ރަޝިޔާ

ރަޝިއާ ދޫކޮށް ދާ ކުންފުނިތަކުގެ މުދާ ހިފަހައްޓަނީ

ރަޝިއާގެ އަސްކަރިއްޔާއިން ޔުކްރޭނަށް އަރައިގަނެ ހިންގަމުން ގެންދާ ޖަރީމާތައް -- ރަޝިއާ ބުނާ ގޮތުން ނަމަ، އަސްކަރީ ޚާއްސަ އޮޕަރޭޝަންގެ ސަބަބުން، ރަޝިއާގައި ވިޔަފާރި ހުއްޓާލާނެ ކަމަށް ބައިނަލްއަގްވާމީ އެތައް ކުންފުންޏަކުން އޮތީ އިއުލާންކޮށްފަ އެވެ.

ރަޝިއާއާ ދެކޮޅަށް ބައިނަލް އަގުވާމީ ވިޔަފާރި ކުންފުނިތަކުން އަޅަމުން ގެންދާ ފިޔަވަޅުތައް ހުއްޓުވައި އިގުތިސޯދީ ލޮޅުން ކުޑަކުރުމަށް ރަޝިއާގެ ޓްރޭޑް މިިނިސްޓްރީން މުޅިން އަލަށް ތައާރުފުކުރަން މަސައްކަތްކުރާ ގަވާއިދު ވަރަށް ރަނގަޅު ކަމަށް ރައީސް ޕޫޓން ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕުން ރަޝިއާއަށް އިގުތިސޯދީ ގޮތުން ދަތިކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން 310 ކުންފުންޏަކުން ވަނީ ރަޝިއާގައި ޚިދުމަތް ހުއްޓާލާނެ ކަމަށް ބުނެ ބުނެފަ އެވެ.

ވިޔަފާރި މުޅިން ހުއްޓާލާނެ ކަމަށް ބައެއް ކުންފުނިތަކުން ބުނިއިރު އެއްވެސް ޚިދުމަތެއް ނުދޭ ގޮތަށް ޚިދުމަތް ހުއްޓާލުމާއި ޚިދުމަތު ފެންވަރު ދަށްކުރުން ފަދަ ހަރަކާތްތައް ހިންގާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

ދުޅަހެޔޮ ގައުމެއް ގޮތުގައި ރަޝިއާ އޮތްއިރު ގައުމުގެ ވަސީލަތްތައް ބޭނުންހިފައި މާލީ ތަނަވަސްކަން ހޯދީ ކުންފުނިތަކުން ރަޝިއާއަށް ގެއްލުން ދިނުމަށް ވިޔަފާރި ހުއްޓާލައި ރަޝިއާ ދޫކޮށް ދާ ނަމަ އެކުންފުނިތަކުގެ މުދާ ހިފެހެއްޓޭނެ ގޮތެއް ވަޒީރުންގެ ފެންވަރުގައި ރާވަމުން ގެންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ރަޝިއާއިން ބޭރު ކުންފުނިތަކުގެ ވިޔަފާރި މުދާ ދައުލަތަށް ނެގުމާއި އެމުދަލުގެ މައްޗަށް އޮންނަ ކުންފުނިތަކުގެ ހައްގު ހިފަހައްޓައި ރަޝިއާގެ އިގުތިސޯދަށް ލިބޭ ގެއްލުމުގެ ބަދަލު އެކުންފުނިތަކުން ދޭން ޖެހޭ އުސޫލަކާ މެދު ވެސް މަޝްވަރާ ކުރެވޭ ކަމަށްވެ އެވެ.

ރަޝިއާ ބުނާ ގޮތުން ބޭރު ގައުމުތަކުގެ ކުންފުނިތަކާ މެދު އަމަލުކުރެވޭނީ އެމީހުން ރަޝިއާއާ މެދު އަމަލުކުރާ ގޮތަކަށެވެ. އަދި އެކުންފުންޏަކުން ރަޝިއާއަށް އެހީތެރިވާ ނަމަ ރަޝިއާއިން ވެސް އެހީތެރިވާނެ އެވެ.