މާލޭ ސިޓީ ކައުންސިލް

ނީލަން މުދާ ވިއްކާ ސަރަހައްދުން 67 ޓަނުގެ ކުނި ނަގައި އުކާލައިފި

Mar 12, 2022

މާލޭގެ ފަޅުމަތީ މަގުގައި ނީލަން މުދާ ވިއްކަމުންދާ ސަރަހައްދުގައި މަގު މައްޗަށްވާ ގޮތަށް ހުރި މުދަލާއި ކުނިތައް ނަގާ ސާފުކޮށްފި އެވެ.

މިމަސައްކަތް ސިޓީ ކައުންސިލުން މިރޭ ނިންމާލީ ފުލުހުންނާ ގުޅިގެންނެވެ.

ސިޓީ ކައުންސިލުން ބުނީ ސަރަހައްދު ސާފުކޮށް ނިންމާލެވުނުއިރު 67 ޓަނުގެ ކުނި ނަގައި އުކާލެވުނު ކަމަށެވެ.

ފަޅުމަތީ މަގުގައި ނީލަން މުދާ ވިއްކަމުންދާ ސަރަހައްދު ސާފުކޮށްފައި މިވަނީ އެ ސަރަހައްދުގައި މުދާ ވިއްކާ މީހުން، އެ ސަރަހައްދު ސާފުކުރަން އިއްޔެގެ ނިޔަލަށް މުއްދަތު ދިނުމަށްފަހު އެވެ.

މީގެކުރިން ވެސް ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދުގެ މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ނުކުރަން ތަކުރާރުކޮށް އަންގާފަ އެވެ.

ސިޓީ ކައުންސިލުން ބުނީ ފަޅުމަތީ މަގުގެ ސަރަހައްދުގައި އެކި ފަރާތްތަކުން މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި، މަގުމައްޗަށް ގިނަ އަދަދަކަށް ކުނި އަޅަމުން ގެންދާތީ އާންމު ރަތްޔިތުންގެ ފަރާތުންނާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކައުންސިލަށް ތަކުރާރުކޮށް ޝަކުވާ ލިބޭ ކަމަށެވެ.

މާލޭގެ ދެކުނު ފަރާތުގައި ބާމުދާ ވިއްކާ ގޮޅިތަކުގައި ދޭތެރެދޭތެރެއިން އަލިފާނުގެ ހާދިސާތައް ވެސް ހިނގާފައިވެ އެވެ. އަދި އެ ސަރަހައްދުގައި ވިޔަފާރިކުރުމަށް ގިނަ އަދަދަކަށް ބިދޭސީން ހަރަކާތްތެރިވާ ކަން ވެސް ފާހަގަކުރެވެ އެވެ.