އެމްއެންޑީއެފް

ސިފައިންގެ ތަމްރީންތަކުގައި ދިމާވާ މައްސަލަތައް ބަލަނީ

Mar 12, 2022
5

އެމްއެންޑީއެފްގެ ތަމްރީން ހަދަމުންދާ ކުދިންނަށް ދިމާވަމުންދާ މައްސަލަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް އެކި އިދާރާތަކުގެ ފަންނީ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމެއް ނަގައިފި އެވެ.

ހާއްސަ ޓީމެއް އެކުލަވާލާފައި މިވަނީ ޅ. މާފިލާފުށީގައި ތަމްރީން ހަދަމުން ދިޔަ ޒުވާނެއް ކަމުގައިވާ ގދ. ގައްދޫ އަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް މިމަހުގެ ހަތްވަނަ ދުވަހު މަރުވެ އަދި ތަމްރީން ހަދަމުން ދިޔަ ސިފައިންގެ އިތުރު ދެ މީހަކަށް އައިޖީއެމްއެޗްގައި މިވަގުތު ފަރުވާ ދެމުންދަނިކޮށެވެ. އެކަކަށް ފަރުވާ ދެނީ އައިސީޔޫގަ އެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަސްކަރީ ތަމްރީން ތަކަކީ އޭގެ ޒާތުގައި ބުރަ އަދި "ރިސްކް" ހިމެނޭ ތަމްރީން ތަކެއް ކަމަށެވެ.

މިތަމްރީންތަކަށް ނެގޭ ސިފައިންނަކީ ފިޒިކަލް އަދި މެޑިކަލް ޓެސްޓްތަކެއް ހެދުމަށްފަހު ޓްރެއިނިންތަކުގައި ބައިވެރިވެވޭ ކުދިން ކަމަށްވެސް ބަޔާންގައިވެ އެވެ.

"ތިން ކުއްޖެއްގެ މެޑިކަލް މައްސަލަތަކެއް ދިމާވެއޭގެތެރެއިން އެއްކުއްޖަކު ނިޔާވެ ދެވަނަ ކުއްޖަކަށް އައސީޔޫގައި ފަރުވާކުރަންޖެހި އަދި ތިންވަނަ ކުއްޖަކު އެޑްމިޓްކޮށް ފަރުވާ ދޭންޖެހުމަކީ އެމްއެންޑީއެފް އިން މިކަމާ ކަންބޮޑުވެ ހިތާމަކުރާ ކަމެކެވެ،" ބަޔާންގައިވެ އެވެ.

ދިމާވަމުންދާ މައްސަލަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެކި އިދާރާތަކުގެ ފަންނީ ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލައި ދިމާވާ މައްސަލަތައް ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި މިމައްސަލަތަކާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ހާމަކުރާނީ ކޮމިޓީގެ މަސައްކަތް ނިމުމުން ކަމަށްވެސް ބުނެފައިވެ އެވެ.

އެމްއެންޑީއެފްގެ ތަމްރީންތަކުގައި ދިމާވާ މައްސަލަތައް ބަލަން ފަށާފައި މިވަނީ ސިފައިންގެ ތަމްރީން ތަކުގައި މިފަހުން މައްސަލަތަކެއް އުޅޭކަން ފާހަގަކޮށް ބައެއް މީހުން ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފަށާފައި ވަނިކޮށެވެ.