ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހއ. މޮޅަދޫ ކުޅީގައި އީކޯ ޕާކެއް ގާއިމްކޮށްފި އެވެ.
މި މަޝްރޫއަކީ މޮޅަދޫގެ ކުޅީގެ ގުދުރަތީ ރީތިކަން ފަސޭހައިން ބަލާލައި ހިތްހަމަޖައްސައިލެވޭނެ މާހައުލެއް ގާއިމުކޮށްދިނުމާއި، ކުޅީގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމާއި، އެތަނުގެ މައުލޫމާތު އެރަށަށް ޒިޔާރަތްކުރާ މީހުންނަށް ފޯރުކޮށްދިނުމާއި އަދި ހާއްސާކޮށް ފަތުރުވެރިކަން ފުޅާކުރުމުގެ ވިސްނުމުގެ ތެރެއިން ކުރެވުނު މަސައްކަތެވެ.
މިމަޝްރޫއުގެ ދަށުން މޮޅަދޫގެ ކުޅީގައި ތިބެ އެ ސަރަހައްދު ބަލާލުމަށް -- ވިއުވިން ޕްލެޓްފޯމެއް ވަނީ ހަދާފަ އެވެ. އަދި ކުޅި ހިމެނޭ ސަރަހައްދުގައި ބެންޗު ބަހައްޓައި، ޖޯލިފަތި، އުނދޯލި އަދި ޑަސްބިން ބަހައްޓައި، ސޯލާ ބައްތި ތަކެއް ވެސް ހަރުކޮށްފައިވެ އެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް މިމަޝްރޫއުގެ ޕްރޮޕޯސަލް ހުށަހަޅައިގެން މަޝްރޫއު ކާމިޔާބު ކުރީ ޗިލް ބްރޯސް ޖަމިއްޔާ އިންނެވެ.
އެ ޖަމިއްޔާ އިން ބުނީ މި މަޝްރޫއަކީ މޮޅަދޫގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ރަށުގެ ރީތިކަން ރަށަށް ޒިޔާރަތްކުރާ ފަރާތަތްތަކަށް ފެންނާނެހެން ކުރިއަށް ގެންދެވުނު ވަރަށް ހާއްސަ މަޝްރޫއެއް ކަމަށެވެ.
"ޕާކް ހަދާފައިވާ ސަރަހައްދަކީ ރަށުގެ އެންމެންނަށް ވެސް ބޭނުންތެރި ތަނަކަން ވުމަކީ އަޅުގަނޑުމެންގެ އުއްމީދު،" ޗިލް ބްރޯސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ހއ. މޮޅަދޫ އަކީ އެ އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން އެންމެ އާބާދީ ކުޑަ ރަށެވެ.
ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާތަކުން މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކޮށްފައިވާ ފަންޑެކެވެ.
މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ބީއެމްއެލް އިން މިހާރު ދަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.