( 8 މާރިޗު 2022 އާ ގުޅޭ )
ކުންފުންޏަށް ނަހުޔާނާއެކު މަސައްކަތްކުރާނޭ އިތުރު ބޮސްއެއް އަންނަން އުޅޭކަން މުވައްޒަފުންނަށް އޮތީ އެނގިފައެވެ. އެކަކަށް ވެސް އެއީ ކާކުކަމެއް ނޭނގެއެވެ. ޑިޕާޓްމެންޓްތަކުގެ އިސްވެރީންނަށް އެނގިފައި އޮތީ އެއީ ނަހުޔާނުގެ އާއިލާ ކުއްޖެއްކަމެވެ. މާކެޓިން ޑިޕާޓްމެންޓުގެ ވެރިއަކަށް ހުންނަނީ އަޒްހަދެވެ. އޭނާ ވެސް އެހެން ދުވަސްދުވަހަށްވުރެ އަވަހަށް މިއަދު އޮފީހަށް އައެވެ.
ހޫރައިން ބަލިވެ އިނީއްސުރެ އޭނާގެ ހާލާ މެދު ޒެހެން ހުންނަނީ ކަންބޮޑުވެފައެވެ. އަނބިމީހާއަށް ބުރަކަމެއް ލިބިދާނޭ ކަމެއް އޭނާ ނުކުރެއެވެ. މަސައްކަތުގެ މާޙައުލުން ވާހަކަ ހިފައިގެން އައިސް އަނބިމީހާއާ ހިއްސާ ކުރުން މަދުކުރީ އެހެންވެއެވެ. "ސްޓްރެސް" ކުޑަކުރުމަށެވެ. އާއިލާގެ ވިޔަފާރީގެ ތެރެއަށް ޒެހެން ވަންއިރު މަސައްކަތްތައް ހިނގާ ގޮތެއް އޭނާއަކަށް ނޭނގެއެވެ. މުޅީން އާ މާޙައުލެކެވެ. ނުދަންނަ މޫނުތަކެވެ. ނަހުޔާނެކޭ އެއްހަމައިގަ ވެރިއެއްގެ ގޮތުގައި އެމީހުން ޒެހެންއަށް އިތުބާރުކުރާން ވަގުތު ނަގާނޭކަން އެނގެއެވެ. ކުއްލިއަކަށް ތަނަށް އަންނަ ވެރިޔަކަށް މުވަޒައްފުންގެ ލޯ އަމާޒުވެފައި ހުންނާނޭކަން ޒެހެން ދަނެވެ. ކޮންމެ ތަނެއްގައި މަސައްކަތް ކުރި ނަމަވެސް ތިމާގެ އަޚްލާޤު ހިފަހައްޓަން ޒެހެން އިސްކަމެއް ދެއެވެ.
އަޒްހަދާއި ޒެހެން ބައްދަލުވުމަކީ އިއްތިފާގަކަށް ނޫނީ ނުވެއެވެ. ދެ މީހުންނަށް ވެސް ގަބޫލުކުރަން ދަތިވިއެވެ. މިއީ ހަމަ އިއްތިފާގެއްބާއެވެ. ނޫނީ ބާރުނުފޮރުވޭނޭ ތަޤްދީރުގެ ނިޔާ ހެއްޔެވެ. އަޒްހަދަކީ ކާކުކަން ޒެހެންއަށް އެނގުނުތާ ގިނަ ދުވަހެއް ނުވޭ ވިއްޔާއެވެ. މިހާ އަވަހަށް ދެ މީހުން އަލުން ބައްދަލުވާނޭ ޒެހެން ވެސް ހިޔެއް ނުކުރެއެވެ. އާއިލާގެ ވިޔަފާރިއާ ގުޅޭން ޒެހެން ނިންމީ އަމިއްލަ ދިރިއުޅުމަށް ޓަކައި ނެގި ފިޔަވަޅެއްގެ ގޮތުންނެވެ. މަސައްކަތުގެ މާހައުލުން، އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފަކަށް އަޒްހަދު ވާނޭކަން އެއްގޮތަކަށް ނޭނގެއެވެ. އެހެން ކަންތައްވުމުން ޒެހެންގެ ނަފްސަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. އެ ހިތްނުތަނަވަސްކުރުން ޒެހެން ފިލުވާލީ މިއީ އޭނާއަށް ކުރިމަތި ކުރުވި އިމްތިހާނެއްކަމުގައި ގަބޫލުކުރަމުންނެވެ. އަނެއްކޮޅުން ހޫރައިންއާ ހަމައަށް އެ ވާހަކަ ގެންދިއުމާމެދު ޒެހެން ފަސްޖެހުނެވެ. މަސައްކަތުގެ މާހައުލާ ނުގުޅޭ ގޮތަކަށް އަޒްހަދާ މެދު ޒެހެންގެ ޢަމަލުތައް ނުބަހައްޓައެވެ. ވާހަކަދައްކަން ޖެހިއްޖެނަމަ އެކަކުއަނެކަކު ވާހަކަދައްކައެވެ. އޮފީހުގައި ބޭއްވޭ ގިނަ ބައްދަލުވުންތަކުން ދެމީހުން ބައްދަލުވެއެވެ. އެކަކުވެސް ޒާތީވުމެއް ނުގެންގުޅެއެވެ. އެހެންނަމަވެސް އަޒްހަދުގެ ޖެހިލުންވުން ޒެހެންއަށް ފާހަގަވެއެވެ. އޭނާއަށް ވެސް ޒެހެންއާ ކުރިމަތިލުން ފަސޭހަ ނޫންކަމެވެ. ހޫރައިންގެ މައުޟޫޢަކީ އޮޅިގެން ވެސް ޒެހެން މީހަކާ ހިއްސާނުކުރާނޭ ދާއިރާއެކެވެ. އަޒްހަދާއި ހޫރައިންއާ ދެމެދު އޮތް ގުޅުން ނިމި އެކަން މާޒީއަށް ވެއްޖެއެވެ. އެހެންވިޔަސް ސަމާލުވުމަކީ އޮތްކަމެއްކަން ޒެހެން ދަނެއެވެ. މާޒީގެ ފޭރާމުގައި އަދާ ހަމައަށް ބަދަލުނުވެ އޮތް ހިތެއް ފަރުދާވެ އޮވެދާނެއެވެ. ފުރުސަތަކަށް ބަލަބަލައެވެ. އެއީ ދިރިއުޅުމަށް އޮތް އެންމެ ބޮޑު ބިރެވެ. އެ ނުރައްކާތެރިކަމަށް އިންޒާރެއް ނުވެއެވެ. ފަރުވާވެ ނުހުރިއްޔާ ހަޔާތުގެ އުފާވެރިކަމަށް ވިހަލާއިރެއް ވެސް ނޭނގޭނެއެވެ.
"ކޭޑީ އެބަގުޅާ." ފޯނަށް ބަލާލާފައި ޒެހެންއާ އެއްކެބިންގައި އިން ނަހުޔާނަށް އޭނާ ބުނެލިއެވެ.
"އޭނާއަށް ޓަކައި އަންކަލް ހުރިހާކަމެއް ނިންމީމަ، މިހާރު އެހުރީ ނާންނަން ނިންމައިގެން. ބުނެބަލަ ބޮޑުވާހަކަށް އަދިވެސް ނުވޭތޯ." ނަހުޔާނު ބުންޏެވެ.
ހިނިއައިސްފަ އިނދެ ޒެހެން ފޯނުކޯލު ނެގިއެވެ. އެކުވެރިޔާއާ ވާހަކަދެއްކިއެވެ. ފައިސާކޮޅެއް ފޮނުވާ ދިނުމަށް އެދުމުން ޒެހެން ހައިރާންވިއެވެ. ހަންނާނުގެ ދަރިއަކު ފައިސާއަށް ދަތިވާން ޖެހޭ ސަބަބެއް ނޯންނާނޭކަން ޒެހެންއަށް އެނގެއެވެ. ވީގޮތެއް ޒެހެން އޮޅުންފިލުވިއެވެ. ދެން އޭނާ ފެށީ ހޭށެވެ. އެކުވެރިޔާގެ ގޮތް ދޫނުކުރާ ނިންމުން އިވިފައެވެ. ކައިވެންޏެއްކޮށް ދިރިއުޅުމެއް ފަށާކަށް ކައިދިން ތައްޔާރެއް ނޫނެވެ. އޭނާގެ އުޅުމުގައި ހުންނަ ދެއްކުންތެރިކަމާއި ފޮނި ގޮތްގަނޑު ޒެހެންއަށް ރަނގަޅަށް އެނގެއެވެ. އޭނާއަށް ހުރީ އެ މަންޒަރުތައް ފެނިފައެވެ. ފައިސާއަށް ދަތިނުވުމަކީ އެ ފައިސާ ފެން ފަދައިން ޚަރަދުކުރާން ޖެހޭ ސަބަބެއްނޫނެވެ. އެވެސް ފައިދާއެއްނުކުރާ ބޭކާރު ކަންކަމުގައެވެ. ހެދުން އަޅަން ޖެހެނީ އެންމެ މަޝްހޫރު އަގުބޮޑު ބްރޭންޑް ތަކުންނެވެ. ހުންނަން ޖެހެނީ ލަގްޒަރީ އެޕާޓްމެންޓުގައެވެ. އިރުއޮއްސިއްޖެނަމަ ޕާޓީކުރުން ފެށުނީއެވެ. އެކުވެރީންނާއެކު މަޖަލުގައި މުޅި ރޭ ހޭދަވެގެން ގޮސް ލޮލުފިޔަ ޖެހޭނީ ފަތިހުއެވެ. އެންމެ ވިޔާނުދާ އުޅުންކަމުގައި އެއްބަޔަކަށް ވެއެވެ. އަނެއްބަޔަކަށް އެއީ މުއްސަނދި ދިރިއުޅުމެވެ. މުސްލިމަކަށް އޭނާގެ ކުރު ހަޔާތުން ބޭކާރުކޮށް އެލެވެނީ އަނބުރާނުލިބޭނޭ އަގުހުރި ވަގުތުތަކެކެވެ. އުމުރުގެ ގޮތުން ޒެހެންއަށްވުރެ ކައިދިން ދޮށްޓެވެ. ނަމަވެސް އުޅުމުގައި ހަރުދަނާކަމެއް ނެތީއެވެ. ނަސޭހަތް ދިނަސް އޭނާގެ އެއްކަންފަތުން އެ ވާހަކަތައް ވަންނަ ގޮތަށް އަނެއް ކަންފަތުން ބޭރުވާނެއެވެ. ވިސްނާ ފިކުރުކުރުމެއް ނެތެވެ. ދީނުގެ ވާޖިބުގެތަކާއި ރުކުންތަކަކީ އުމުރުގެ ވަކި ހިސާބަކުން ސަމާލުވާން ޖެހޭ ކަމެއްކަމުގައި އޭނާއަށް ހީވާ ކަހަލައެވެ. ކައިދިންގެ ވާހަކަތައް ހުންނަނީ އެފަދައިންނެވެ. ފަންސާސް އަހަރުވާން ކައިރިވުމުން ހައްޖަށް ދާނީކަމުގައި ކައިދިން ބުނެއެވެ. ކުރި ހުރިހާ ފާފައެއް އެހިސާބުން ފުހެވޭނޭކަމުގައި އޭނާ ޤަބޫލުކުރެއެވެ. އެހިސާބުން ދެން އެވީ ހެޔޮ އެދޭ މީހުން ބުނާހެން ރަނގަޅަށް އުޅޭށެވެ. އެކަމަކު އެއީ އެންމެ ނުބައި ވިސްނުމެވެ. އޭނާގެ ހަޔާތް ވޭތިކުރި ގޮތާމެދު ސުވާލު ކުރެވޭނޭ ދުވަހެއް އެބައޮތެވެ. އުމުރުގެ ފަހުކޮޅަށް ދާންދެން ތަޢުބާ ލަސްކުރުމަކީ އުޒުރެއްނޫނެވެ. މޫސާގެފާނު ﷲގެ މަގަށް ގޮވާލެއްވުމުން ފިރިއައުނު ކަންތައް ކުރިގޮތް ހަނދާންކުރާށެވެ. އޭނާ ތިމަން މޫސާގެފާނާއި އެކަލޭނގެފާނުންގެ ވެރި ރަސްކަލާނގެއަށް އިމާންވަމޭ ބުނީ މަރުދެކެ ބިރުންނެވެ. ޣަރަގުވެ ނިމިގެން ހިނގައިދާނޭކަން ޔަގީންވުމުންނެވެ. އިސްލާހުގެ މަގަށް މީހާ ރުޖޫޢުވުން ވަނީ އެފަދައިންނެއް ނޫނެވެ.
"ކޭޑީ އެދުނުކަންތައް މިއަދު ކޮށްދޭނަން. އެކަމަކު އެނގޭ ދޯ އަހަރެންގެ ޖީބުންކަން ފޮނުވާނީ. މަންމައާއި އާއިލާގެ އަތުން އަހަރެން އެއްޗެއް ނުނަގަމޭ ބުނީމެންނު. އެހެންވީމަ އަހަންނަށް ވެސް ކޮންމެ ފަހަރަކު އެހީއެއް ނުވެވޭނެ. މިހާރު އަހަރެން ބަލަންޖެހޭ ބަޔަކު އެބަތިބި. ދެން އަންނަން އުޅޭ މިކޮޅަށް. ބުނީމެންނު އަހަރެން ކޮމްޕެނީއާ ގުޅިއްޖެއްޔާ ވިސްނާނަމޭ... މިހާރު އަހަރެން ވެސް ޖޮއިންކޮށްފިން. ހަންނާނުބެ މިއަދު ލޯ މަރާލިޔަސް ތީ ހުރި ހަމައެކަނި ފިރިހެން ދަރިއަކީ. ބަލަދުވެރިއަކީތީ. އެންމެންގެ ޒިންމާ އުފުލަން ހުރީ ހަމަ ކޭޑީ. މިއަދު ކުރިކަމެއް މާދަމާއަށް އޮންނާނީ. ކަމް ބެކް ކޭޑީ."
"އިމޯޝަނަލް ބްލެކްމެއިލް ކުރުމުގައި ޒެންވަރެއްނުވާނެ. އެންމެން ލެކްޗަރު ދިނަސް ޒެން އެހެންނުވާށޭ ބުނަމެންނު. އެނީވޭޒް... ތޭންކްސް ބްރަދާ. ޒެން ކޮށްދޭނެކަން އެނގޭތީ ބުނީ. އަބަދުއަބަދު ކިޔާކަށްނޫން." ކައިދިން ބުންޏެވެ.
ޒެހެން އެއްބަސްވީ ކައިދިން އެފަދަ ކަމަކަށް އެދުނު ފުރަމަތަ ފަހަރުވީމައެވެ. ހަމައެއާއެކު ފައިސާގެ އެހީތެރިކަމަކީ އަބަދު ވެވޭނެ އެހީތެރިކަމެއްނޫންކަން ޒެހެން ބުނީ ކައިދިންގެ ގޮތް އެނގޭތީއެވެ. އަދި އާއިލާގެ ގާތްކަމާއި ދެމެދުގައި އޮތް އެކުވެރިކަމުގެ ފައިދާ ނެގިޔަނުދޭން ވެގެންނެވެ.
"ކޮންތާކަށް." ފޯނުކޯލު ނިންމާލާފައި ޒެހެން މޭޒުދޮށުން ތެދުވުމުން ނަހުޔާނު އަހާލިއެވެ.
"ކޮފީއެއް ހަދާލަން." ޒެހެން ބުނެލިއެވެ.
"ނޫރާ ގެނެސްދޭނެ." ނަހުޔާނުގެ ސެކްރެޓަރީގެ ނަން ބުނެލިއެވެ.
"އޭނާގެ މަސައްކަތުގަ ބައިންދާ." ޒެހެން ބުންޏެވެ.
"އޭނާގެ މަސައްކަތުގެ ބައެކޭ އެއީ. އަހަންނެކޭ އެއްފަދައިން ޒެންއަކީ ވެސް އޭނާގެ ބޮސް." ނަހުޔާނު ހަނދާންކޮށްލަ ދިނެވެ.
"މިފަހަރު އަހަރެން އެކަނި ކޮފީއެއް ހަދާލާނީ. ދޮންބެ ކޮފީއެއް ބޭނުންނަމަ ނޫރާ ލައްވާ ގެނުވާ." ޒެހެން ބުންޏެވެ. ނަހުޔާނު ހީނލިއެވެ.
"ހޫރު ނޫން އަންހެނެއްގެ އަތުން ކޮފީ ނުބޯން ދޯ. ވަފާތެރި ފިރިން ތިބޭނީ ތިހެން... ކުރިމަތީގަ އަނބިމީހާ ފެންނަން ނެތިއްޔާ ވަފާތެރިކަން ނަގާ ޖީބަށްލާ ޒަމާން މީ. މިވީ ގޮތުން ޒެންއަށް އަންހެން ސެކްރެޓަރީއެއް ހޯދައިގެން ކަމަކުނުދާނެ ދޯ." ހިނިއައިސްފަ އިނދެ ނަހުޔާނު ވާހަކަދެއްކިއެވެ. ބޭބެގެ އަޑުގައި ސަމާސާއާއި ދިމާކުރުން އެކުލެވިފައި ވިއެވެ. ރައްދުގައި ބަހެއް ނުކިޔާ ޒެހެން ބަދަލުކޮށްލީ ހިނިތުންވުމެކެވެ.
އޮފީސް ތެރޭގައި ދެ ކޮފީ މެޝިނު ބެހެއްޓިފައި ހުއްޓެވެ. އެ ހުންނަނީ ސައިކޮޓަރީގެ ތެރޭގައެވެ. ޒެހެން ވަންނަން އައިއިރު ކޮންމެވެސް ބަޔަކު އެތެރޭގައި ވާހަކަދައްކާ އަޑު އިވެއެވެ. ދޮރުމަތިން ޒެހެން ހުއްޓިލިއެވެ. ކޮފީމެޝިނު ކައިރީ ހުރީ އަޒްހަދާއި އޮފީހުގެ ދެ މުވައްޒަފުންނެވެ. ކުއްލިއަކަށް ތަނަށް ވެރިވި ހިމޭންކަން ދެނެގަތުމަށް ކޮފީމެޝިނު ކައިރީ ހުރި އަޒްހަދު ބަލާލިއެވެ. ޒެހެން އެ އެންމެންނާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ކޮފީއެއް ބޯލަނީތޯ ޒެހެން އަހާލީ ވެރިވި ހިމޭންކަން ނަގާލުމަށެވެ. އެކުގައި ތިބި ދެ އެކުވެރީން އަޒްހަދަށް ދޯކާދިނެވެ. ޒެހެން ފެނުމުން އަވަހަށް އެ މީހުން އެތަނުން ނުކުތީއެވެ. ޒެހެންއާއެކު އަޒްހަދު ބަހައްޓާފައެވެ. ކޮފީހަދާ ނިމުމުން ޖޯޑު ހިފައިގެން ކުއްލިއަކަށް ނުކުންނަން އަޒްހަދަކަށް ނުކެރުނެވެ. އޮފީހުގެ މަސައްކަތާ ބެހޭ ވާހަކައެއް އަޒްހަދު ފެށީ ދެމެދުގައި އޮތް ބީރައްޓެހިކަން ކުޑަކުރުމަށެވެ.
އޯޝަން ކޮރަލް ކުންފުންޏާ އަޒްހަދު ގުޅުނުތާ އަދިވީ ދެ އަހަރެވެ. ކުރީން މަސައްކަތްކުރި އޮފީހަށްވުރެ މުސާރަ ބޮޑުވެފައި އިތުރު އެލަވަންސްތައް ލިބުމަކީ އޭނާ އެ ވަޒީފާ ޚިޔާރުކުރި ސަބަބެވެ. އެ ކުންފުންޏަކީ ޚިއްޞާވެގެން ހިންގާ ވިޔަފާރިއެއްކަން އެނގެއެވެ. ނަމަވެސް ވެރިޔާގެ ގޮތުގައި އޮފީސް ތެރެއިން އަބަދުވެސް ފެންނަނީ ނަހުޔާނު އެކަންޏެވެ. މުހިންމު ބައްދަލުވުމަކުން ވެސް ކުންފުނީގެ ހިއްސާދާރެއް މިވީ ދެ އަހަރުތެރޭ އަޒްހަދު ނުދެކެވެ. އެހެންވެ ކުއްލިއަކަށް ޒެހެން ފާޅުވި ގޮތަކާމެދު އަޒްހަދު ސުވާލު އެފެދެއެވެ.
"ކުރީން ރާއްޖޭގަ ނެތީމަތަ އޮފީހުން ނުފެނުނީ." އެކި ވާހަކަތައް ދައްކަމުން ކުއްލިއަކަށް އަޒްހަދު އަހާލިއެވެ.
"ކޮމްޕެނީއަށް ބަދަލުތަކެއް އަންނަން އުޅޭކަން އެނގެއެއްނު. މުވައްޒަފުން ވެސް އިތުރުވާނެ. މަސައްކަތްތައް ގިނަވެގެންދާނެ. ވެރިއެއްގެ މަސްޢޫލިއްޔަތަކީ ކުޑަކަމެއްނޫން. މިހާ ދުވަހު ނަހުޔާނު ޝަކުވާއެއްނެތި ހުރިހާކަމެއް ކުރަމުން އައީ. އަހަރެން ވެސް އަހަރެންގެ ޒިންމާ އަދާކުރަން ޖެހޭނެއެއްނު." އެކުވެރި ރާގެއްގައި ޒެހެން ވާހަކަދެއްކިއެވެ.
"ފެމެލީގެ އިތުރުން ކޮމްޕެނީގެ އިސް ހިއްސާދާރަކީ ޒެހެންކަމަށް އިންޓްރޯ މީޓިންގަ ނަހުޔާނު ބުނި. ހިތަށް އެރީ ތީ ނަހުޔާނުގެ ބޭބެކަމަށް. ފެމެލީގަ އެންމެ ބޮޑުކަމަށް." ޒެހެންއާ ބެހޭ ގޮތުން އޮޅުންފިލުވަން ގަސްދުކޮށް އަޒްހަދު ބުންޏެވެ.
"ވީ އާ ކަޒިންސް. ބޮޑީ އޭނަ. އެކަމަކު ފެންނަފެނުމަށް އަހަރެން ދޮށިހެން ހީވަނީ ދޯ. މީހަކާ ނީންނަންޏާ ހަރުވައްތަރެއް ނުޖަހާނޭ މީހުން ބުނޭ. އެހެންކަންނޭނގެ އެވީ." ހިނިއައިސްފަ ޒެހެން ބުނެލިއެވެ.
"ޒެހެން މެރީޑްތަ؟" އަޒްހަދު އަހާލިއެވެ. މިފަހަރު އޭނާގެ އަޑަށް ބަދަލުތަކެއް އައެވެ. ކުރިޔަށްވުރެ އޭނާގެ އަޑު މަޑުވެލީއެވެ. ފަހަރެއްގައި ޒެހެންގެ ކައިވެންޏާ ބެހޭ ގޮތުން އޭނާއަށް އެނގޭތީ ކަމަށް ވެދާނެއެވެ.
"އަލްޙަމްދުއްލިﷲ... އެ ނަސީބު ވެސް ލިބިއްޖެ. ދަރިއަކުވެސް އެބަހުރި. އިންޝާﷲ ދެވަނަ ދަރިފުޅާ ބައްދަލުވާން ގިނަ ދުވަހެއްނެތް." ފުޅާ ހިނިތުންވުމަކާއެކު ޒެހެން އެނބުރިލިއެވެ. އަޒްހަދާ ހަތަރުކަޅި ހަމަކޮށްލިއެވެ. ބަހެއް ކިޔަން ނޭނގިފައި ހުރި މީހަކުހެން ޒެހެންއާ ނަޒަރު ސީދާވެލި ގޮތަށް އަޒްހަދު ހުއްޓެވެ. ކޮފީ ހެދިއްޖެކަން މެޝިނު ހުއްޓުމަކަށް އައުމުން އެނގުނެވެ. ޒެހެން އެނބުރިލީ ކޮފީޖޯޑު ނަގާށެވެ. އޭނާ ފުރަގަސް ދިނުމުން އަޒްހަދަށް ތިރީތުންފަތުގައި ދަތްއަޅާލައި ހިފަހައްޓާލެވުނެވެ. ދެބުމަ ކައިރިކޮށްލައިގެންނެވެ.
"ހޫރައިންއާތަ އިނީ؟. އެހެންވެއްޖެނަމަ ހޫރައިންއަށް ދެވަނަ ކުއްޖަކު ލިބޭން އުޅެނީތަ؟. ޝީ މޫވްޑް އޯން." ހިތަށް ވެރި ޝުޢޫރުތަކުން އަޒްހަދުގެ ތަބީއަތަށް ބަދަލު ގެނުވިއެވެ.
ކޮފީ ޖޯޑު ހިފައިގެން އަޒްހަދަށް ޒެހެން ބަލާލިއެވެ. އޭނާ އިތުރު ވާހަކައެއް ނުދެއްކުމުން ޒެހެން ގަސްދުކުރީ އެނބުރި އޭނާ އިންނަ ނަހުޔާނުގެ ކެބިންއަށް ދާށެވެ. އެހެންވެ ދަނީއޭ ބުނުމުގެ ގޮތުން ކޮށްލި ސަލާމެއް ފަދައިން ޒެހެން ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ. ދެން ސައިކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ނަމަވެސް ދޮރުން ނުނިކުމެވެނީސް އަޒްހަދު އޭނާގެ ނަމުން ގޮވާލައިފިއެވެ. ޒެހެންއަށް ހުއްޓެން ޖެހުނީ އެހެންވެއެވެ. އެނބުރި އަޒްހަދަށް ޒެހެން ބަލާލިއެވެ.
"ވާހަކައެއް އަހާލަންތަ؟. އޮފީހާ ގުޅުމެއްނެތް." އަޒްހަދު ބުންޏެވެ. އެ މޫނުން ހިސާބެއްގެ ނުތަނަވަސްކަން ފާޅުވާތީ ޒެހެން ދުށްޓެވެ. އޮފީހާ ގުޅުމެއްނެތް ވާހަކައެއް އަޒްހަދު ދައްކަން ބޭނުންވުމުން ޒެހެންގެ ބޮލުގައި ރިއްސާލިއެވެ. (ނުނިމޭ)