ދުނިޔެ

ޔޫރަޕަށް ކޮވިޑަށް ވުރެ ޔުކްރޭނާ ހެދި ލިބޭ ގެއްލުން ބޮޑުވާނެ: ވޯކްސްވާގަން

ޖަރުމަނުގެ މަޝްހޫރު ކާރު އުފައްދާ ކުންފުނި ވޯކްސްވާގަން ބުނި ގޮތުން ކޮވިޑާ ހެދި ޔޫރަޕްގެ އިގުތިސޯދަށް ލިބުނު ގެއްލުމަށް ވުރެ ބޮޑު ގެއްލުމެއް ޔުކްރޭންގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ހެދި ލިބޭނެ ކަމަށެވެ.

ވޯކްސްވާގަން ގްރޫޕްގެ ޗެއާމަން ހަބާޓް ޑީސް ފައިނޭޝަލް ޓައިމްއަށް ވިދާޅުވި ގޮތުން ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ ތަކެތި ދުނިޔޭގެ މާކެޓުގައި ދަރުރުވުމަށް ދަތިތަކެއް ކުރިމަތިވާނެ އެވެ. އޭގެ ސަބަބުން ތަކެތީގެ އަގުތައް ފާލުން ނެއްޓި އިންތިހާއަށް ބޮޑުވާނެ އެވެ.

ހަބާޓް ވިދާޅުވި ގޮތުން ރަޝިއާ - ޔުކްރޭން ހަނގުރާމަ ދިގުލާން ވެއްޖެ ނަމަ ޔޫރަޕަށް ލިބޭ ގެއްލުން ވަކިން ބޮޑުވާނެ އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ޔުކްރޭންގައި މިހާރު އޮތް ހާލަތަށް ޔޫރަޕް ތައްޔާރުވެފައި ނެތުން ކަމަށެވެ.

ޔުކްރޭނަށް ރަޝިއާ ދެމުން ގެންދާ އުދުވާނީ ހަމަލާތައް ހުއްޓުމަކަށް ނާތުވެއްޖެ ނަމަ ރަޝިއާޣައި ޚިދުމަތް ހުއްޓާލާނެ ކަމަށް ވޯކްސްވާގަން އޮތީ ބުނެފަ އެވެ. އަދި އެ މަރުކާގެ ކާރުތައް ރަޝިއާއަށް ނުވިއްކާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

ރަޝިއާގައި ހުންނަ ވޯކްސްވާގަން ފެކްޓަރީތަކުގައި 7،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ. ފައިނޭންޝަލް ޓައިމްސް ބުނާ ގޮތުން މިދިއަ އަހަރު ވޯކްސްވާންގެ 204،000 ކާރު ރަޝިއާގައި ވިއްކާފައިވެ އެވެ.

ރަޝިއާއަށް ދަތިކުރުމުގެ ވިސްނުމުގައި، ރަޝިއާގައި ވިޔަފާރިކުރާ ބޭރު ގައުމުތަކުގެ ކުންފުނިތަކުން ވިޔަފާރި ބަންދުކޮށް އަދި މުވައްޒަފުން ވަކިކުރާ ނަމަ އިންވެސްޓްމަންޓުން ބައެއް ދައުލަތަށް ނަގާނެ ކަމަށް ރަޝީއާ އޮތީ ބުނެފަ އެވެ.

ރަޝިއާ ބުނާ ގޮތުން އެފަދަ ވިޔަފާރިތަކުން ރަޝިއާ ބޭނުންކުގައި ބަހައްޓާފައި ހުރި ފައިސާއިން ބައެއް ދައުލަތަށް ނަގާނެ އެވެ.