ސޮނީ ޓީވީގެ މަޝްހޫރު ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ ހޯސްޓް ކަޕިލް ޝަރުމާ އަކީ އަބަދުވެސް ކޮންމެވެސް މައްސަލަތަކަކާ ކުރިމަތިލާން ޖެހޭ މީހެކެވެ. މިހާރު އަނެއްކާވެސް ކަޕިލް އަށް ވަނީ މައްސަލައެއް ދިމާވެފަ އެވެ. އަދި އޭނާ ދެކެ އައި ރުޅިން އޭނާގެ ޝޯ ބޮއިކޮޓްކުރަން ސޯޝަލް މީޑިއާގައި ބަޔަކު ގޮވަމުން އެބަ ދެއެވެ.
މިފަހަރު ކަޕިލް ދެކެ ބަޔަކު ރުޅިއައިސްގެން އުޅެނީ "ދަ ކަޝްމީރު ފައިލްސް"ގެ ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ އޭނާގެ ޝޯއަށް ދައުވަތު ދީގެން ގެންނަން ދެކޮޅު ހެދިކަމަށް ބުނެ އެވެ. ކަޕިލްގެ ޝޯގެ ކޮންމެ އެޕިސޯޑެއްގައި ވެސް އޭނާ ދައުވަތު ދީގެން އެކި ދާއިރާތަކުގެ ފަންނާނުން ބައިވެރި ކުރެ އެވެ.
ކަޕިލްގެ ޝޯގައި 'ދަ ކަޝްމީރު ފައިލްސް' ޕްރޮމޯޓްކުރަން ފުރުސަތު ނުދިންކަން އާންމުންނަށް އެނގުނީ އާންމުންގެ މީހެއް ކަމަށްވާ އަނިރުދު ޑޫބޭ، އެ ފިލްމުގެ ޑައިރެކްޓަރު ވިވެކް ޓެގް ކޮށް ކުރި ޓުވީޓަކާ ގުޅިގެންނެވެ. އެ ޓުވީޓުގައި ވިވެކް ކައިރީ އެމީހާ ބުނީ އެ ފިލްމު ކަޕިލް ޝަރުމާ ޝޯގައި ޕްރޮމޯޓްކުރުން ވަރަށް މުހިއްމު ކަމަށެވެ. އަދި ކަޕިލް ޓެގްކޮށް އޭނާ ވަނީ ފިލްމު ޕްރޮމޯޓްކުރަން ފުރުސަތު ދިނުމަށް ކަޕިލްގެ ކިބައިން ވެސް އެދިފަ އެވެ.
މި ޓުވީޓު އަލުން ޓުވީޓްކުރަމުން ވިވެކް ބުނެފައިވަނީ "ދަ ކަޝްމިރު ފައިލްސް" ކަހަލަ މަޝްހޫރު ތަރިން ނޫޅޭ ފިލްމެއް ޕްރޮމޯޓްކުރަން ކަޕިލް ބޭނުން ނުވާ ކަމަށެވެ. އެހެންވެ އެމީހުންނަށް ޝޯގައި ބައިވެރިވާން ދައުވަތު ނުލިބުނު ކަމަށެވެ. ޚުދް އޭނާއަކީ ވެސް ކަޕިލް އާއި އޭނާގެ ޝޯގެ ފޭނެއް ކަމަށާއި ނަމަވެސް ފިލްމުގައި ބޮޑެތި ތަރިން ނުހިމެނޭތީ އެމީހުންނަށް ޝޯގައި ބައިވެރިވާން ނުގުޅާ ކަމަށެވެ. ބޮލީވުޑްގައި އަލަށް ފަށާ މީހުންނާއި އެފަދަ ޑައިރެކްޓަރުންނާއި އެކްޓަރުން އަދި ލިޔުންތެރިންނަކީ އެއްވެސް ބައެއް ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ވިވެކްގެ ޓުވީޓުގައި ވެއެވެ.
ވިވެކްގެ މި ޓުވީޓާއެކު ކަޕިލްގެ ޝޯ ބޮއިކޮޓްކުރުމަށް ގޮވާލާ ސޯޝަލް މީޑިއާގައި ޓްރެންޑް ވާން ފެށި އެވެ. އަދި ކަޕިލްގެ ޝޯ ނާކާމިޔާބުކޮށްލައި "ދަ ކަޝްމީރު ފައިލްސް" ހިޓް ފިލްމަކަށް ހަދަން މަސައްކަތް ފަށަން ހިނގާށޭ ކިޔައި ވެސް މީހުން ކޮމެންޓްތައް ކޮށްފައި ވެއެވެ.
މި ފިލްމުގައި ނެޝަނަލް އެވޯޑު ހޯދާފައިވާ ހުނަރުވެރި ގިނަ އެކްޓަރުންގެ ތެރެއިން ޕައްލަވީ ޖޯޝީ، ޕްރަކާޝް ބެލަވޭޑީ، އަނޫޕަމް ކޭރް، އަދި މިތުން ޗަކްރަބަތީ ވަރަށް މޮޅު އެކްޓިން އެއް ދައްކާފައި ވެއެވެ.
ފިލްމު ރިލީޒްކުރިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ސިނަމާތަކަށް ފިލްމު ބަލަން ގޮސް ތިބި މީހުންނަށް ފިލްމުގެ އަސަރުގަދަކަމުން ހިފެހެއްޓުމެއް ނެތި ރޮވެމުންދިޔަ މަންޒަރު ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައި ވެއެވެ.