޒުއެލާއަށް ވަޑައިގެން ރައީސް ނިކޮލަސް މަދޫރޯއާ ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ. އޮފިޝަލުން ދެކެވަޑައި ގަންނަވާ ގޮތުގައި މިވަގުތަށް ދަތިތައް ފޫބެއްދޭ ވަރަށް ވެނެޒުއެލާއިން ތެޔޮ ލިބިދާނެ އެވެ.

ވައިޓް ހައުސް ބުނާ ގޮތުން ބައިޑަން ބޭރު ގައުމަކަށް ވަޑައިގަންނަވާ ގޮތަށް އަދި ތާވަލެއް ނެތެވެ.

އެހެން ނަމަވަވެސް އެތެރެ އެތެރެއިން ލީކުވާ މައުލޫމާތު ބުނާ ގޮތުން ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ބައިޑަން ޖަޕާނަށާއި ސެޕޭނަށް އަދި ޖަރުމަނަށާއި އިޒްރޭލަށް ވަޑައިގަންނަވާނެ އެވެ.

ބައިޑަންގެ ދަތުރުތަކަށް ޚާއްސަ ތާވަލެއް އަދި ނެތް ނަމަވެސް، ސައޫދީ އަރަބިއްޔާއަށް ބައިޑަން ވަޑައިގަތުމަށް ކުރެވޭ މަޝްވަރާތަކުގެ އަޑު ވައިޓް ހައުސްގައި ވެސްް އޮތީ ވަރަށް ގަދަވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.