ހަބަރު

ލޯންޗެއްގައި އަލިފާން ރޯވެ، އެއްކޮށް އަނދައިފި

ރީތިރަށް ރިސޯޓުން މާލެއަށް ދަތުރުކުރަމުންދިޔަ އެ ރިސޯޓުގެ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައެއް ނުވެއެވެ.

ހާދިސާއާ ގުޅޭގޮތުން "އަވަސް"އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން މުހައްމަދު ވިދާޅުވީ، އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ 7:25 ހާއިރު ކަމަށާއި ލޯންޗުގައި ތިބީ ތިން ކްރޫއިން ކަމަށެވެ. ލޯންޗު ވަނީ ވަރަށް ބޮޑަށް އަދާފައި ކަމަށް ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރީތިރަށާ މާ ދުރު ނޫން ހިސާބެއް ކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ލޯންޗުގައި ރޯވުމުން އެ ލޯންޗުގައި ތިބި ތިން ކުރޫއިން ވަނީ ލައިފް ޖެކެޓް އަޅައި މޫދަށް ފުންމާލާފައެވެ. އެމީހުން ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ސިރިއަސްގެ ލޯންޗަކުންނެވެ.

ލޯންޗުގައި ތިބި ތިން ކުރޫއިން މިހާރު ވަނީ އެ ރިސޯޓުގެ އެހެން ލޯންޗެއްގައި ރީތިރަށަށް ގެގޮސްފައެވެ.