ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހުޅުމާލޭގެ އާ ކޮވިޑް ފެސިލިޓީ ހުޅުވައިފި

Mar 8, 2022
2

ގައިންގަޔަށް އަރާ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދާފައިވާ ފެސިލިޓީ ހުޅުވައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ބަލި މީހުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ހަދާފައިވާ އާ ފެސިލިޓީ މިހާރު ހުޅުވާފައިވާ ކަމަށެވެ.

ބްރިޖުގައި ދަތުރުކޮށްފައި ގޮސް ހުޅުމާލެއަށް އަރާ ހިސާބުގައި "އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރު"ގެ ނަމުގައި ހުޅުވާފައިވާ އާ ފެސިލިޓީ އަކީ 272 އެނދުގެ ތަނެކެވެ. މީގެތެރޭގައި އައިސީޔޫ 44 އެނދުވެސް ހިމެނެ އެވެ.

އާ ފެސިލިޓީ ހަދާފައިވަނީ އެޗްޑީސީން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ކުރިން ބޭނުންކުރި އޮރެންޖު ހިޔާ އިމާރާތުގަ އެވެ. އެ އިމާރާތުގެ ސްޓްރަކްޗަރަށް މިހާރު ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. ކޮވިޑް ފެސިލިޓީ ހިންގުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ބެލުމުގެ ދަށުންނެވެ.

ހެލްތު މިނިސްޓްރީން ބުނީ އާ ފެސިލިޓީގައި ކުއްލި ފަރުވާ އާއި އަދި ބަލި މީހުން އެޑްމިޓް ކޮށްގެން ވެސް ފަރުވާ ދެވޭނެ ކަމަށެވެ. އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންނަށް ހާއްސަކޮށްފައިވާ 35 އެނދު ހިމެނެ އެވެ. މީގެތެރޭގައި އައިސީޔޫ ފަސް އެނދުވެސް ހިމެނެ އެވެ.

ކުރިމަތިވެދާނެ ބަލިމަޑުކަމަކަށް ތައްޔާރުވުމުގެ ގޮތުން މާލެ ސަރަހައްދުގައި ދާއިމީ އިތުރު ކޮވިޑް ފެސިލިޓީއެއް ހެދުމަށް ނިންމާ، އާ ފެސިލިޓީގެ މަސައްކަތް ސަރުކާރުން އެޗްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ.

އަލަށް ހުޅުވުނު ފެސިލިޓީއާއެކު ބައްޔަށް ފަރުވާ ދިނުމަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ތިން ފަންގިފިލާ އަށް ހުންނަ އިމާރާތަކީ ބަލިމަޑުކަމެއްގައި ފަރުވާ ދެވޭނެ އިންތިޒާމުތައް ގާއިމުކޮށްފައިވާ ސެންޓަރެކެވެ. ވަކިން ހާއްސަކޮށް ކުރީގެ ކޮވިޑް ފެސިލިޓީ ތަކުގައި އޮކްސިޖަން ސިލިންޑަރުތައް އުފުލަން ޖެހުނު ނަމަވެސް އާ ފެސިލިޓީ ހަދާފައިވަނީ ހޮޅިއަޅައިގެން ކޮންމެ އެނދަކަށް އޮކްސިޖަން ފޮނުވޭ ގޮތަށެވެ.

ހުޅުމާލޭގައި މި ފެސިލިޓީ ހުޅުވުމުން ހުޅުމާލޭގައި ކޮވިޑަށް ފަރުވާ ދޭ ފެސިލިޓީތަކުގެ އަދަދު ތިނަކަށް ވަނީ އިތުރުވެފަ އެވެ. އެއީ އާ ފެސިލިޓީގެ އިތުރުން މިހާރުވެސް ހިދުމަތްދޭ ކޮވިޑް ފެސިލިޓީއާއި އަދި ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ފެސިލިޓީ އެވެ. މިހާރުވެސް ހިދުމަތްދޭ ކޮވިޑް ފެސިލިޓީގައި 290 އެނދު ހުރިއިރު ހުޅުމާލެ ހޮސްޕިޓަލް ފެސިލިޓީގައި 120 އެނދު ހުރެ އެވެ.

ރާއްޖެ އިން ކޮވިޑްގެ އާ ވޭރިއަންޓް ފެނުނު ފަހުން މިހަރުގެ ޖެނުއަރީ މަހުން ފެށިގެން ކޮވިޑް ކޭސްތައް ވަނީ 2،000 އިން މައްޗަށް އުފުލި ފިޔަވަޅުތައް ވެސް ހަރުކަށިކޮށްފަ އެވެ. އެކަމަކު މިހާރު ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 500 އަށް ވަނީ ދަށްވެފަ އެވެ. އަދި ފިޔަވަޅުތަކަށް ވެސް ވަނީ ލުއި ދީފަ އެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 14،000 އަށް ވުރެ ގިނަ މީހުން ދަނީ ފަރުވާ ހޯދަމުންނެވެ.