މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއުގެ ސަބަބުން ވިލިމާލެ އަށް އިތުރު އާބާދީއެއް ޖަމާވެ އެ އަވަށް ތޮއްޖެހިގެން ނުދާނެ ކަމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ މޭޔަރު މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމުމާ އެކު އެކަމުގެ ސަބަބުން އެ އަވަށުގެ ވެށްޓަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ބުނެ ބައެއް ޒުވާނުންގެ ފަރާތުން ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ވިލިމާލޭގައި މީހުން އާބާދުކުރިއިރު އެ އަވަށް ތަރައްގީކުރަން ސަރުކާރުން ވިސްނާފައިވާ ގޮތުގެ ޕްލޭން އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ވިލިމާލޭގައި ހައުސިން މަޝްރޫއެއް ހިންގާއިރު ވީހާވެސް މަދުން ގަސް ކަނޑަންޖެހޭ ގޮތަކަށް އަދި އެތަނުގެ ވެށްޓަށް ގެއްލުން ނުލިބޭ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންގޮސްދާނެ ކަމަށެވެ. ވިލިމާލޭގައި ބަޔަކު ކުރާ އިގްތިސޯދީ އެއްވެސް މަސައްކަތެއް ހުއްޓިގެންދާ ގޮތަކަށް ހައުސިން މަޝްރޫއު ކުރިއަށް ނުގެންދާނެ ކަމުގެ ޔަގީންކަން ވެސް މޭޔަރު ދެއްވެވި އެވެ.
މުއިއްޒު ވިދާޅުވީ ވިލިމާލޭގައި މިހާރު ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ލިބި ރައްޔިތުންނަށް ނޭވާލާން ފުރުސަތެއް ދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ކައުންސިލުން ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 500 ހައުސިން ޔުނިޓަކީ އެ މަގުސަދުގައި އަޅަން ނިންމި ހައުސިން ޔުނިޓްތަކެއް ކަމުގައި ވިދާޅުވި އެވެ.
ވިލިމާލޭގެ ހައުސިން މަޝްރޫއަށް ކުރިމަތިލުމަށް މާލޭގައި ދިރިއުޅޭ މީހުންނާއި އަދި އެހެން ރަށްރަށުގެ މީހުންނަށް ފުރުސަތު ދިނުމުގެ ބަދަލުގައި ކައުންސިލުން އެ ހައުސިން ޔުނިޓްތައް ދޫކުރާނީ މިހާރުވެސް ވިލިމާލޭގައި ދިރިއުޅޭ ބޯހިޔާވަހިކަމެއް ބޭނުންވާ ރައްޔިތުންނަށް ކަމުގައި މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން ވިލިމާލޭގެ އާބާދީ އެހެން ބައެއްގެ ސަބަބުން ތޮއްޖެހި އެ އަވަށުގެ ވެށްޓަށް ބަދަލު ނާންނާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައި މިއޮތީ މި ޕްރޮޖެކްޓުގެ މައިގަނޑު ފޯކަސް އަކީ ވެސް ހަމަ ތިބޭފުޅެންނޭ. ތިބޭފުޅުން ގޭގައި ބަންދުވެފައި ތިބި ތިބުމަށް ލުޔެއް ގެނައުން ބޭނުމަކީ. ތިބޭފުޅުނަށޭ މިތަންތަނުން ފްލެޓް ލިބޭނީ. އެއީ އަޅުގަނޑުމެން ވިސްނާފައި އޮތް ގޮތަކީ،" މޭޔަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މާލޭގައި ލިބޭ ގޮތަށް ވިލިމާލޭގައި ވެސް ހިދުމަތްތައް ގާއިމުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތް ކުރާއިރު އެއް ދޮރު ބަންދުވިއްޔާ އިތުރު ދޮރުތައް ހޯދާ ހުޅުވައިގެން ވެސް މަސައްކަތްތައް ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލުން ކުރާ އެއްވެސް ކަމެއްގައި ކައުންސިލްގެ އަމިއްލަ ނިންމުމެއް ނޯންނާނެ ކަމަށާއި ކޮންމެ ނިންމުމެއް ވެސް ނިންމާނީ ރައްޔިތުންގެ ގިނަ ބަޔަކު އެދޭ ގޮތް ބަލައިގެން ކަމުގައި ވިދާޅުވި އެވެ.
ވިލިމާލެ އަކީ މޫދު ކުޅިވަރަށް ވަރަށް ހާއްސަ ރަށަކަށް ވާތީ އެ ރަށުގައި ވޯޓާ ސްޕޯޓްސް ފެސިލިޓީ އެއް އަދި ކުޑަކުދިންނަށް އަމާޒުކޮށްގެން ޕާކެއް ހެދުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ގެންދާ ކަމުގައިވެސް މޭޔަރު ވިދާޅުވި އެވެ. ޕާކް ހެދުމަށް ސަރުކާރުން ދިނީ އެއްލައްކަ ރުފިޔާގެ ބަޖެޓް ކަމަށާއި އެ އަދަދުން އެ ސަރަހައްދުގައި ބިންވެސް އެއްވަރު ނުކުރެވޭނެ ކަމުގައި ވިދާޅުވި އެވެ. އެހެންވެ މާލެ ސިޓީ ކައުންސިލުން ކުރަން ބޭނުންވާ މައިގަނޑު މަސައްކަތްތައް ކުރުމަށް ޑިވެލޮޕަރުން ހޯދުމަށް މިމަހުގެ ތެރޭގައި އިއުލާންކުރެވޭނެ ކަމުގައިވެސް މޭޔަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ވާނީ އިއުލާންކޮށްފައ،ި ގެޒެޓްކޮށްފައިވާނެ މި ޕާކް ޑިވެލޮޕްކުރަން އިންވެސްޓަރުން ނުވަތަ ޑިވެލޮޕާ ފައިނޭންސް ކޮންސެޕްޓްގައި މިޕާކް ޑިވެލޮޕް ކުރާނެ ބަޔަކު ހޯދަންށާއި ވޯޓާ ސްޕޯޓްސް ފެސިލިޓީ ގާއިމުކުރާނެ ބަޔަކު ހޯދަންށާއި މިކަހަލަ ބައެއް ކަންކަން ކުރަން މިމަހުގެ ތެރޭގައި އެކި ދުވަސްތަކުގައި ތާވަލްކުރެވިގެން އިއުލާންކުރެވެމުން ދާނެ،" މުއިއްޒު ވިދާޅުވި އެވެ.