ގދ. ތިނަދޫގައި މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަ ކުރަން އެ ރަށުގައި ސަރުކާރުން އަޅަން ނިންމާފައިވާ މިއުޒިއަމް ޕާކާއި ސްޕޯޓްސް އެރީނާގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
މިއަދު ދަރުބާރުގޭގއި ބޭއްވި ރަސްމިއްޔާތުގައި ތިނަދޫގައި މިއުޒިއަމް ޕާކް އެޅުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެމްއާރްޑީސީއާއެވެ.
އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމެވެ. އެމްއާރްޑީސީގެ ފަރާތުން އެތަނުގެ އެމްޑީ މުހައްމަދު ރިޔާޒު ސޮއިކުރެއްވިއިރު ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.
އެމްޓީސީސީއިން މިއުޒިއަމް ޕާކްގައި ހިމެނޭ ފައްވާރާއި މިއުޒިއަމް އަދި އައުޓްޑޯ ލައިބްރަރީގެ މަސައްކަތް ކުރާނެއެވެ. އެމްއާރްޑީސީއިން ހަވާލުވެފައިވަނީ ޕާކްގެ ލޭންޑް ސްކޭޕާއި ގަސްޖެހުމުގެ މަސައްކަތްތައް ކުރުމަށެވެ.
ތިނަދޫގައި ސްޕޯޓްސް އެރީނާ އެޅުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ހަލީމް ސޮއިކުރެއްވިއިރު ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޒުހޫރެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ، ތަރައްގީގެ ކަންކަން ރާއްޖޭގެ ހުރިހާ ރަށްރަށް ހަމަހަމަކަމާއެކު ކުރެއްވުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވާ ކަމަށާއި މި މަޝްރޫއަކީ ދެވަނަ ފަހަރަށް ތިނަދޫގައި ރައްޔިތުން އާބާދުވިތާ 50 އަހަރު ފުރޭތީ، ރައީސް ޔާމީން ތިނަދޫގެ ރައްޔިތުންނަށް ދެއްވި ހަދިޔާއެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ތިނަދޫއަކީ މި ސަރުކާރުން ތަރައްގީކުރުމަށް ބޭނުންވާ ރަށެއް ކަމަށާއި އެގޮތުން އެރަށުގައި ގިނަ މަޝްރޫއުތެއް ހިންގަން ނިންމާފައިވާ ކަމަށެވެ. ތިނަދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު މުއިއްޒުު ވިދާޅުވީ ތިނަދޫގެ ބިން ހިއްކާ ނިމުމުން ކައިރީގެ ރަށްތައްކުގެ މީހުން ތިނަދޫއަށް ބަދަލުކުރާނެ ކަމަށެވެ.
"އޭގެ ސަބަބުން ތިނަދޫގެ ރައްޔިތުންނަށާއި ކައިރި ރަށްތަކުގެ ރައްޔިތުންނަށް ވެސް ފައިދާވާނެ،"
އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވީ، ތިނަދޫއަކީ އެ ކުންފުނިން އެންމެ ގިނަ މަޝްރޫއުތައް ހިންގަމުންދާ ރަށް ކަމަށާއި ތިނަދޫގައި ގިނަ މަޝްރޫއުތަކެއް ހިންގަން ބޭނުންވާ ކަމަށެވެ.
"އެމްޓީސީސީގެ އަމާޒަކީ ބަހާއި ފެރީގެ ހިދުމަތްތައް އަތޮޅުތެރެއަށް ދިނުން، އެގޮތުން ހުވަދު އަތޮޅަކީ އެމްޓީސީސީއިން ޝައުގުވެރިވާ އަތޮޅެއް،" އޭނާ ވިދާޅުވިއެވެ.
ތިނަދޫގައި އަޅާ ޕާކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، މިއުޒިއަމް ޕާކަކީ ތިނަދޫގެ ރައްޔިތުން ބަލައިގަންނަ ފެންވަރު ރަނގަޅު ޕާކަކަށް ވެގެންދާނެ ކަމަށެވެ. "ޕާކްގައި ހިމެނޭ ފައްވާރު ވެގެންދާނީ މާލޭގައި ގާއިމުކުރި ފައްވާރަށްވުރެ ފެންވަރު ރަނގަޅު ކުޑަކުދިންނަށް ބޮޑަށް އިންޓްރެކްޓް ވެވޭ ގޮތަށް ހެދޭ ފައްވާރަކަށް،"
މިނިސްޓަރު ޒުހޫރު ވިދާޅުވީ، އެ މިނިސްޓްރީން މިހާރު އިސްކަމެއްދެނީ މިނިސްޓްރީން ހިންގާ ކުދި މަޝްރޫއުތައް ހައުސިން މިނިސްޓްރީ އަދި އެންވައިރަމެންޓް މިނިސްޓްރީން ހިންގާ ބޮޑެތި މަޝްރޫއުތަކާ ގުޅިގެން ހިންގުމަށެވެ. އެ މިނިސްޓްރީން ދެން ކުދި މަޝްރޫއުތައް ހިންގާނީ އެހެން މިނިސްޓްރީތަކުން ހިންގާ ބޮޑެތި މަޝްރޫއުތަކާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތަށް ނިންމީ ކުދި މަޝްރޫއުތައް ކުރާނެ ބަޔަކު ނުވާތީ ކަމަށާއި އެކަމުގެ ސަބަބުން މަޝްރޫއުތައް ހިންގުމަށްދާ ހަރަދު ކުޑަވެފައިވާ ރައްޔިތުންނަށް ލިބޭ ހިދުމަތް އަވަސްކުރެވިގެންދާނެތީ ކަމަށް ޒުހޫރު ވިދާޅުވިއެވެ.
މިއުޒިއަމް ޕާކް އެޅުމަށް 25 މިލިއަން ރުފިޔާ ހަރަދު ވާނެއެބެ. ސްޕޯޓްސް އެރީނާ މަޝްރޫއަކީ ޑިޒައިން ބިލްޓް މަޝަރޫޢަކަށް ވާތީ، މަޝްރޫޢުގެ އަގު ޑިޒައިން މަސައްކަތަށްފަހު އިއުލާން ކުރެވޭނެ މިނިސްޓްރީން ބުންޏެވެ.