ބޮލީވުޑް

ބާންސާލީގެ ލޯބީގެ ވާހަކަ އޭނާގެ ފިލްމުތަކަށް ދުލެއް ނުކުރޭ!

ސަންޖޭ ލީލާ ބާންސާލީ އަކީ އިންޑިޔާގައި މިވަގުތު ފިލްމު އުފެއްދުމުގެ މަސައްކަތްކުރާ ޑައިރެކްޓަރުންގެ ތެރެއިން އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރެކެވެ. އޭނާ ފިލްމީ މަސައްކަތް ފެށީއްސުރެ މިހާތަނަށް ފަސް ނެޝަނަލް އެވޯޑު، 11 ފިލްމްފެއާ އެވޯޑު އަދި ޕަދްމާ ޝްރީ ލިބިފައިވުމީ އޭނާގެ ކުޅަދާނަކަމުގެ ރަމްޒެކެވެ.

ބާންސާލީގެ ފުރަތަމަ ފިލްމު "ޚަމޯޝީ"އަކީ ވެސް އޭގެ ޒާތުގައި ވަރަށް ޔުނީކް ފިލްމެކެވެ. އޭގެ ފަހުން އޭނާ އުފެއްދި "ހަމް ދިލް ދޭ ޗުކޭ ސަނަމް"، "ދޭވްދާސް". "ބްލެކް"، "ގުޒާރިޝް"، ގޯލިޔޯން ކީ ރާސްލީލާ – ރާމް-ލީލާ"، "ޕަދްމާވަތު" އަދި "ބާޖީރާއޯ މަސްތާނީ" އަކީ ވަރަށް ރީތި މޮޅު ފިލްމު ތަކެކެވެ.

އޭނާގެ ފިލްމުތަކުގައި އާދައިގެ ދިރިއުޅުމުގައި މީހުންނަ ނުފެންނަ ވަރުގެ ރީތި ތަންތަނާއި މަންޒަރުތައް ފެނެ އެވެ. އަދި އޭނާ ފިލްމު ހުށަހަޅާގޮތް ވެސް އެހެން ޑައިރެކްޓަރުންނާ ވަރަށް ތަފާތެވެ. ބޮލީވުޑްގެ ހުރިހާ އެކްޓަރުން ވެސް ބާންސާލި އަށް ވަރަށް ގަދަރުކުރެ އެވެ. އަދި އޭނާގެ އިޝާރާތަކަށް ތިބެނީ ބަލަބަލަ އެވެ.

ބާންސާލީގެ ޕްރޮފެޝަނަލް ހަޔާތުގެ ވާހަކަ އެންމެންވެސް ދަނެ އެވެ. ނަމަވެސް އޭނާގެ ޒާތީ ދިރިއުޅުން އެނގެނީ މަދު ބަޔަކަށެވެ. އޭނާ ދުވަހަކުވެސް ކައިވެންޏެއް ނުކުރެ އެވެ. އަދި ކައިވެނިކުރުމުގެ ޚިޔާލެއް ވެސް ނުގެންގުޅެ އެވެ.

ބާންސާލީގެ ހަޔާތަށް އައީ އެންމެ އަންހެނެކެވެ. ކޯރިއޮގްރާފަރު ވައިބަވީ މާޗަންޓެވެ.

ވައިބަވީ އާއި ބާންސާލީ ފުރަތަމަ ބައްދަލުވީ 1999 ވަނަ އަހަރު އެވެ. "ހަމް ދިލް ދޭ ޗުކޭ ސަނަމް"ގެ ސެޓުންނެވެ. އޭރު ވައިބަވީ އަކީ އަލަށް ވިދަން ފެށި ކުޅަދާނަ ޒުވާން ކޯރިއޮގްރާފަރެކެވެ. އޭރުއްސުރެ ބާންސާލީ އާއި ވައިބަވީގެ ގުޅުން ބަދަހި ވަމުން ދިޔަ އެވެ. ނަމަވެސް ދެ މީހުންގެ ހިތުގައި އެކަކު އަނެކަކަށް ޚާއްސަ ކަނެއް އޮތްކަން އެމީހުންނަށް އިހްސާސްވީ 2007 ވަނަ އަހަރު "ސާވަރިޔާ" އުފެއްދުމުގެ މަސައްކަތް ކުރިއިރު އެވެ.

އެ ދުވަސްވަރު ދެ މީހުން އެކުގައި ތަންތަނަށް ގޮސް އުޅެނިކޮށް ވެސް ފެނިފައި ވެއެވެ. އަދި "ސާވަރިޔާ"ގެ ޕްރެމިއާއަށް ދެ މީހުން އެކުގައި ދިޔަ ތަން ފެނިފައި ވަރަށް ގިނަ ބަޔަކު ބުމަ އަރުވާލި އެވެ. އެ މީހުންގެ ލޯބީގެ ވާހަކަތައް ނޫސްތަކުގައި ޖަހަމުން ދިޔަ ނަމަވެސް ވައިބަވީ އާއި ބާންސާލީ ތިބީ އަނގައިގައި ޓޭޕް އަޅައިގެންނެވެ.

ދެން އިވެން ފެށީ ދެ މީހުން ކައިވެނިކުރަން ތައްޔާރުވާ ވާހަކަ އެވެ. ޓައިމްސް އޮފް އިންޑިޔާގައި އެ ދުވަސްވަރު ޖަހާފައިވާ ޚަބަރެއްގައި ބުނެފައިވާ ގޮތުގައި 2008ގެ މާޗު މަހު ބާންސާލީ އާއި ވައިބަވީގެ ކައިވެނި ކުރުމަށްޓަކައި ވަރަށް ފޯރީގައި ތައްޔާރީތައް ވިއެވެ. އަދި ދެ ފަރާތުގެ އާއިލާގެ ކުރިމަތީގައި އެމީހުންގެ އެންގޭޖްމެންޓް ރަސްމިއްޔާތު ވެސް ބޭއްވިކަމަށް ޚަބަރުތައް ފެތުރިފައި ވެއެވެ.

ދެ މީހުން ދެންމެ ދެންމެ ކައިވެނި ކޮށްފާނެހެން ހީކޮށް ތިއްބާ ކުއްލިއަކަށް ދެން އިވެން ފެށީ ދެ މީހުން ރުޅިވީ ވާހަކަ އެވެ. އަދި ރުޅިވީ ދެ މީހުން އެގޮތާ އެއްބަސް ވެގެން ކަމަށް ވެސް އޭރު ޚަބަރު ފެތުރުނެވެ. ނަމަވެސް އެ ދެމީހުންގެ މެދުގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ.

"ވައިބަވީ އާއި ބާންސާލީ އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވޭ. އަދި އެކަކު އަނެކަކަށް ވަރަށް އިހްތިރާމް ވެސް ކުރޭ. އެހެންވެ ކައިވެނިކުރަން ގަސްތުކުރީ. ނަމަވެސް ވަކި ހިސާބަކުން އެ މީހުންނަށް ވިސްނުނު ކައިވެނިކޮށްގެން އެމީހުންނަށް އުފާވެރި ދިރިއުޅުމެއް ނޫޅެވޭނެކަމަށް. އެހެންވެ އެމީހުން އަމިއްލައަށް އެކަމުން ދުރުހެލިވީ،" ދެ މީހުންގެ ގާތް މީހަކު ކިޔައިދީފައި ވެއެވެ.

ވައިބަވީގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ސީދާ ބާންސާލީގެ ނަން ނުބުނެ އެ ދެ މީހުންގެ ލޯތްބަށް ދިމާވި މައްސަލަތައް ކިޔައިދީފައި ވެއެވެ.

"އަހަރެން ވަރަށް ގަޔާވާ އަދި އެމީހަކު ދަސްކުރަން ބޭނުންވާ މީހަކު އަހަރެންގެ ހަޔާތަށް އެއް ދުވަސްވަރަކު އައި. އޭނާއާ ބައްދަލުކޮށް އިތުރަށް އޭނާ ދެނެގަންނަން އަހަރެން ބޭނުންވި. ނަމަވެސް ދެ މީހުންނަށް އެކަކު އަނެކަކު ރަނގަޅަށް ދަސްވުމުން ކައިވެނިކޮށްގެން އެކުގައި ނޫޅެވޭނެކަން ދެ މީހުންނަށް ވެސް ގަބޫލު ކުރެވުނު. ސަބަބަކީ އަހަރެމެން ދެ މީހުންނަކީ ވެސް ވަރަށް ބޯ ހަރު އަދި މިނިވަންކަމަށް ލޯބިކުރާ ދެ މީހުންނަށް ވާތީ އެކުވެރިންގެ ގޮތުގައި ތިބުން މާ ރަނގަޅުކަމަށް ގަބޫލު ކުރެވޭތީ،" ވައިބަވީގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

ވައިބަވީ ބުނި ގޮތުގައި އޭނާ އާއި ސަންޖޭ އެމީހުންގެ ގުޅުން ރަނގަޅު ހިސާބަކަށް ގެންދަން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ އެވެ.

އޭގެ ފަހުން އެތައް އަހަރެއް ފާއިތުވީއިރު ވެސް ދެ މީހުން ތިބީ ހުސްހަށިބަޔަށެވެ. ކައިވެނިކުރުމުގެ ޚިޔާލެއް ދެ މީހުން ވެސް ނުގެންގުޅެ އެވެ. އެމީހުންގެ ފޭނުން އަދިވެސް އެ މިހުން ގުޅޭނެކަމުގެ އުންމީދުގައި އެބަތިއްބެވެ.