ރައްޔިތުންގެ މަޖިލިސް

ފަންނީ އުފެއްދުންތައް ގިންތި ކުރަން ފަށަނީ

ރާއްޖޭގައި އުފައްދާ އުފެއްދުންތަކާއި އަދި އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން ތަފާތު އުމުރުފުރާތަކަަށް އެކަށޭނެ ގޮތަށް އެ އުފެއްދުންތައް ގިންތިކޮށް ދަރަަޖަކުރަން ނިންމައި އެކަމާ ގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި އެެވެ.

"ފަންނީ އުފެއްދުންތައް ގިންތިކުރުމާއި ދަރަޖަ ކުރުމުގެ ގާނޫނު" ގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އެވެ. އަދި އެ ބިލުގެ ބަހުސް މިއަދު މަޖިލީހުގައި ވަނީ ފަށައިފަ އެވެ.

މި ބިލުގެ މަގްސަދަކީ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން ތަފާތު އުމުރުފުރާތަކަށް އެކަށޭނެ ގޮތަށް ގިންތި ކުރެވޭ އުފެއްދުންތަކެއް ކަމަށް ކަށަވަރުކުރުމަށްޓަކައި ގިންތިކުރުމާއި ދަރަޖަކުރުމުގެ ނިޒާމެއް ގާއިމުކުރުން ކަމަށް ބުނެފައި ވެއެވެ.

މި ގާނޫނުގެ ދަށުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކުރަން ޖެހޭނީ ނެޝެނަލް ބިއުރޯ އޮފް ކްލެސިފިކޭޝްއިން ކަމަށް ވެސް ބިލުގައި ބުނެފައި ވެއެވެ.

ބިލު ގާނޫނަކަށް ވުމުން ރާއްޖޭގައި އުފައްދާ ނުވަތަ އެތެރެކުރާ ފިލްމާއި ސައުންޑް ރިކޯޑިންއާއި ފޮޓޯއާއި ކުރެހުން ފަދަ އުފެއްދުންތައް އާންމުކުރެވޭނީ އެ އުފެއްދުންތައް ގިންތި ކުރުމުން ނެވެ. ނަމަވެސް އަމިއްލަ ބޭނުމަށާއި ފަތުރުވެރިން އެތެރެކުރާ އުފެއްދުމާއި އަދި ޑައުންލޯޑް ކުރާ އުފެއްދުންތައް އިސްތިސްނާ ވާނެ އެވެ.

އުފެއްދުންތައް ގިންތިކުރާ އިރު ހުރިހާ އުމުރެއްގެ މީހުންނަށް ބެލޭ ނުވަތަ ވަކި އުމުރު ފުރާތަކަށް އެކަށީގެންވާ ގޮތަށް ގިންތި ކުރެވޭނެ އެވެ. އަދި ގިންތި ކުރުމުގައި އާންމު އިޖުތިމާއި މިންގަނޑުތަކާއި ޖިންސީ ކަންކަމާއި އަނިޔާވެރިކަން ހުރި މިންވަރަަށް ރިއާޔަތްކުރަން ޖެހޭނެ އެވެ.

ގިންތިކޮށްފައިވާ އުފެއްދުމަށް އުނި އިތުރެއް ގެނެސްފިނަަމަ މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 އާއި 5000 ރުފިޔާއިން ޖޫރިމަނާކޮށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އިތުރު 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.