ހ. ހަންޑްރެޑް ފްލާވާސް، ޖައިލަމް އަހްމަދު ޝާކިރު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޖައިލަމްގެ މަރާ ގުޅިގެން ދައުލަތުން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ ސ. ފޭދޫ، ވީނަސްވިލާ، ނަސީބު ސައީދާއި، ވ. ސިނަމާލެ، އިސްމާއިލް އަނީގު އަދި ޏ. ފުވައްމުލައް ޖަމްނާ، އަލީ އިރުފާން އާއި ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.
ދައުލަތުން ބުނެފައިވަނީ ޖައިލަމަށް ހަމަލާ ދީފައި ވަނީ ހުމައިދު އަދި އަނީގު ކަމަށެވެ. ނަސީމާއި އިރުފާނަކީ އެމީހުން ޖައިލަމް ކައިރިއަށް ގެންގޮސް އަދި ހަމަލާއަށްފަހު އެ ދެ މީހުން ފިލުވި ދެ މީހުން ކަމަށެވެ.
މި މައްސަލައިގެ ހުކުމް މިއަދު އިއްވާފައިވާއިރު، ހަތަރު މީހުން ދައުވާއިން ސަލާމަތްވީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނުނެގުމާއި، ގިނަ ކިތާބީ ހެކި ހޯދާފައިވާ ގޮތާއި އަދި ތަހުގީގުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުންނެވެ.
މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން އަށް ޝަފަހީ ހެކިން ހުށަހެޅި އެވެ. އެކަމަކު އޭގެ ތެރެއިން ހެކިބަސް ދިނީ ތިން މީހުންނެވެ. އެހެންކަމުން އެމީހުން ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނަށް މައްސަލަ ނިންމާއިރު ރިއާޔަތްކުރުމަށް ދައުލަތުން އެދުނެވެ. އެކަމަކު އެމީހުންގެ ހެކިބަސް ނުނެގޭތީ، ބަޔާންޔަކަށް ރިއާޔަތް ނުކުރުމަށް ޝަރީއަތުން ވަނީ ނިންމާފަ އެވެ.
މި މައްސަލައިގައި ހެކިބަސް ދިން ތިން މީހުންގެ ތެރެއިން ދެ މީހުން ބުނެފައިވަނީ އެމީހުންނަށް މިހާރު ހާދިސާގެ މާބޮޑު ތަފްސީލް ނޭނގޭ ކަމަށެވެ. އަދި އެ ހަތަރު މީހުން ވެސް މިހާރު ވަކިކުރަންވެސް ނޭނގޭ ކަމަށްވެސް ބުންޏެވެ.
އެކަމަކު އެއް ހެކިވެރިޔަކު ވަނީ ވަރަށް ތަފްސީލުކޮށް ހާދިސާ ހިނގައި ދިޔަ ގޮތް ފުލުހުންގެ ތަހުގީގުގައި ވެސް އަދި ކޯޓުގައި ވެސް ކިޔައިދީފަ އެވެ.
ހުކުމް އިއްވަމުން ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވެފައި ވަނީ ހެކިބަސް އަދާކުރިއިރު، މި ހެކިވެރިޔާ ތަހުގީގަށް ދިން ބަޔާނަށް ވުރެ ގިނަ ތަފްސީލްތައް ކިޔައިދީފައިވާ ކަމަށެވެ. އެކަމަކު ތިން މިނެޓަށްވުރެ ކުރު ވަގުތުކޮޅެއްގައި އެ ހާދިސާ ހިނގާފައިވާއިރު އެމީހުންގެ ބޯ ހުރިގޮތާއި ލައިގެން ތިބި އަންނައުނާއި އެ އެއްޗެހީގެ ކުލަތައް އެހާ ތަފްސީލުކޮށް ކިޔައިދޭން އެނގުމުން ގާޒީ ވަނީ ސުވާލު އުފައްދަވާފަ އެވެ.
ހެކިބަސް ދީފައި އޭގެ ފަހުން އޭނާ ވަނީ ކޯޓަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި އޭނާ ހެކިބަސް ދީފައި ވަނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި، ކިޔައިދީފައިވަނީ ފުލުހުން އެދުނު ގޮތަށް ކަމަށް ބުނެފައިވެ އެވެ. އެކަންކަން ސާފުކުރުމަށް އޭނާ ކޯޓަށް ހާޒިރުކުރަން މަސައްކަތް ކުރި ނަމަވެސް ހާޒިރުވެފައެއް ނުވެ އެވެ. އޭނާގެ އަދުލުވެރިކަމަށް ބަލާއިރު، އޭނާ އަކީ ހެކިބަސް ދިނުމުގެ ކުރިން ވައްކަމުގެ މައްސަލައެއް އަދި ހެކިބަސް ދިނުމަށްފަހު ވައްކަމުގެ ދެ މައްސަލައެއް ސާބިތުވެފައިވާ މީހެކެެވެ. ގާޒީ ވިދާޅުވެފައި ވަނީ އެހެންކަމުން އޭނާގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކުގެ ތެރެއިން ހާދިސާ ހިނގި ވަގުތުގެ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ މީހުންނާއި، މި ހަތަރު މީހުންނާ އަޅާ ކިޔާއިރު، އެއީ އެމީހުންކަން ސާބިތުނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. ގާޒީ ވިދާޅުވެފައި ވަނީ އެ މީހުންނާ ބައެއް ސިފަތައް އެއްގޮތް ވެފައި ހަށިގަނޑާއި ރޫފަ އެއްގޮތްވީ ނަމަވެސް، އެއީ ސީދާ އެމީހުންކަން މި ފުޓޭޖްތަކުން ސާފު ނުވާ ކަމަށެވެ. އެހެންކަމުން ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ އެންޑް އިމޭޖް ރިޕޯޓުތަކުން އެކަށީގެންވާ މިންވަރަށް އެއީ އެމީހުންކަން އެނގެން ނެތް ކަމަށެވެ.
މީގެ އިތުރުން ސީސީޓީވީ ފުޓޭޖްތައް ފުލުހުން ގެންގުޅެފައިވާ ގޮތް އަންގައިދޭ ޗެއިން އޮފް ކަސްޓަޑީ ރިކޯޑު ކުރެވިފައި ނުވާތީ އެ ތަކެއްޗާ މެދު ވެސް ގާޒީ ސުވާލު އުފެއްދެވި އެވެ.
މި މައްސަލައިގައި ދައުވާ ލިބޭ ހުމައިދުގެ މައްސަލަ ވަކި ގަޒިއްޔާއެއްގެ ގޮތުގައި ކުރިއަށް ގެންދިޔައިރު، އެއްވެސް ހެކިވެރިޔެއްގެ ހެކިބަހުން، ޖައިލަމަށް ހަމަލާ ދިނީ ހުމައިދުކަން އެނގެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.
ޖައިލަމަށް ހަމަލާދިންތާ ފަސް ދުވަހުގެ ތެރޭގައި ހުމައިދު ފިލައިގެން ދިޔަ އެވެ. ހުމައިދު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. އޭނާ ފިލައިގެން ދިޔައީ ލަންކާ އަށެވެ. ޖައިލަމަށް ހަމަލާ ދިން ވަގުތު އޭނާގެ އަތް ކަފައިގެން ދިޔަ ކަމަށާއި، އެކަން އެނގެނީ ހަމަލާއަށް ފަހު އޭނާ ދިރިއުޅޭ އެޕާޓްމެންޓް ބެލިއިރު، މެޑިކާ އަށް ޑޮކްޓަރަށް ދައްކާފައިވާ ލިޔުންތަކެއް ފެނުމުން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އޭނާ ފިލީ އެ އަނިޔާ ފޮރުވުމަށް ކަމަށް ތުހުމަތު ކުރި އެވެ.
ގާޒީ ވިދާޅުވެފައި ވަނީ ހާދިސާ ހިނގިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ފިލައިގެން ދިޔުމަކީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތު ބޮޑުވާ ކަމެއް ކަމަށެވެ. އެކަމަކު ޖައިލަމަށް ހަމަލާ ދިނީ ހުމައިދުކަން އެއްވެސް ހެކިވެރިޔަކު ބުނެފައި ނުވާ ކަމަށް ގާޒީ ނިންމެވި އެވެ.
ޖައިލަމް މަރާލިތާ ހަތް އަހަރު ފަހުން ކުރި ހުކުމުގައި މިކަންކަމަށް ރިއާޔަތްކޮށް ގާޒީ ނިންމަވާފައިވަނީ ހަތަރު މީހުންގެ މައްޗަށް މައްސަލަ ސާބިތު ނުވާ ކަމަށެވެ.