އެމްޓީސީސީ

އެމްޓީސީސީން ބަސް ޑްރައިވަރުން ތަމްރީން ކުރާ ޕްރޮގްރާމް އިފްތިތާހުކޮށްފި

Mar 8, 2022

އެމްޓީސީސީން ކުރިއަށް ގެންދާ "ހުނަވަރު ބަސް ޑްރައިވަރު ތަމްރީން ޕްރޮގްރާމް" އިފްތިތާހުކޮށްފި އެވެ.

މާފަންނު ބަސް ޓާމިނަލްގައި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އޮޕްރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއާއި އެ ކުންފުނީގެ އިސްވެރިންނާއި ބައެއް މުވައްޒަފުން ބައިވެރިވި އެވެ.

މިރަސްމިއްޔާތުގައ ޝާހިދު ވިދާޅުވީ އެމްޓީސީސީން ގެންގުޅޭނީ މިންތީގެ ހަމަހަމަކަށް ގާއިމުކުރުމުގެ ސިޔާސަތެއް ކަމަށެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެމްޓީސީސީގެ ބަސް ދުއްވަން އަންހެން ޑްރައިވަރަކު ތަމްރީންކޮށް ބަސް ތަކުގައި އެޓެންޑުންގެ ގޮތުގައި ވެސް އަންހެނުން މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރެއްވި އެވެ.

މިއަދަކީ އަންހެނުންގެ ދުވަހަށްވާތީ ދުވަހުގެ ޝިއާރުގައިވާ ގޮތަށް އެމްޓީސީސީން ހުރިހާ ދާއިރާއެއްގައިވެސް އަންހެނުން ކުރިއަށް ދިއުމަށް ކުންފުނިން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

ވަޒީފާގެ ބާޒާރުގައި އާންމުކޮށް ދިވެހިން ނުލިބޭ ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ތަމްރީން ކުރުމަށް ބޮޑު އިސްކަމެއް ދީގެން އެމްޓީސީސީން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ ޕްރޮގްރާމުތަކުގައި އަންހެން ކުދިންނަށް އިސްކަންދިނުމާއި އަންހެނުން ބާރުވެރިކޮށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ވެސް އެމްޓީސީސީން އިސްކަންދެ އެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ ބަސް ޑްރައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް އެ ކުންފުނިން މިހާރު ވަނީ ހުޅުވާލާފަ އެވެ.