ބޮލީވުޑް

ބޮލިވުޑް ފަތަހަކުރުމަށްފަހު އާލިއާ ހޮލީވުޑަށް

އާލިއާ ބަޓްގެ ފުރަތަމަ އިންޓަނޭޝަނަލް ޕްރޮޖެކްޓް ފަށަން ތައްޔާރު ވެއްޖެ އެވެ. އޭނާ ކުޅެނީ ނެޓްފްލިކްސްގެ "ހާޓް އޮފް ސްޓޯން" ކިޔާ ފިލްމެކެވެ.

މި ފިލްމުގައި އޭނާއާއެކު ހަރަކާތްތެރިވާނީ މަޝްހޫރު ތަރި ގަލް ގެޑޮޓް އެވެ. އަދި "50 ޝޭޑްސް އޮފް ގްރޭ" ގެ ތަރި ޖެމީ ޑޯނަން ވެސް މި ޕްރޮޖެކްޓުގައި ބައިވެރިވެ އެވެ. މިއީ ބޮލީވުޑް ފަތަހަކުރުމަށް ފަހު މުޅި ދުނިޔެ ފަތަހަކުރަން އާލިއާ ފަށާ ފުރަތަމަ މަސައްކަތެވެ.

އާލިއާ އަކީ ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ. ފިލްމްފެއާ އެވޯޑުގެ ހަތަރު އެވޯޑު މިހާތަނަށް އޭނާއަށް ލިބިފައި ވެއެވެ.

"ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ނުކުތް އާލިއާގެ އެންމެ ފަހު ފިލްމަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "ގަންގުބާއީ ކަތިއާވަޅީ" އެވެ. މި ފިލްމުގައި އާލިއާ ކުޅެފައިވާ ރޯލަށް ގިނަ ބަޔަކު ތައުރީފު ކޮށްފައި ވެއެވެ. އަދި ބޮކްސް އޮފީހުގައި ފިލްމު ވަރަށް ރަނގަޅު ކާމިޔާބެއް ހޯދަމުން އެބަ ދެއެވެ.

އާލިއާގެ ފިލްމީ ވާދަވެރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ އާއި ދީޕިކާ ޕަދުކޯން ވެސް ވަނީ ހޮލީވުޑް ފިލްމުތަކުގައި މަސައްކަތްކޮށް ގިނަ ކާމިޔާބުތަކެއް ހޯދާފަ އެވެ. ވީމާ އާލިއާ އަށް ވެސް އެފަދަ ކާމިޔާބެއް ހޯދިދާނެ ކަމަށް އޭނާއަށް ސަޕޯޓްކުރާ މީހުން ގަބޫލު ކުރެ އެވެ.