ފަންނުވެރިންގެ ހައްގުތައް ކަށަަވަރުކޮށް އެ މީހުންނަށް އިތުރު ފުރުސަތުތައް ހޯދައި ދިނުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްވައިފި އެވެ.
އާދަމް ޝަރީފް މިހެން ގޮވާލެއްވީ ފަންނީ އުފެއްދުންތައް ގިންތިކުރުމަށް ސަރުކާރުން ހުށަހެޅި ބިލަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރި ބަހުސްގެ ތެރެއިން ނެވެ.
އާދަމް ޝަރީފް ވިދާޅުވީ ފަންނުތައް ގިންތިކުރެވިގެންދާ އިރު އެ ދާއިރާގެ ހައްގުތައް ވެސް ކަށަވަރުކުރަން ޖެހޭ ކަމަަށެވެ.
އެގޮތުން ފަންނީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އެކަށީގެންވާ އާމްދަނީ އެއް ލިބުމުގެ މުހިންމުކަން ޝަރީފް ފާހަގަކުރެއްވި އެވެ. އަދި މީގެ އިތުރުން ފަންނުވެރިންގެ އަގު އިތުރަށް ވަޒަން ކުރަން ޖެހޭ ކަމަށެވެ.
"ޅެންވެރިކަމުގެ ދާއިރާގައި، ފޮތް ލިއުމުގެ ދާއިރާގައި އަދި މި ނޫންވެސް އެކި ދާއިރާަތަކުގައި ކުރެވޭ މަސައްކަތްތަަކަކީ ހަމައެކަނި ހޮބީއަކަށް ނުވަތަ ކުރާ މަސައްކަތަކުން އޭނާއަށް އޮތް ހިތްހަމަޖެހުމެއް ލިބުމުގެ ބަދަލުގައި އެކަމަކީ ގައުމަށް ފައިދާ ހުރިކަމެއް ކަމުގައި ވާނަމަ އޭގެ އަަގު ސަރުކާރުން ވަޒަން ކުރެވޭނެ ގޮތްތަކެއް ހުރިނަމަ އަޅުގަނޑުމެން މި ބިލުގެ ތެރެއިން ވުޖޫދު ކުރެވޭތޯ މަސައްކަތް ކުރަން ޖެހޭ" އާދަމް ޝަރީފް ވިދާޅުވި އެެވެ.
ފަންނުތައް ގިންތިކުރާ ބިލުގެ މަސައްކަތް ކުރިއަށްދާ އިރު އުފެއްދުންތެރިންގެ މަސައްކަތްތަކާއި އުފެއްދާ ތަކެތި ހިމާޔަތްކޮށް އެ ތަކެތީގެ އަގު އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދިނުމުގެ ބައި ވެސް ހިމަނަން އާދަމް ޝަރީފް އެދިވަޑައިގެންނެވި އެވެ.
ރާއްޖޭގައި އުފައްދާ އުފެއްދުންތަކާއި އަދި އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން ތަފާތު އުމުރުފުރާތަކަަށް އެކަށޭނެ ގޮތަށް އެ އުފެއްދުންތައް ގިންތިކޮށް ދަރަަޖަކުރަން މިއަދު ބަހުސް ކުރި ބިލުގައި ހިމަނާފައި ވެއެވެ.