ބޮލީވުޑް

ޝޯ ހޯސްޓް ކުރުމަށް އަދިތުޔާ ނާރަޔަން އަލްވަދާއު ކިޔައިފި

އިންޑިޔާގެ ލަވަ ޝޯތައް ހޯސްޓް ކުރުމުގައި 15 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކުރުމަށް ފަހު އެ ފަދަ ޝޯތައް ހޯސްޓް ކުރުން އަދިތުޔާ ނާރަޔަން ހުއްޓާލައިފި އެވެ. ޝޯ ހޯސްޓް ކުރުމަށް އަލްވަދާއު ކިޔަނީކަން އަދިތުޔާ ހާމަކުރީ ސޯޝަލް މީޑިއާގައި ޝެއާ ކުރި ވަރަށް އަސަރުން ފުރިގެންވާ މެސެޖެއްގަ އެވެ.

ޝޯތައް ހޯސްޓްކުރުމުގެ އިތުރުން ބައެއް ހިންދީ ފިލްމުތަކަށް ލަވަ ކިޔައިދީފައިވާ ލަވަކިޔުންތެރިޔާ ބުނި ގޮތުގައި އާދިއްތަ ދުވަހުގެ ރޭ ނިމުނު ޒީ-ޓީވީގެ "ސާ ރޭ ގާ މާ ޕާ" ގެ މިފަހަރުގެ ސީޒަން އަކީ ހޯސްޓެއްގެ ގޮތުގައި އޭނާ ބައިވެރިވާ އެންމެ ފަހު ޝޯ އެވެ. މީގެ ފަހުން އޭނާ އެއްވެސް ޝޯއެއް ހޯސްޓެއް ނުކުރާނެ އެވެ.

"ސާ ރޭ ގާ މާ ޕާ" އަކީ އިންޑިޔާގެ ޓީވީތަކުން ދައްކާ މިއުޒިކް ޝޯތަކުގެ ތެރެއިން އެންމެ ގިނަ ދުވަސް ވީ ޝޯ އެވެ. އަދި މި ޝޯ ފާއިތުވީ 15 އަހަރުއްސުރެ ހޯސްޓް ކުރަމުން ދިޔައީ އަދިތުޔާ އެވެ.

"ހޯސްޓެއްގެ ޑިއުޓީއަށް އަހަރެން އަލްވަދާއު ކިޔާކަން މި އިއުލާން ކުރަނީ ވަރަށް ދެރަވެފައި ހުރެ. 'ސާރޭގާމާޕާ' އަކީ އަހަރެން އުމުރުން 18 އަހަރުން ފެށިގެން ހޯސްޓް ކުރަމުން އައި ޝޯ އެއް. އަހަންނަށް މިހާތަނަށް ހޯދުނު ހުރިހާ ކާމިޔާބެއްގެ އަސްލަކީ އެ ޝޯ. ފާއިތުވީ 15 އަހަރު ތެރޭ ނުވަ ސީޒަނެއްގައި 350 އެޕިސޯޑު އަހަރެން ހޯސްޓް ކުރިން. އަށާރަ އަހަރުގެ ޒުވާން ފިރިހެން ކުއްޖަކުން ބޮޑު މީހަކަށްވެ ރީތި އަންބެއް ލިބި ތުއްތު އަންހެންދަރިއެއްގެ ބައްޕައަކަށްވީ މި ޝޯ ހޯސްޓް ކުރުމުގައި ހޭދަކުރި މުއްދަތުގައި،" އަދިތުޔާ ލިޔެފައި ވެއެވެ.

އަދިތުޔާގެ މި ޕޯސްޓަށް "ސާރޭގާމާޕާ" ގެ ޖަޖް އަދި މިއުޒިކް ޑައިރެކްޓަރު ވިޝާލް ދަދްލާނީ ކޮމެންޓް ކޮށްފައި ވެއެވެ. އަދި އޭނާއަށް މިއުޒިކްގެ ރޮނގުން ރަނގަޅު ކާމިޔާބެއް ނުހޯދެނީސް ޝޯ ދޫނުކޮށްލަން ވިޝާލް އިރުޝާދު ދީފައި ވެއެވެ.

އަދިތުޔާގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި އޭނާގެ އަމިއްލަ މިއުޒިކް ލޭބަލް އެއް އުފައްދައި އެ ލޭބަލްގެ ދަށުން އަމިއްލައަށް މިއުޒިކް ތައްޔާރު ކުރުމާއި ލަވަ ކިޔައި އެ ލަވަތައް ބާޒާރަށް ނެރުމުގެ މަސައްކަތް ފަށަން ގަސްތުކުރާ ކަމަށް ބުނެފައި ވެއެވެ. ބެލެވޭ ގޮތުގައި އޭނާ ހޯސްޓް ކުރުން ދޫކޮށްލަނީ މި މަސައްކަތްތައް އެކަށިގެންވާ ގޮތެއްގައި ކުރުމަށެވެ.

އަދިތުޔާ އަކީ އިންޑީޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުޑިތު ނާރަޔަންގެ ހުރި ހަމައެކަނި ދަރިފުޅެވެ.