ފާރު ޕެއިންޓް ކުރާ އޮޓަމެޓިކް ރޮބަޓް މަޔޯ ފުރަތަމަ ފަހަރަށް އުފެއްދި ކުންފުނި ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ހަދަން ހުށަހަޅައިފި އެވެ.
ޑިޖިޓަލް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ނަމުގައި ޑިޖިޓަލް ބޭންކު ހެދުމުގެ ގޮތުން މޯޖޭއިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުށަހަޅާފަ އެވެ.
މޯޖޭ ގްލޯބަލް ހޯލްޑިން ލިމިޓެޑް އިން ރާއްޖޭގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ފަށަން ޕްރޮޕޯސަލްލުމަށް އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ ޑިރެކްޓަރު ޗަންދީ ކެރޭރާ އާއި ކޮމްޕްލެއިން އޮފިސަރު ޔާސިރު ހާން ވަނީ ބައިވެރިވި އެވެ. މި ކުންފުނީގެ ޗެއާމަން އަކީ އެސްޖޭއަރުން އެވެ.
މޯޖޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ރާއްޖޭގައި ހަދާ ޑިޖިޓަލް ބޭންކަކީ މުޅިން އޮޓަމެޓިކް އޮޕަރޭޓިން ސިސްޓަމަކުން ގުޅާލައިވާ ބޭންކެއް ކަމަށާ، މި ބޭންކުން ފައިސާގެ މުއާމަލާތެއް ކުރަން ނަގާނީ މަދު ވަގުތު ކޮޅެއް ކަމަށެވެ. އަދި ބޭންކުން ހިދުމަތް ފަށާއިރު އެކައުންޓް ހުޅުވުމުން ފެށިގެން ބޭންކަކުން ލިބޭނެ ހުރިހާ ހިދުމަތްތަކެއް ފުރިހަމައަށް ލިބެން ހުންނާނެ ކަމަށެވެ.
މޯޖޭ ކުންފުނިން ބުނީ މި ހިދުމަތް ވެގެންދާނީ ސަލާމަތީ ގޮތުން ރައްކާތެރި ހިދުމަތަކަށް ކަމަށާ، އެ ކުންފުނިން ޔޫއޭއީ އާއި ބްރެޒިލާއި އިންޑިއާ އަދި އެމެރިކާ ފަދަ ގައުމުތަކަށް ހިދުމަތް ފުޅާކުރަން ޕްލޭން ކޮށްފައިވާ ކަމަށެވެ.
ދުބާއީގައި ފުޅާކޮށް ވިޔަފާރި ކުރާ ކުންފުނިން ބުނީ އެ ކުންފުނިން ސްވިސް ބޭންކާ އެކު ހެދޭ ޖޮއިންޓް ވެންޗާ (ޖޭވީ) އެއް ހަދަން މަސައްކަތް ކުރަމުންދާ ކަމަށާ އެކަމުގެ ސަބަބުން ރާއްޖޭގެ ބޭންކްތައް މެދުވެރިކޮށް މަަޝްރޫއުތަކަށް ބޭރު ފައިސާ ހޯދުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.
![](https://images-01.avas.mv/post/big_O5vLyYfihe3j214Qxljz5UDJM.png)
މޯޖޭ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން އެ ކުންފުންޏަކީ ދުބާއީގައި ފިންޓެކް ހިދުމަތް ދިނުމުގެ އިތުރުން ލަގްޒަރީ ކާރުގެ ހިދުމަތްވެސް ދޭ ކުންފުންޏެކެވެ.
މީގެ އިތުރުން މަޔޯގެ ނަމުގައި ދުނިޔޭގެ ފުރަތަމަ ވޯލް ޕެއިންޓިން ރޮބަޓް އުފެއްދި ކުންފުންޏެވެ. މި ކުންފުނިން ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ހުޅުމާލެ ސްމާޓް ސިޓީ ޕްރޮޖެކްޓުގެ ދަށުން ބައެއް ވަސީލަތް ގާއިމުކުރަންވެސް އެޗްޑީސީއާއެކު އެމްއޯޔޫއެއް ހަދާފަ އެވެ.
ބޭރު ކުންފުންޏަކުން ޑިޖިޓަލް ބޭންކެއް ހަދަން ހުށަހަޅާފައިވާއިރު ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯއިން ވެސް ޑިޖިޓަލް ބޭންކެއް ހަދަން ހުށަހެޅި އެވެ. ނަމަވެސް އެމްއެމްއޭއިން ވަނީ އެ ޕްރޮޕޯސަލް ގަބޫލުނުކޮށްފަ އެވެ. އެކަމަކު އެސްޓީއޯ އިން ދަނީ ހުއްދަ ހޯދަން އަލުން ހުށަހެޅުމަށް ތައްޔާރު ވަމުންނެވެ.