ސާފް ސުޒުކީ ކަޕް

ޗެމްޕިއަން ޓީމް ދިމާ ކުރަން އަވަސް އިން އެއްލަކަ ރުފިޔާގެ އިނާމް، ފައިނަލް ބަލަަން ދިއުމުގެ ފުރުސަތު

Dec 24, 2015
3

އިއްޔެ އިންޑިއާގެ ޓްރެވިންޑްރަމްގައި ފެށި ސާފް ސުޒްކީ ކަޕްގެ ތަށި މިއަހަރު އުފުލައިލާނެ ޗެމްޕިއަން ޓީމް ދިމާކޮށްގެން، އެއް ލައްކަ ރުފިޔާއަށް ވުރެ އަގު ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު އެސްޓީއޯގެ ހެޔޮ އެދުން ތަކާ އެކު އަވަސްގެ ކިޔުންތެރިންނަށް ހުޅުވާލައި މޯލްޑިވިއަންގެ ހެޔޮ އެދުންތަކާއެކު ސުޒްކީ ކަޕްގެ ފައިނަލް މެޗް ބަލައިލަން ޓްރެވިންޑްރަމްއަށް ދާން ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އެސްޓީއޯ އާއި އުރީދޫގެ ހެޔޮ އެދުންތަކާ އެކު ކުރިއަށް ދާ، "އެސްއެމްއެސް އެންޑް ވިން" ކޮންޓެސްޓްގައި، ބައިވެރިވުމަށް އެސްއެމްއެސް ކުރަން ޖެހެނީ "win" ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށްލާފައި މޮޅުވާ ގައުމުގެ ނަން ޖެހުމަށް ފަހު، 367 އަށެވެ. މޮޅުވާ ގައުމު ދިމާ ކުރުމުގެ ފުރުސަތު، ޖެނުއަރީ 3 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗްގެ ފުރަތަމަ ހާފް ނިމުމާ ހަމަޔަށް ހުޅުވިފައި އޮންނާނެ އެވެ. ތިން ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފައިނަލް މެޗް ނިމުމަށް ފަހު، ބާއްވާ ގުރު ނެގުމުގައި އެންމެ ފުރަތަމަ ނަސީބުވެރިޔާއަށް ލިބޭނީ އެސްޓީއޯ އިން ހަދިޔާ ކޮށްފައިވާ 65 އިންޗީގެ ސެމްސަންގް އެޗްޑީ ކާވް ޓީވީ އެކެވެ. ދެވަނަ އަށް ނެގޭ ނަސީބުވެރިޔަކަށް ސެމްސަންގް ނޯޓް 4، ފޯނެއް ދިނުމަށް ހަމަޖެހިފައިވާ އިރު، ތިން ވަނަ ނަސީބުވެރިޔާއަށް އެސްޓީއޯ އިން ދޭނީ ސެމްސަންގް 32 އިންޗީގެ ޓީވީ އެއް ލިބޭނެ އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ހެޔޮ އެދުންތަކާއެކު މުބާރާތުގެ ފައިނަލް މެޗް ބަލައިލަން ޓްރެވިންޑްރަމްއަށް ދިޔުމަށް ދެކޮޅު ޓިކެޓް ހޯދުމުގެ ފުރުސަތު ދޭ ޕްރޮމޯޝަންގައި ޝައުގުވެރިވާ ފަރާތްތަކުން އެސްއެމްއެސް ކުރަން ޖެހެނީ، 30 ޑިސެމްބަރުގެ އިރުއޮއްސި 6:30 ގެ ކުރިން، "maldivian" ޖެހުމަށް ފަހު 367 އަށެވެ.

މިފަދަ އަގު ބޮޑެތި އަނާމުތަކަކާ އެކު، "އަވަސް" އިން ފެށި ޕްރޮމޯޝަނާ ގުޅޭ ގޮތުން ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމް ވިދާޅުވީ މީގެ ބޭނުމަކީ ދިވެހިންގެ އެންމެ މަގުބޫލު ކުޅިވަރު، ފުޓްބޯޅައިގެ ފޯރި އަވަސްގެ ކިޔުންތެރިންގެ މެދުގައި އިތުރުކޮށް ގައުމީ ޓީމަށް ސަޕޯޓް ކުރުމަށް އިތުރު ހިތްވަރު ދިނުން ކަމަށެވެ. އަދި މި ޕްރޮމޯޝަނަކީ އެސްޓީއޯ އާއި މޯލްޑިވިއަން ގުޅިގެން އަވަސްގެ ކިޔުންތެރިންނަށް ގެނެސްދޭނެ ރަނގަޅު ހަދިޔާއަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ޗީފް އެޑިޓަރު ވިދާޅުވި އެވެ.

"އެސްޓީއޯ އާއި މޯލްޑިވިއަން އަދި އުރީދޫ އިން މިކަމުގައި ބައިވެރިވެ މި ފެށި ޕްރޮމޯޝަން އަކީ އަވަސްގެ ކިޔުންތެރިންނަށް ކަމުދާނެ ހަދިޔާއެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" އާދަމް ހަލީމް ވިދާޅުވި އެވެ.