އުނގޫފާރު

އެކެއްގެ ހަށިގަނޑުގެ 25 ޕަސަންޓް ވަނީ ފިހިފައި

ދޯންޏެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ތިން މީހުންގެ ތެރެއިން އެކެއްގެ ހަށިގަޑުގެ 25 ޕަސެންޓް ފިހިފައިވާ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އިން ބުނެފި އެވެ.

ހުއިފިލަނޑާ ނެގުމަށް މަސައްކަތުގައި ބޭނުންކުރަމުން ދިޔަ ރ. ދުވާފަރުގެ ދޯންޏެއްގައި އިއްޔެ ރޯވެފައިވަނީ ކެމިކަލްތެކެއް ދޯނި ތެރޭގައި ގެންގުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މިހާދިސާގައި ފިހިގެން އިތުރު ފަރުވާއަށް އުނގޫފާރަށް އިއްޔެ ގެންދިޔައީ ދިވެހި ތިން ފިރިހެނުންނެވެ. އެއީ 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އުނގޫފަރު ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ މެނޭޖަރު ހަސަން ފަޒީލް ވިދާޅުވީ ފިހިގެން ގެނައި ތިން މީހުންގެ ތެރެއިން 34 އަހަރު މީހާގެ ހަށިގަނޑުގެ 25 ޕަސަންޓް ފިހިފައިވާ ކަމަށެވެ. އެކަމަކު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވިދާޅުވި އެވެ.

"މި މީހާއަށް ހޮސްޕިޓަލްގައި ހަފްތާއެއް ވަރު ބާއްވައިގެން ފަރުވާ ދިނުމަށް ޑޮކްޓަރު ލަފާ ދެއްވަނީ،" ފަޒީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިހުނު އަނެއް ދެ މީހުންގެ ހަށިގަނޑު އެހާ ބޮޑަށް ފިހިފައި ނުވާ ކަމަށާއި އެމީހުންގެ ހާލު އާންމު ގޮތެއްގައި ރަނގަޅު ކަމަށެވެ. އަދި ދެތިންދުވަސް ތެރޭގައި އެމީހުން ދޫކޮށްލާނެ ކަމަށްވެސް ވިދާޅުވި އެވެ.