ހައިކޯޓް

ހައިކޯޓުގެ ފަނޑިޔާރުން ދެކުނު ގޮފީގެ ޝަރީއަތްތައް ފަށައިފި

Mar 12, 2022

ހައިކޯޓުގެ ފަނޑިޔާރުން އައްޑޫ ސިޓީ އަށް ވަޑައިގެން ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ޝަރީއަތްތައް ފަށައިފި އެވެ.

މައްސަލަތައް ބެލުމަށް ފަނޑިޔާރުން އައްޑޫ ސިޓީ އަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މައްސަލަތައް ބެލުމަށްފަހު ފަނޑިޔާރުން އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ދެކުނު ގޮފީގައި ކުރިއަށް ގެންދާ ޝަރީއަތްތަކުގެ ތާވަލް ވެސް ހައިކޯޓުން ދަނީ އާންމުކުރަމުންނެވެ.

އައްޑޫ އަށް ވަޑައިގެންނެވި ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައިކޯޓުގެ އުތުރުގޮފި ހދ. ކުޅުދުއްފުށީގައި އަދި ހައިކޯޓުގެ ދެކުނު ގޮފި ގާއިމުކޮށްފައިވަނީ އައްޑޫ ސިޓީގެ ހުޅުމީދޫގަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ހައިކޯޓުގެ އުތުރު ގޮތްޕާއި އަދި ދެކުނު ގޮފި އުވާލުމަށް ކޯޓު ތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމަވާ، އެ އިސްލާހު މިހާރު ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.