ވާހަކަ

ހިތް ރުއްސާނުތޯ

( 6 މާރިޗު 2022 އާ ގުޅޭ )

"އަޒްހަދު..." ކުރިމަތިން ފެންނަ ޒުވާނާގެ ނަން ޒެހެން ކިޔާލިއެވެ.

ޒެހެން ފެނުމާއެކު ވަރުބަލިކަންވީ ހޫރައިންގެ މޫނުން ހިނިތުންވުމެއް ފާޅުވެއްޖެއެވެ. ހީވީ ފިރިމީހާގެ ސޫރަ ފަރުވާއަކަށް ފުދުނު ހެނެވެ. ޔުނިވަރސިޓީ ނިންމާފައި ނަހުޔާނުގެ ގާތަށް ގޮސްލީކަން ޒެހެން ބުނެލިއެވެ. އާންމުކޮށް ގެއަށް އަންނަ ގަޑިއަށްވުރެ ލަސްވީއެވެ. ސަބަބު އޮޅުންފިލުވާދިނީ ހޫރައިން ސުވާލުކުރާނެތީއެއްނޫނެވެ. އެއީ ޒެހެންގެ އާދައެއްވީމައެވެ.

"ޔޫކް ކޮންއިރަކު ނިދީ." ހޫރައިންގެ ގާތުގައި އެނދުގައި އިށީންނަމުން ޒެހެން އަހާލިއެވެ.

"އަހަންނަށް ނިދުނީމަހެން ހީވަނީ." ހޫރައިން ބުންޏެވެ.

ހޮސްޕިޓަލުން ގެއަށް ފޮނުވާލި ނަމަވެސް ހޫރައިންގެ ވަރުބަލިކަން ނުފިލައެވެ. އޭނާ ލޯ މަރާލީ ނިދާކަށް ނޫނެވެ. ޔޫކްގެ ވާހަކަތައް އަޑު އަހަން އޮއްވާ ނިދުނީ ކޮންއިރަކުކަމެއް ނޭނގެއެވެ. ލޯ ހުޅުވާލެވުނުއިރު ކޮޓަރިއަށް ވަނީ ހިމޭންކަން ވެރިވެފައެވެ. ކައިރީގަ ޔޫކް އޮތީ ނިދިފައެވެ. އަދިވެސް ޒެހެން ގެއަށް ނާދޭބާއޭ ހޫރައިން ހިތަށް އެރި ވަގުތު ކޮޓަރީގެ ދޮރުން ވަންތައް ފެނުނީ ޒެހެންނެވެ. ޔޫކް ކޮޓަރިއަށްލާފައި ޒެހެން އައިސް ހޫރައިންގެ މަގަތުން އިށީނެވެ. ހޫރައިންގެ ހާލާމެދު ޒެހެން ހަމްދަރުދީވެއެވެ. އަނެއްކޮޅުން އޭނާގެ އަނބިމީހާގެ ހިތްވަރުގަދަކަން ފެނެއެވެ. މާބަނޑުވުމަށްފަހު ދަރިފުޅު އުފަންކުރުމާ ހަމައަށް އަންހެނުން އުފުލާ ބުރަ ޒެހެންއަށް ފެންނަމުން ދަނީ އަދިކިރިޔާއެވެ. ދަރީން އުފަންވުމަށްފަހު ވެސް މައިން އުފުލާބުރަ ލުޔެއްނުވެއެވެ. ޒެހެންއަކީ މަންމަދެކެ ލޯބިވާ ދަރިއަކަށްވާނެއެވެ. އެހެންނަމަވެސް މިއަދު އަނބިމީހާ އުޅޭ ހާލު ފެނުމުން އެ މަންމައަށް ޓަކައި ހިތުގައިވި ލޯތްބާއި ގަދަރު އެތައްގުނައެއް އުފުލި އިތުރުވެއްޖެއެވެ. މައިންބަފައިން އުފުލާ ބުރަ އެނގޭނީ އެމީހުންގެ މަޤާމަށް އާދެވުނީމައެވެ. މަންމައަކަށް ނޫނީ ބައްޕައަށް ތިމާވާ ދުވަހަކުންނެވެ. މައިންބަފައިންނަށް އޯގާތެރިވާންޖެހެނީ އެހެންވެއެވެ. އެމީހުން އުފުލި ބުރައާއި އަދާކޮށްދިން ކަންކަމުގެ ބަދަލު ނުދެވޭނެތީއެވެ.

"އާޒު... ނިދީތަ؟." ޝާޒްލީ ގޮވާލިއެވެ.

ބިއްދޮށަށް އެނބުރި އަޒްހަދު އޮތެވެ. އިރުކޮޅަކު އެނދުގައި އޮތް ފިރިމީހާއަށް ބަލަން ޝާޒްލީ މަޑުކޮށްލިއެވެ. ދެން އަނެއްކާ ވެސް ނިދާފަތޯ އަހާލައިފިއެވެ. އަޒްހަދު ހަރަކާތެއް ނުކުރިއެވެ. އެހެންވެ ނިދާފަކަމަށް ނިންމާ ޝާޒްލީ ކޮޓަރިން ނުކުތެވެ. ދޮރު ލެއްޕުނުކަން އެނގުމާއެކު އަޒްހަދު ލޯ ހުޅުވާލައިފިއެވެ. ފުންނޭވާއެއް އޭނާ ލިއެވެ. އޮފީހުން ގެއަށް އައިގޮތަށް ވަރުބަލިވެފައިކަމަށް ބުނެ އަޒްހަދު އޮށޯތީއެވެ. ބޮލަށް ބަރުވެފައިވާ ފަދައަކުން އަނެއްކާވެސް އަޒްހަދު ލޯ މަރާލިއެވެ. އޭނާއަށް އުނދަގޫ ކުރަނީ ހޫރައިންގެ ހިޔާލުތަކެވެ. ތަބީއަތަށް ބަދަލު ގެނުވީ މިއަދު އޮފީހުން ބައްދަލުވީ ޒުވާނާގެ ސަބަބުންނެވެ.

"ޒެހެން... ދެވަނަ ފަހަރަށް އޭނާ މިފެނުނީ. ހޫރުގެ މަތިން ހަނދާންނުކުރާން ހުއްޓަސް..." އަމިއްލަ ހިތުގެ އަޑު އަޒްހަދަށް އިވިއިވި ހުއްޓެވެ.

ހޫރައިންގެ ހިޔާލު ކުރުމަކީ އަޒްހަދުކޮށްގެން ވާނޭ ކަމެއްނޫންކަން މަންމަ ވަނީ އޭނާއަށް ވިސްނާދީފައެވެ. ހަޔާތުގެ އެ ބާބު ނިމިއްޖެކަމެވެ. އެނބުރިދިއުމެއް ނުވާ ފަދައަކުން އަބަދުގެ އަބަދަށެވެ. މިހާރު އަޒްހަދު ވިސްނަން ޖެހޭނީ އަނބިމީހާއާއި ދަރިފުޅާ ދޭތެރޭއެވެ. ކައިވެންޏަށް ލޮޅުމެއް އަރާފަދަ ކަމެއްކޮށްގެން ނުވާނެއެވެ. ޝާޒްލީއަކީ މަންމަމެން ދެއްކި ކުއްޖެއް ނަމަވެސް ކައިވެނި ކުރީ އަޒްހަދަށް ވެސް ކަމުދާތީއެވެ. އެކަން އެހެން އޮތްއިރު ވެސް އަޒްހަދުގެ ސިކުނޑިއާއި ހިތުގެ ކަނެއްގައި އެހެން މީހުންނަށް ނޭނގޭނޭހެން ހޫރައިންގެ މައްޗަށް އޮތް ޖަޒުބާތުތަކެއް ފޮރުވާފައި ވެއެވެ. މަގެއްގެ މަތީން ވިޔަސް ހޫރައިން ފެނޭތޯ އޭނާ ބަލައެވެ. އެތައް އަހަރެއް ފާއިތުވީއިރު ވެސް ދެ މީހުން ބައްދަލެއް ނުވިއެވެ. ކުއްލިއަކަށް ހޫރައިން ޣައިބުވީ ފަދައެވެ. ގެއްލުމަށްފަހު އޭނާގެ ލޯ މައްޗަށް ހޫރައިން ފާޅުވީއިރު އެއީ އޭނާ ދުށް ހޫރައިންނެއް ނޫނެވެ. މަންމައަށްވެފައި އޮތް ވަޢުދުގެ މަތީން ހަނދާން ނެތެން ހިނދުކޮޅެއް ވެސް ނުނެގިއެވެ. ހިތުގެ އެންމެ ފުނުގައި ފޮރުވައިގެން ގެންގުޅުނު ޖަޒުބާތުތައް ތިލަވެ އަޒްހަދުގެ ސިކުނޑި ހޫރައިންގެ ހިޔާލުތަކުން ފުރިގެން އައީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. މަންމަގެ ގާތުގައި ހޫރައިންގެ ވާހަކަދެއްކުނީ ހިތްއަވަސްވެފައިވީ ވަރުންނެވެ. ހޫރައިން ފެނުނުއިރު އޭނާއަށް އައިސްފަ ހުރި ބަދަލުންނެވެ. ނަމަވެސް މަންމަ ދިން އިންޒާރުން އަނެއްކާވެސް އަމިއްލަ ނަފްސަށް އަޒްހަދު މައިތިރި ބެހެއްޓީއެވެ. ހޫރައިންއާ ބެހޭ ގޮތުން އެއްޗެއް އެނގެން ބޭނުންވިޔަސް އަހާލަން ހުރި މީހަކީ މަންމައެވެ. އެ މަންމަ އެކަން މަނާ ކުރީމަ ދެން ޖެހޭނީ އަނެއްކާވެސް ހިތުގައި ވާހަކަތައް ފޮރުވާށެވެ. އެއީ ފުރުސަތެއްނެތް އިހްސާސްތަކެކެވެ. ވަގުތާއެކު އެ ހަނދަނާއި އަސަރު ފަނޑުވެގެން ނުދިޔައެވެ. އަޒްހަދުގެ އަމިއްލަ ނަފްސު ފިޔަވައި އެކަން އެނގޭ މީހަކުނެތެވެ.

"ނަހުޔާނު ދަންނަ މީހަކީތަ؟" އަޒްހަދު އަނެއްކާ ވެސް ހިތާ ސުވާލުކޮށްލިއެވެ.

ހިތަކީ ހާދަ އަމިއްލަ އެދުން ބޮޑު އެއްޗެކެވެ. އަޒްހަދަށް ބަލައިގަންނަން އުނދަގޫވެގެން އެއުޅެނީ ހޫރައިން ދިރިއުޅުމެއް ފެށީއޭ ހީވާތީ އެ ޚިޔާލެވެ. އެ ނިންމުމެވެ. ހަޔާތުގައި އަޒްހަދު އައިސްފަ ހުރި ހިސާބާމެދު ވިސްނަން ބޭނުންނުވާ ކަހަލައެވެ. ދިރިއުޅުމުގެ ދުވެލީގައި މަޑުޖެހިފައި އަޒްހަދު ނުހުއްޓެވެ. އެކަމަކު ހޫރައިންއާ މެދު އެފަދައިން އޭނާ އުންމީދުކުރުމަކީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ. މައިންބަފައިންގެ އެދުން އަޒްހަދު ގަބޫލުކުރީ ލޯބީގައި ކޮޅުފައިން ޖަހާފައެވެ. ވީއިރު އޭނާއަށް ޓަކައި އެ ލޯބި އިންތިޒާރުގައި ހުންނަން ޖެހޭނެ ހެއްޔެވެ.

"މަންމާ... ހޫރް ދޫކޮށްލަންވީތަ؟. ސީރިއަސްކޮށްތަ؟. އެކަމަކު..."

އެންމެ ފަހު ފަހަރަށް ހޫރައިންއާ ބައްދަލުކޮށް އެނބުރި ގެއަށް އައިސް ކަންތައް ހިނގިގޮތް އަޒްހަދުގެ ހަނދާނަށް ކުލަވާންފެށިއެވެ. ހޫރައިންއާ ކައިވެނި ކުރެވޭކަށް ނެތޭ ބުނަން ޖެހުނީ އޭނާ ބަލިވެ އިނީމައެވެ. މަންމަގެ ބަސް ގަބޫލުކުރިނަމަވެސް އަޒްހަދުގެ ހިތް އެކަމާ އެއްބަހެއް ނުވެއެވެ. ހޫރައިންއާ ވަކިވާން އޭނާ ތައްޔާރެއްނޫނެވެ. ހޫރައިން ބަލިވެ އިނެއްކަމަކު އަޒްހަދަށް އެއީ އޭނާގެ ލޯތްބެވެ. ދިމާވި ހުރިހާކަމަކަށްފަހު ވެސް އެ ލޯތްބަށް އުނިކަމެއް ނާދެއެވެ.

"މަންމައަށް އެނގޭނެ އަހަންނަށް ކިހާ ހާއްސަކަން އޭނާ."

"އަޒްހަދު. އޭނާ ބަނޑުބޮޑުއިރު ކައިވެނި ކުރެވޭނީ ވިހޭމަ." އާތިފާ ބުންޏެވެ.

"އެހެންވީރު ވިހޭމަ ކުރާނީ." ވިސްނުމެއްނެތި އަޒްހަދު ވަގުތުން ބުނެލިއެވެ.

"ނުވާނެ... ގަބޫލެއްނޫން. އެހެންނޫނަސް ބައްޕަނެތް ދަރިއަކު އުފަންކުރާނީ ކާކު؟ ހަމަހޭގަ ހުރެގެން އެވަރުގެ ނިންމުމެއް މީހަކު ނިންމާނެތަ؟. އެ ނުބައިކަމުން އުފަންވާ ދަރީގެ ނުބައިކަން ހުންނާނީ ކިހާވަރެއްގަކަމެއް އެނގެނީއެއްނޫން. އެ ޒިންމާ އަޒްހަދުގެ ބޮލުގަ އެޅޭކަށް އެއްބަހެއް ނުވެވޭނެ. އޭނާއަށް ނުވިސްނޭތަ މިދުނިޔެ ކުރާނެ މަލާމާތެއް. މީހުން ކިޔާނެހާ އެއްޗިއްސެއް. އޭނާއަށް ވެސް ގައިމު ހިތަށް ފަސޭހަވާނެ އެކަމުން ސަލާމަތްވިއްޔާ. އެކަހަލަ ނުވިސްނޭ އަންހެނަކާތަ އަޒްހަދު ގުޅޭން ތިހާވަރަކުން ތިއުޅެނީ. ބުނަން ރަނގަޅު ވާހަކައެއް. މަންމަ ކުރިއަކުން އަޒްހަދާ ދެކޮޅެއް ނުހަދަން. އެ އަންހެންކުއްޖާ ބަލައިވެސް ގަތިން. އެކަމަކު ދެން ހެޔޮ. އަޒްހަދުގެ މުސްތަގުބަލް ކުރިޔަށް އޮތީ. ބައްޕައަކަށްވާން ބޭނުންވަންޏާ އަމިއްލައަށް ދަރިއެއް ލިބެންދެން މަޑުކުރޭ. މިއަދަށްފަހު ތި ހޫރުގެ މަތިން ހަނދާންނައްތާލާ. ކޯހުގެ ބާކީބައި ނިންމަން ފުރަން ތައްޔާރުވޭ. މިކޮޅުގައި ހުރުން އަޒްހަދަށް ރަނގަޅެއް ނުވާނެ."

އަޒްހަދުގެ އާދޭސް ހިނދިގެން ދިޔައީއެވެ. މަންމަ އިއްވި ނިޔާގެ ދަށުވެއެވެ. މައިންބަފައިންނާ ދެކޮޅު ހަދާނޭ ބާރެއް ނެތީމައެވެ. އެމީހުންގެ މުހުތާދުގައި އުޅޭން ޖެހިފައިވީމައެވެ.

"ހޫރް... މިހާރު ދެން އެކަމާ ވިސްނިޔަސް ފައިދާއެއްނުކުރާނެ. އެ ދުވަހު މި ދުލުން ބޭރުކޮށްލި އެންމެ ބަހެއް ވެސް އަނބުރާ ނުގެންދެވޭނެ. ހޫރްގެ ހިތުގައި ޖެހުނުކަން އެނގޭ. ތި ދެ ލޮލުން އޮހުރުނު ކަރުނައާއި ޝަކުވާތައް ވެސް ދުށީން. އަހަރެން ފިނޑީ... މަންމަމެންނާ ދެކޮޅުވާނެ ހިތްވަރުނެތީ. މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ހުއްޓަސް، މިހިސާބަށް އާދެވުނީ އެމީހުންގެ ސަބަބުން. އަހަރެން ބޭނުންވިޔަސް އަހަރެން ހުރީ އަމިއްލައަށް ގޮތެއް ނިންމޭނެ ހާލަތެއްގައެއްނޫން... މިއަދު މިހުރިހާކަމެއް ބޭކާރު އުޒުރުތަކަކަށް ނޫނީ ނުވާނެ. ނޫންތަ!... އެއްވެސް ކަމެއް ބަދަލެއްނުވާނެ. އެހެންވިޔަސް އަދިވެސް ހިތަށް އަރަނީ..."

ޚިޔާލުތައް ކޮޅުންލައިގެން ދިޔައެވެ. އަޒްހަދު މޫނުގައި ދެއަތް އެޅިއެވެ. މަޑުމަޑުން މޫނުގައި ފިރުމާލުމާއެކު ދެއަތް ނެގިއެވެ. މިއަދު އޮފީހުން ޒެހެންއާ ދިމާނުވިނަމަ އޭނާގެ ތަބީއަތަށް މިހާބޮޑު ބަދަލެއް ނައީހެވެ. ކުއްލިއަކަށް ހޫރައިންގެ މަތީން އޭނާ ހަނދާންނެތުނަ ނުދޭން ތަޤްދީރު މަސައްކަތް ކުރާހެން އަޒްހަދަށް ހީވާކަށް ނުޖެހުނީއެވެ. މިއަދު އޭނާ އޮފީހުން ނުކުންނަން ދަމުން ނަހުޔާނުގެ ކެބިންއަށް އަޒްހަދު ބޯދިއްކޮށްލީ ދަނީއޭ ބުނުމަށެވެ. އެހިނދު ފޯނެއްގައި އިން ނަހުޔާނު އެދުނީ ދޮރުކައިރީ އޭނާއާ ބައްދަލުކުރާން ޒެހެން އައިސް ހުންނާނެކަމެވެ. އޭނާ އެ ކެބިންނާ ހަމައަށް ގެނެސްދީފައި ދިއުމަށެވެ. ނަހުޔާނަކީ އަޒްހަދު މަސައްކަތްކުރާ އޮފީހުގެ ވެރިޔާއެވެ. ނަހުޔާނާ ބައްދަލުކުރާން އައިސް ހުރި ޒެހެންއަކީ ހޫރައިންއާއެކު ފެނުނު ޒުވާނާއަށް ވެދާނޭ އަޒްހަދަށް އޭރަކު ނޭނގެއެވެ. އޮފީހުގެ ދޮރުހުޅުވާލެވުނު ހިނދު އޭނާއަށް ސިހުން ލިބުނީ އެހެންވެއެވެ. އަނގައިން ބުނަން ނޭނގި ފާޑަކަށް މީހާ ހުއްޓުން އެރީއެވެ. ޒެހެންތޯ އަހާލެވުނީ އޭނާ އިސްވެ އަޒްހަދާ ވާހަކަދެއްކީމައެވެ. އެހިނދުން ފެށިގެން އަޒްހަދުގެ ތަބީއަތް ގޯސްވީއެވެ.

"ކްލައިންޓެއްތަ ނޫނީ ނަހުޔާނުގެ ފްރެންޑެއްތަ؟. ނުރަސްމީގަޑިއެއްގަ ކްލައިންޓެއް ނާންނާނެ... އަމިއްލަ ކަމަކު އައީހެން ހީވަނީ. މީގެ ކުރިއަކުން ނުދެކެން." ޒެހެން އައި ބޭނުން ދެނެގަންނަން އަޒްހަދު މަސައްކަތް ކުރިއެވެ.

އަތްނުފޯރާ ފަށަށް ތިމާގެ ވިސްނުން ގެންދިއުމަކީ ނަފްސުގެ ހަމަޖެހުން ގެއްލިދާނޭކަމެކެވެ. އެވަރު ވިސްނޭވަރަށްވުރެ އަޒްހަދު އެވަނީ ހިތް ނުތަވަސްވެފައެވެ. މަސްކަތުގެ މާހައުލުގައި ނަހުޔާނާ ގުޅުން ރަނގަޅު ނަމަވެސް އެއީ ރައްޓެހިންނޭ ބުނާވަރެއް ނުވެއެވެ. އަނެއްކޮޅުން އެއީ ވެރިޔާއެވެ. ޒެހެންއާ ބެހޭ ގޮތުން ނަހުޔާނު ކައިރީ އެއްޗެއް އަހާލުންވާނީ އަޒްހަދާ ނުބެހޭ ކަމެއްގެ ތެރެއަށް އޭނާގެ ނޯށް ބޭނުން ފަދަ ކަމަކަށެވެ. އެކަހަލަ ކިތަންމެ ބަޔަކާ ނަހުޔާނު ބަދަލުކުރެއެވެ. އެކަމުގެ މަޢުލޫމާތަކީ އަޒްހަދަށް އެނގެން ޖެހޭ ކަންކަމެއް ނޫނެވެ.

"ކޮބާ މީގެ މާނައަކީ؟... ކީއްވެ އޭނާ އަހަރެންގެ އޮފީހަށް އަންނަން ޖެހުނީ... އަހަރެންގެ ހަމަޖެހުން ނަގާލަންތަ؟" އަމިއްލަ ތަޤްދީރާ މެދު އަޒްހަދު ސުވާލު ކުރިފަދައެވެ. މޫނުމަތިން ރުޅިވެރިކަން ފާޅުވެލިއެވެ. އޭނާއަށް އިހްސާސް ކުރެވޭ ގޮތާމެދު ގަޔާނުވާ ކަހަލައެވެ.

ވަގުތުގައި އަތްއަޅައި ނުހިފެއްޓޭ ފަދައިން ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ދެމަފިރިން މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމިއެވެ. އެ ނިންމުން ހިފައިގެން ޒެހެން އައީ މަންމަގެ ގާތަށެވެ. މިހާރު އަދާކުރާ ވަޒީފާއިން ވަކިވެ އާއިލާގެ ކުންފުންޏާ ގުޅޭން އޭނާ ނިންމީއެވެ. ނަހުޔާނާ މަޝްވަރާކޮށްފައިވާނެކަން މަންމަ ކައިރީ ޒެހެން ބުންޏެވެ. މަސައްކަތްތަކަށް އާވިޔަސް އޭނާ ފަރުވާތެރިކަމާއެކު ބޭބެގެ ދަށުން ތަމްރީނުވާނޭކަމުގެ ޔަގީންކަން ދިނެވެ. ކޮންމެ ކަމެއްގައި ދަރިފުޅަށް އެއްބާރުލުން ދޭ ފަދައިން މިފަހަރު ވެސް މިއުނާ ޒެހެންގެ ނިންމުމަށް އިހްތިރާމްކުރިއެވެ.

ޔުނިވަރސިޓީގައި އެންމެ ގާތްކޮށް އުޅޭ ރަޙުމަތްތެރީން ކައިރީ ވަޒީފާއިން ވަކިވާން އުޅޭކަމުގެ ޚަބަރު ޒެހެން ދިނެވެ. އެންމެ ބޮޑު ސިހުމެއް ލިބުނީ ރަހުމާއަށެވެ. އޭނާ ޒެހެންއާ ވާހަކަނުދައްކާއިރު ޒެހެން ވެސް އޭނާއާ އިސްވެ އަނގައިން ބުނާކަށް މަސައްކަތެއް ނުކުރެއެވެ. އެހެންވިޔަސް ޒެހެން ވަކިވާން އުޅޭ ސަބަބު އެނގެން އޭނާ ބޭނުންވިއެވެ. އެ ސަބަބުގެ ފަހަތުގައި އޮތީ އޭނާބާއޭ ހިތަށް އަރާތީއެވެ. އެކަމަކު ޝާފީގެ ކައިރިން އޮޅުންފިލުމުން ރަހުމާވީ ފޫއްސެވެ. ޒެހެން ވަކިވުމުގެ ސަބަބެއްކަމުގައި ވެސް އޭނާ ނުވެއެވެ. އެހާވެސް ބޭކާރު މީހަކަށް އޭނާ ވެއްޖެއެވެ. ޒެހެންގެ ކައިރިއަށް އަންނަންވެގެން އޭނާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ. އޭނާއަށް ލިބުނު މޮޅެއް ނެތެވެ. އޭނާއަށް ދެން ޒެހެން ނުފެންނާނޭކަން ޔަގީންވިއެވެ. އޭގެ އިތުރުން ރަހުމާގެ ހިތް ހަލާކުވީ ޚަބަރަކަށް ހޫރައިން ބަލިވެއިންކަން އެނގުންވިއެވެ. ވަކިވާތީ އެކަމާ ގުޅިގެން ގޭގައި ކެއުމެއް ދިނުމަށް އެންމެން އެދުމުން ޒެހެން ކާންދޭން އެއްބަސްވީ ބޭރުންނެވެ.

އާ ހަފްތާއެއް ފެށުނު ދުވަހެވެ. ނަހުޔާނާއެކު މަސައްކަތް ކުރާން ފަށާ ފުރަތަމަ ދުވަސްވެސް މެއެވެ. ޒެހެން ކޮޓަރިން ނުކުތުމުގެ ކުރީން ހޫރައިންގެ ގައިގާ ބައްދާލިއެވެ. އަނބިމީހާގެ ނިތްކުރީގައި ބޮސްދިނެވެ. ސްކޫލު ދޮށަށް މަންމަ ނުފޮނުވުމަށް ޒެހެން ބުންޏެވެ. ޔޫކް ސްކޫލަށް ގެންދަން ވާއިރަށް ޒެހެން އަންނާނަން ކަމުގައި ވަޢުދުވިއެވެ. ޒެހެންއާއެކު އެޕާޓްމެންޓުގެ ދޮރު ކައިރިއަށް ހޫރައިން ނުކުތެވެ. ޔޫކް ވެސް ދުވަމުން އައިސް ދޮރު ކައިރީ މަޑުކޮށްލިއެވެ. ފަހުފަހަރަށް ބަލާލުމަށްފަހު ޒެހެން ލިފްޓަށް އަރާން ދިޔައެވެ.

ކުންފުންޏަށް ނަހުޔާނާއެކު މަސައްކަތްކުރާނޭ އިތުރު ބޮސްއެއް އަންނަން އުޅޭކަން މުވައްޒަފުންނަށް އޮތީ އެނގިފައެވެ. އެކަކަށް ވެސް އެއީ ކާކުކަމެއް ނޭނގެއެވެ. ޑިޕާޓްމެންޓްތަކުގެ އިސްވެރީންނަށް އެނގިފައި އޮތީ އެއީ ނަހުޔާނުގެ އާއިލާ ކުއްޖެއްކަމެވެ. މާކެޓިން ޑިޕާޓްމެންޓުގެ ވެރިއަކަށް ހުންނަނީ އަޒްހަދެވެ. އޭނާ ވެސް އެހެން ދުވަސްދުވަހަށްވުރެ އަވަހަށް މިއަދު އޮފީހަށް އައެވެ. (ނުނިމޭ)