ނުރައްކަލެއް އޮތް ކަމަށް ބުނެ އައްޑޫ ލިންކް ރޯޑުގައި ހުރި ގިނަ އަދަދެއްގެ ރުއް ނަގައިފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މޫލެކެޑެ އަވަށުގެ ކައުންސިލްގެ މެމްބަރު އަހްމަދު ސައީދު ވިދާޅުވީ ރުއް ތަކެއް ނެގީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުއްދަ ހޯދައިގެން ކަމަށެވެ.
އީޕީއޭ އިން އަންގާފައި އޮތީ ރުއްތައް ނަގާނަމަ އެހެން ސަރަހައްދެއްގައި އެ ރުއްތައް ޖެހުމަށް ކަމަށާއި ކައުންސިލުން އެކަން ކުރާނެ ކަމުގައިވެސް އަހްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރުއްތަކެއް ނެގީ ވައިގަދަވެ މޫސުން ގޯސް ދުވަސްތަކުގައި އެ ރުއް ތަކުގެ ސަބަބުން އާންމުންނަށް ނުރައްކާވާ ކަމަށް ބުނެ ބައެއް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑުމެން އެ ރުއްތައް ހުރި ތަނުގައި އަދި އަލުން ގަސްވެސް ޖަހައި އެ ސަރަހައްދު ވެސް ފެހި ކުރާނަން. އަދި އެ ސަރަހައްދުގައި އިތުރު ލައިޓް ޖަހާ އެ ސަރަހައްދު އަލި ވެސް ކުރާނަން،" އަހްމަދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ދެލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް އެބައޮތް ކަމަށެވެ. އެ ޕްރޮގްރާމުގެ ދަށުން ވެސް އައްޑޫގައި ގިނަ އަދަދެއްގެ ގަސް އިންދާނެ ކަމުގައި ވިދާޅުވި އެވެ.
ގާތްގަނޑަކަށް 55 ރުއް ނަގާފައިވާއިރު އެ ރުއް ތަކަކީ އެވްރެޖުކޮށް 60 އަހަރުވެފައި ހުރި ރުއް ތަކެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެ އެވެ.
ބައިވަރު ރުއްތަކެއް ނެގުމާ ގުޅިގެން އެކަން ފާހަގަކޮށް ބައެއް އާންމުން ގެންދަނީ ސަރުކާރަށާއި އައްޑޫ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.