ޕާކިސްތާން އިމުގެ ތެރެއަށް އިންޑިއާގެ މިސައިލެއް ދިޔައީ ހިނގި އެކްސިޑެންޓަކުން ކަމަށް އިންޑިއާ އިން ބުނެފި އެވެ.
އިންޑިއާއިން ބުނީ އެކަން ހިނގީ އާދައިގެ މަތިން ކުރެވުނު މެއިންޓަނަންސް ޓެސްޓްތަކެއް ހަމަމަގުން ކައްސާލައިގެން ކަމަށެވެ.
އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ހަވާލާދީފައި އޮތީ މިދިޔަ ބުދަ ދުވަހު ހިނގި އެކްސިޑެންޓަކަށެވެ. ބުނެފައި އޮތީ މެއިންޓަނަންސް މަސައްކަތަކެއްގައި އޮޅިގެން ޕާކިސްތާން ސަރަހައްދަށް މިސައިލެއް ފޮނުވާލެވުނު ކަމަށެވެ.
ޕާކިސްތާނުން ބުނީ އެއީ ހިނގި އެކްސިޑެންޓެއް ކަމަށް އިނޑިއާ އިން ބުނި ނަމަވެސް އެއީ އަސްކަރީ ހަމަލާއެއް ގޮތުގައި ބެލިދާނެ އަމަލެއް ކަމަށެވެ.
މިކަން ހިނގައި ދިޔަ ގޮތް ވަރަށް ރަނގަޅަށް ބަލައި އިހުމާލުވި މީހަކު ހުރި ނަމަ ފިޔަވަޅު އަޅަން އިންޑިއާ ސަރުކަރުން ވަނީ ވަރަށް ހަރުކަށި އަމުރެއް ނެރެފަ އެވެ.
މިސައިލް ހަމަލާގައި ދެގައުމުން ކުރެ ގައުމެއްގެ އެކަކަށް ވެސް އަނިޔާއެއް ނުވެ އެވެ. މިސައިލް ވެއްޓުނީ ޕާކިސްތާންގައި މީހުން އާންމުކޮށް ނޫޅޭ ސަރަހައްދަކަށެވެ. އެހެންކަމުން ޕާކިސްތާން މީހަކަށް އަދި ތަނަކަށް ބޮޑު ގެއްލުމެއް ނުވެ އެވެ. އެހެން ނަމަވެސް ޕާކިސްތާންގައި ހުންނަވާ އިންޑިއާ ސަފީރު ޕާކިސްތާން ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް އެކަން ހިނގައި ދިޔަ ގޮތް ވަރަށް ސީރިއަސްކޮށް ބައްލަވައި ދެއްވުމަށް ވަނީ ދަންނަވާފަ އެވެ.
ޕާކިސްތާނާ އިންޑިއާ އަކީ އަވައްޓެރި ދެ ގައުމު ކަމަށްވީ ނަމަވެސް އެއްގަލަކަށް އެރެނީ މަދުފަހަރަކު އެވެ. އަބަދު ކަހަލަ ގޮތަކަށް އޮންނަނީ ކަނިކަނޑައިގެން ގޮސްފަ އެވެ.
މި ދެ ގައުމުގެ ގުޅުން ބަދަހިވާ ގޮތެއް މެދުވެރިވެއްޖެ ނަމަ އެކަން ވެގެން ދާނީ އަވައްޓެރި ލަންކާ އަދި ދިވެހިރާއްޖެއަށް ވެސް ވަރަށް ބޮޑު ލުޔަކަށެވެ.
އިންޑިއާ އަދި ޕާކިސްތާނަކީ ވެސް އަވައްޓެރި ގައުމުތަކަށް ވަރަށް ބޭނުންތެރި ދެ ގައުމެވެ.